16 ޖޫން 2021 - 13:49

ޗައިނާގެ އިރުދެކުނު ގުއަންގްޑޮންގް ޕްރޮވިންސްގައި ހުންނަ، ޓައިޝަން ނިއުކްލިއާ އިންޖީނުގެ އިން ރޭޑިއޭޝަން ލީކްވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ޗައިނާ ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.
ޓައިޝަން ނިއުކްލިއާ އިންޖީނުގެއަކީ ފަރަންސޭސި ވިލާތުގެ ކުންފުންޏެއް ކަމަށްވާ ފްރަމަޓޯމް އިން ފަރުމާކޮށްދިން އިންޖީނުގެއެކެވެ. އެ އިންޖީނުގޭގެ ބޭރު ސަރަހައްދުން ރޭޑިއޭޝަންގެ އަސަރު އާންމުކޮށް ހުންނަ ވަރަށް ވުރެ މަތިވެފައިވާކަން، ފަރަންސޭސި ކުންފުނިން، ޗައިނާގެ ނޭޝަނަލް ނިއުކްލިއާ ސޭފްޓީ އެޑްމިނިސްޓްރީގެ ސަމާލުކަމަށް މިދިޔަ ހަފުތާގައި ގެނެސްފައިވާ ކަމަށް ހުޅަނގުގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
ޗައިނާގެ މިނިސްޓްރީ އޮފް އިކޮލޮޖީ އެންޑް އެންވަޔަރަންމެންޓް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ޓައިޝަން އިންޖީނުގޭގެ ޔުނިޓް 1 ގެ ޕްރައިމަރީ ސާކިޓްތަކުގައި ރޭޑިއޭޝަންގެ މިންވަރު މަތިވެފައިވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ. ނަމަވެސް، އެއީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އިންޖީނުގެ ހިންގުމަށް އެކަށީގެންވާ މިންވަރެއް ކަމަށް ވެސް އެމިނިސްޓްރީން ބުންޏެވެ.
ރޭޑިއޯއެކްޓިވިޓީގެ މިންވަރު މަތިވެފައިވަނީ، އިންޖީނުގޭގެ ބައެއް ފިއުލް ރޮޑްތަކަށް ލިބުނު ގެއްލުމެއްގެ ސަބަބުން ކަމަށާއި، އެފަދަ ގެއްލުންތައް ލިބުމަކީ އާންމު ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"ޓައިޝިން އިންޖީނުގޭގެ ވަށައިގެންވާ ސަރަހައްދުގެ ތިމާވެށީގެ ހާލަތު ބަލައި ދިރާސާކުރުމުން، އާދަޔާ ހިލާފު ކަމެއް ފާހަގަކުރެވިފައެއް ނެތް. ހޯދުންތަކުން ދެއްކީ އިންޖީނުގެއިން ރޭޑިއޭޝަން ލީކްވުމުގެ އެއްވެސް ކަމެއް ހިނގާފައި ނެތްކަން،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
އެ މިނިސްޓްރީން ބުނީ ނިއުކްލިއާ އިންޖީނުގޭގެ ޔުނިޓް 1ގެ ރިއެކްޓަރުގެ ރޭޑިއޯއެކްޓިވިޓީ މިންވަރު ވަރަށް ގާތުން ބަލަމުންދާނެ ކަމަށާއި، އެކަމާ ގުޅޭ ގޮތުން، ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ އާއި ފަރަންސޭސި ވިލާތުގެ ނިއުކްލިއާ ރައްކާތެރިކަމާ ބެހޭ އިދާރާއާ ވެސް މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.
ޓައިޝަން ނިއުކްލިއާ އިންޖީނުގޭގައި ހުންނަނީ ފަރަންސޭސި ވިލާތުން ފަރުމާކޮށްދީފައި ހުރި ދެ ރިއެކްޓަރެވެ. ހޮންކޮންގް އިން ގާތްގަނޑަކަށް 124 މޭލު ދުރުގައި ހުންނަ މި އިންޖީނުގެ އެކުގައި ނިމުނީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. (ރޮއިޓާސް)