ދަރަނިވެރިވެ މަސައްކަތެއް ހޯދަން ޔާޝް ޗޯޕްރާ ކައިރިއަށް ދިޔައިން: އަމީތާބު
ދަރަނިވެރިވެ މަސައްކަތެއް ހޯދަން ޔާޝް ޗޯޕްރާ ކައިރިއަށް ދިޔައިން: އަމީތާބު

އަމީތާބު ބައްޗަންގެ ފިލްމު ކުންފުނި އަމީތާބު ބައްޗަން ކޯޕަރޭޝަން ލިމިޓެޑް (އޭބީސީއެލް) ބަނގުރޫޓުވެ ދަރަނިވެރިވި ދުވަސްވަރެއް ވެސް ދިޔަ ކަމަށާއި މަސައްކަތެއް ހޯދަން އެކި މީސްމީހުންނަށް އާދޭސްކޮށްފައި ވާނެ ކަމަށް އަމީތާބު ބުނެފި އެވެ.

އިންޑިއާ ޓުޑޭގެ "އަންފޮގެޓެބްލްސް" ކިޔާ ޕްރޮގްރާމެއްގައި ރަންބީރު ކަޕޫރާ އެކު ބައިވެރިވި އަމީތާބު ބުނީ މީހުންނަށް އަދާކުރަންޖެހޭ ދަރަނިތައް ދެއްކޭ ގޮތް ނުވެގެން އެ ދުވަސްވަރު ބައެއް މައްސަލަތައް ކޯޓާ ހިސާބަށް ވެސް ދިޔަ ކަމަށެވެ. އަމީތާބު ބުނި ގޮތުގައި އެ ހާލަތަށް ދިއުމުން ދެން ކުރެވޭނެ ކަންތައްތަކާ މެދު ވިސްނާ ފިކުރުކުރި ކަމަށެވެ.

"އަހަރެން ހިތަށް އެރި އަހަންނަކީ އެކްޓަރެކޭ. އެހެންވީމާ އަދިވެސް އެ މަސައްކަތުން އަހަންނަށް ކާމިޔާބު ހޯދޭނޭ. އަހަރެން ހަދާނެގޮތް ހުސްވެގެން ޔާޝް ޗޯޕްރާ ކައިރިއަށް ވެސް މަސައްކަތެއް ހޯދަން ދިޔައިން. މުހައްބައްތޭން އަކީ އަހަރެންގެ އެ އެދުމަށް އިހްތިރާމްކޮށް ޔާޝް އަހަންނަށް ދިން ފިލްމެއް،" އަމީތާބު ކިޔައިދިނެވެ.

މަސައްކަތެއް ހޯދަން އެހެން މީހެއް ކައިރިއަށް ދިއުމަށް އޭނާގެ ޟަމީރު ގަބޫލުކުރިތޯ ރަންބީރު ސުވާލުކުރުމުން އަމީތާބު ބުނީ އެއްވެސް އިރެއްގައި ކިބުރުވެރިކަމަކީ ކޯއްޗެއްކަން އޭނާއަށް ނޭނގޭ ކަމަށާއި އެހެންވެ އެފަދަ ކަމެއް ދިމާނުވާ ކަމަށެވެ.

"އަހަރެންގެ އަތުގައި ކުރާނެ މަސައްކަތެއް ނެތްނަމަ އަހަރެން ގޮސް މީހެއް ކައިރީގައި މަސައްކަތެއް ދޭށޭ ބުނާނަން،" އަމީތާބު ބުންޏެވެ.

އަމީތާބު ދަރަނިވެރިވީ "ކޫލީ" ކުޅެނިކޮށް ދިމާވި އެކްސިޑެންޓަށްފަހު ފިލްމު ކުޅުން ހުއްޓާލާފައި ހުރި ދުވަސްވަރުގަ އެވެ. އެގޮތުން 1984 އިން 1987 އާ ދެމެދު އަމީތާބު އެއްގޮތަކަށް ވެސް ފިލްމީ މަސައްކަތެއް ނުކުރެ އެވެ.

އަމީތާބު ބުނި ގޮތުގައި ފިލްމު ކުޅުން ހުއްޓާލުން އެއީ އޭނާއަށް ހެދުނު ވަރަށް ބޮޑު ގޯހެކެވެ. ކެމެރާއާ ދުރުގައި އޭނާ ހުރެގެން ނުވާނެކަމަށް އަމީތާބު ގަބޫލުކުރެ އެވެ. ސަބަބަކީ ފިލްމީ މަސައްކަތުގައި ހޭދަކުރާ ކޮންމެ ދުވަހަކީ ވެސް އާ ކަންތައްތަކެއް ދަސްވާ ދުވަހަކަށް ވާތީ އެވެ.

އަމީތާބު ދެވަނަ ފަހަރަށް ފިލްމު ކުޅެން ފެށި ދުވަސްވަރު އަނެއްކާ ވެސް އޭނާގެ ނަސީބު އަތުގައި ހިފި އެވެ. މަޝްހޫރު ޓީވީ ޝޯ "ހޫ ވޯންޓްސް ޓު ބީ އަ މިލިނައާ" ގެ ހިންދީ ޝޯ "ކޯން ބަނޭގޭ ކްރޯޅްޕަތީ" އިންޑިއާގައި ލޯންޗުކުރުމުގެ ގޮތުން އެ ޝޯ ހޯސްޓްކުރަން ލިބުމުންނެވެ. މި ޝޯގެ އެންމެ އެޕިސޯޑެއް ވެސް އަމީތާބު ކުޅެދީފައިވަނީ އެތައް މިލިއަނަށް ރުޕީސް އަކަށެވެ. އަދި ޝޯ އަކީ އިންޑިއާ މީހުންނަށް ވަރަށް މަގުބޫލު ޝޯއަކަށް ވުމުގެ ސަބަބުން އިސާހިތަކު އަމީތާބުގެ މަގްބޫލުކަން އަނެއްކާވެސް ހީނުކުރާހާވަރަށް އިތުރުވެގެން ދިޔަ އެވެ.

އޭގެ ފަހުން އަމީތާބު ވަނީ އޭނާގެ ކުންފުނީގެ ހުރިހާ ދަރަންޏެއް ފިލުވައި އަލުން ކުންފުނި ކޮޅަށް ޖަހައިފަ އެވެ. އަދި ކިތަންމެ ބަލިވިޔަސް އޭގެ ފަހުން ފިލްމީ މަސައްކަތް ހުއްޓައެއް ނުލަ އެވެ.