16 ޖޫން 2021 - 13:54

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އެމެރިކާގެ ސްޓޭޓްތަކުގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކާއެކު، ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދުތައް ދަށަށް ދާން ފެށުމާ ގުޅިގެން، ކެލިފޯނިއާ އާއި ނިއު ޔޯކްގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް އިއްޔެ އިން ފެށިގެން ލުއިތައް ދޭން ފަށައިފި އެވެ.
ކެލިފޯނިއާގައި ދިން ލުއިތަކުގެ ތެރޭގައި، ރެސްޓޯރެންޓްތަކާއި ބާތަކާއި ސުޕަމާކެޓްތަކާއި ޖިމްތަކާއި ސްޓޭޑިއަމްތަކާއި، ހިދުމަތްދޭ އެހެން ތަންތަނުގައިވެސް، ވަކި އަދަދަކަށް މީހުން ވައްދައިގެން ހިދުމަތް ދިނުމުގެ އުސޫލު މިހާރު ވަނީ ދޫކޮށްލައިފަ އެވެ. މަޝްހޫރު ޑިޒްނީލޭންޑް ވެސް، ހަމައެކަނި ކެލިފޯނިއާގެ ރައްޔިތުންނަށް ވަދެވޭ ގޮތަށް އޮތް އުސޫލު ދޫކޮށްލައި، އިއްޔެ އިން ފެށިގެން ވަނީ އާންމުކޮށް ހުޅުވާލައިފަ އެވެ.
ނިއު ޔޯކްގެ ގަވަރުނަރު އެންޑްރޯ ކުއޯމޯ ވިދާޅުވީ އެ ސްޓޭޓްގެ ބޮޑެތި މީހުންގެ 70 ޕަސެންޓް މީހުން، މިހާރު ކޮވިޑް ވެކްސިންގެ އެއް ޑޯޒް ޖަހާފައިވާ ކަމަށެވެ. އެހެންކަމުން، އެ ސްޓޭޓްގައި ދޭ ލުއިތައް، ހަވާއެރުވުމަކުން ފާހަގަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަތްދިހަ ޕަސެންޓްގެ މާނައަކީ ކޮބާ؟ އޭގެ މާނައަކީ، އަހަރެމެން ކުރިން ދިރިއުޅެމުން އައި އާންމު ދިރިއުޅުމުގެ ތެރެއަށް މިހާރު އަހަރެމެންނަށް އެނބުރި ދެވިދާނެޔޭ."
އޭނާ ވިދާޅުވީ ނިއު ޔޯކްގައި ދިން ލުއިތަކުގެ ތެރޭގައި، އެއްވުންތަކުގައި މީހުންނަށް ބައިވެރިވެވޭނެ އެންމެ މަތީ އަދަދު ކަނޑަނޭޅުމާއި، ވިޔަފާރި ކުރާ ތަންތަނަށް އެއްފަހަރާ ވަދެވޭނެ މީހުންގެ އަދަދު ކަނޑަނޭޅުމާއި، ފިހާރަތަކާއި ރެސްޓޮރަންޓް ފަދަ ތަންތަނުން ހިދުމަތް ލިބިގަތުމުގައި ހަ ފޫޓުގެ ދުރުމިން ބަހައްޓަން ނުޖެހުން ހިމެނެ އެވެ.
އެހެން ނަމަވެސް، ބައެއް ބާވަތުގެ ވިޔަފާރިކުރާ ތަންތަނުން ސާފުތާހިރުކަމުގެ ވަކި މިންގަނޑުތަކެއް ހިފެހެއްޓުމާ އެކު، އެ ތަންތަނަށް ވަންނަ މީހުންގެ ހަށިގަނޑުގެ ހޫނުމިން ބެލުމާއި، ކޮވިޑްގެ އަލާމާތެއް ހުރިތޯ ބެލުމުގެ އުސޫލު އަދިވެސް އެ ގޮތުގައި އޮންނާނެ އެވެ.
އޭގެ އިތުރުން، އާންމު ތަންތަނުގައި އުޅޭ އިރު މާސްކް އެޅުން މަޖުބޫރު ނުވުމާއި، ގައިދުރުކަން ބެހެއްޓުން ވެސް މަޖުބޫރު ނުވުން، އިއްޔެ ދިން ލުއިތަކުގެ ތެރޭގައި ހިމެނެ އެވެ. މިއީ، ފެށެން އުޅޭ ހޫނު މޫސުމުގެ ޗުއްޓީއާ ދިމާކޮށް، ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ އެވެ.
އެމެރިކާގައި ކޮވިޑް ބަލި އެންމެ ބޮޑަށް ފެތުރިގެން ދިޔައީ، މިދިޔަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވެކްސިން ދޭން ފެށުމާއެކު، ކޮވިޑް ޖެހޭ މީހުންގެ އަދަދާއި، އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ދާން ފަށައިފަ އެވެ.
އެމެރިކާގެ ވެކްސިން ދޭ އުމުރުގެ ގާތްގަނޑަކަށް 65 ޕަސެންޓް މީހުންނަށް މިހާރު ވަނީ ވެކްސިންގެ އެއް ޑޯޒް ޖަހައިފަ އެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެވުނު މީހުންގެ ނިސްބަތް މިހާރު ވަނީ 40 ޕަސެންޓަށް ވުރެ މަތިވެފަ އެވެ.
އެމެރިކާ ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ، މިއަހަރުގެ މިނިވަން ދުވަހު (ޖުލައި 4)ގެ ކުރިން، އެ ގައުމުގެ ވެކްސިން ޖަހާ އާބާދީގެ 70 ޕަސެންޓް މީހުންނަށް، ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށެވެ.
ނަމަވެސް މިހާރުވެސް އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވަނީ އެމެރިކާގަ އެވެ. އެ ގައުމުގެ 34.4 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، އެ ބަލީގައި މަރުވި މީހުންގެ އަދަދު އިއްޔެ ވަނީ 600000 ފަހަނައަޅައިފަ އެވެ. (ރޮއިޓާސް)