ފްލެޓް އެޅުމުގެ 11 މަޝްރޫއެއް ދިވެހި ކުންފުނިތަކުން ހިންގާނެ
ފްލެޓް އެޅުމުގެ 11 މަޝްރޫއެއް ދިވެހި ކުންފުނިތަކުން ހިންގާނެ

ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ހުޅުމާލޭގައި ދިވެހި ކުންފުނިތަކާ ހަވާލުކޮށްގެން ފްލެޓް އެޅުމުގެ 11 ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަަށް އެޗްޑީސީން އިއްޔެ ބުނެފި އެވެ.

އެޕޯލޯ ހޯލްޑިންއާ ހަވާލުކުރި 1000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް ހުޅުމާލޭގައި އޮތް ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، ހަމައެކަނި ދިވެހި ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަަށް ގެންދާ އެ މަޝްރޫއުއަށް 57 ކުންފުންޏަކުން ޕްރޮޕޯސަލް ހުށަޙަޅާފައިވާ ކަމަށެވެ.

އެ ޕްރޮޕޯސަލްތައް އިވެލިއޭޓް ކުރުމުގެ މަަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާ ލަސްނުކޮށް އަޅުގަނޑުމެންނަށް މި އިވެލުއޭޝަން ނިންމައި، ހޮވޭ ފަރާތްތަކާ އަޅުގަނޑުމެންނާ އެއްބަސްވުމަކާ އާދެވޭނެ،" ސުހައިލް ވިދާޅުވި އެވެ.

ހުޅުމާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ހައުސިން މަޝްރޫއުތަކުގެ ތަފްސީލު ހިއްސާކުރައްވަމުން ސުހައިލް ވިދާޅުވީ 6،000 ހައުސިން ޔުނިޓް އެޅުމަށް ބޭނުންވާ ބިން ހޯދާފައިވާ ކަމަށާއި އޭގެ ތެރެއިން 4،000 ޔުނިޓް އެޅުމަށް ބޭނުންވާ ބިން މިހާރު ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ ހުޅުމާލޭ ފޭސް 1 އާއި 2 އިން 19 ބިމެވެ.

"އަޅުގަނޑުގެ އުއްމީދަކީ ވީހާ ވެސް އަވަހަށް މި މަސައްކަތް ވެސް ސައިޓްގައި ފެށި، މީގެ ނަތީޖާ އަޅުހަނޑުމެންނަށް ލިބިގެން ދިއުން."

ހައުސިން މިނިސްޓްރީން އެޕޯލޯ ހޯލްޑިންއާ ހަވާލުކުރި 1000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް އިއްޔެ ހުޅުމާލޭ ފޭސް 2 ގައި ފަށާފައިވާއިރު މިއީ ދިވެހި ކުންފުންޏަކުން ހިންގާ ސޯޝަލް ހައުސިންގެ އެންމެ ބޮޑު މަޝްރޫއެވެ.