16 ޖޫން 2021 - 15:19

ފެނަކައާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަހުގީގު ދިގުދަންމަން ނުތިބެ، އަވަހަަށް ބަލައިދިނުމަށް އެ ކުންފުނިން މިއަދު އެދިއްޖެ އެވެ
މީޑިއާތަކުގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން ފެނަކައިން ނެރުނު ބަޔާނުގައި ބުނީ އެއީ މިނިވަން މުއައްސަސާއަކަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ލިޔެކިޔުމެއް ނައްތާލާނެ ކުންފުންޏެއް ނޫން ކަމަށެވެ. އަދި އެ މެނޭޖްމަންޓަކީ އެފަދަ ލިޔެކިޔުމަކަށް ބަދަލު ގެނެސް، ކަމުން ރެކި، ޒިންމާ އަދާކުރަން ފަސްޖެހޭނެ ބައެއް ނޫން ކަމަށް ފެނަކައިން ބުންޏެވެ.
އެ ކުންފުންޏަށް ރައްދުވާ ގޮތަށް މުއައްސަސާތަކަށް ހުށަހަޅާފައިވާ މައްސަލަތައް އަވަހަށް ނިންމަން އެދުނުއިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރު ވެސް އަންނަނީ ފެނަކައާ ގުޅޭގޮތުން ހުށަހެޅި 18 މައްސަލައެއް ތަހުގީގުކުރަމުންނެވެ. އޭގެ ތެރެއިން ގިނަ މައްސަލަ ހުށަހެޅީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާ ދެކޮޅަށެވެ.
އޭގެ ގިނަ މައްސަލަތައް ހުށަހަޅައި ތަހުގީގުކުރަމުން އަންނަތާ ވެސް މިހާރު އަހަރެއް ވަނީ އެވެ.
"މި ކުންފުންޏާ މެދު މިނިވަން މުއައްސަސާތަކަށް ހުށަހެޅިފައިވާ މައްސަލައެއްވާ ނަމަ ދިގުދަންމަން ނުތިއްބަވާ ވީ އެންމެ އަވަހަކަށް މައްސަލަތައް ތަހުގީގުކޮށް ނިންމަވައި ދެއްވުމަށް ވެސް މި ފުރުސަތުގައި ދަންނަވަމެވެ،" ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނީ ފެނަކައިގައި 2019 ވަނަ އަހަރުގެ ކުރިން ހިންގަމުންދިޔަ ނޭއްގާނީ އަމަލުތައް ހުއްޓުވަން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއި ގެނެސްފައިވާ ހެޔޮ ބަދަލުގެ ސަބަބުން މިހާރު އެ ފަދަ ކަމަކަށް ފުރުސަތެއް ނެތް ކަމަށެވެ. އެކަންކަމާ ހަސަދަވެރިވެ، ކުންފުނި އަދި އެ ކުންފުނީގެ މުވައްޒަފުން ހިމެނޭ ގޮތުން ވެރިންގެ އަގުވައްޓާލުމަށް ހަގީގަތާ ހިލާފު ވާހަކަތައް ލިޔެ އާއްމުކުރުމަކީ ޒިންމާދާރުކަމެއް ނޫން ކަމަށް ވެސް ބުނެ އެވެ.
"ކުންފުންޏާ މެދު ހުށަހެޅޭ ޝަކުވާތަކަށް ކަމާ ގުޅުންހުރި ކޮންމެ މުއައްސަސާއަކުން އެދި ލައްވާ އެދިލެއްވުމަށް ފުރިހަމައަށް އިޖާބަދީ، އެއްބާރުލުން ދެމުން ދާ ފަދައިން ކުރިއަށް އޮތް ތަނުގައި ވެސް ސާބިތުކަމާ އެކު އެ ފަރާތްތަކާއެކު ހައްގުގޮތުގައި މަސައްކަތް ކުރަމުންދާނެ ކަމުގައި ދަންނަވަމަވެމެވެ،" ބަޔާނުގައި ފާހަގަކުރި އެވެ.
"ހަބަރު ފަތުރާ ވަސީލަތްތަކުގައި މިފަދަ ހަގީގަތާ ހިލާފު ލިޔުންތަކެއް ޝާއިއު ކުރި ނަމަވެސް މިހާރު މި ކުންފުނީގައި ކޮރަޕްޝަނާއި ފަސާދައިގެ މުޑުދާރު އަމަލުތައް ނުހިންގޭނެ ކަމާއި އަބަދުވެސް އިހުލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނަތްތެރިކަމާ އެކު މި ކުންފުނިން މަސައްކަތްކުރާނެ ކަމުގައި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޔަގީންކޮށް އަރުވަމެވެ،"
ކޮރަޕްޝަންގެ ހާޔެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ފެނަކައާ ގުޅޭ 13 ކަމެއް އިސްލާހުކުރަން ވެސް ފިނޭންސް މިނިސްޓްރީން މިދިޔަ އޭޕްރީލް މަހު އެންގި އެވެ. އެ ކަންކަން ރަނގަޅުކޮށް ތަންފީޒުކޮށްފައިވާ ކަމަށް ސައީދު ކުރިން ވިދާޅުވެފައިވެ އެވެ.