16 ޖޫން 2021 - 14:45

ބުޑަޕެސްޓް (ޖޫން 16) - ޔޫރޯ 2020 ގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނީ އެންމެ މެޗެކެވެ. އެކަމަކު ތާރީޚުގެ ތެރެއަށް ދާނެ ދެ ރެކޯޑެއް އޭނާ ވަނީ އެ މެޗުގައި ގާއިމްކޮށްފަ އެވެ.

ރޮނާލްޑޯ ރޭ ހެދި ފުރަތަމަ ރެކޯޑަކީ ހަންގޭރީއާ ދެކޮޅަށް ކުޅެން ދަނޑަށް ނުކުތުމެވެ؛ ރޮނާލްޑޯ އަކީ މިހާރު ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި އެންމެ ގިނައިން ކުޅުނު ކުޅުންތެރިޔާ އެވެ. ރޭގެ މެޗާ އެކު ރޮނާލްޑޯ އަކީ ޔޫރޯ ޗެމްޕިއަންޝިޕް ފަސް މުބާރާތުގައި ކުޅުނު ހަމައެކަނި ކުޅުންތެރިޔާ އެވެ.

ރޭގެ މެޗުގައި ރޮނާލްޑޯގެ ދެ ވަނަ ރެކޯޑަކީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް ހޯދުމެވެ. ޔޫރަޕިއަން ޗެމްޕިއަންޝިޕުގައި ފްރާންސްގެ ކުރީގެ ކެޕްޓަން އަދި ޔުއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީގެ ނުވަ ގޯލުގެ ރެކޯޑަށް ވުރެ އެއް ގޯލު އިތުރަށް ޖަހައި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ރޮނާލްޑޯވީ 87 ވަނަ މިނިޓުގައި ހަންގޭރީ ކޮޅަށް ޖެހި ޕެނަލްޓީއާ އެކު އެވެ. އުމުރުން 36 އަހަރުގެ ޔުވެންޓަސްގެ ސުޕަސްޓާ ވަނީ މެޗުގެ އިތުރު ވަގުތުގައި އިތުރު ގޯލެއް ޖަހައި ޔޫރޯގައި އޭނާ ޖެހި ލަނޑުގެ އަދަދު 11 އަށް ބަދަލުކޮށްފަ އެވެ.
މުބާރާތް ނިމުމުގެ ކުރިން ރޮނާލްޑޯ އަށް އިތުރު ރެކޯޑެއް ހެދުމުގެ ފުރުސަތު އަދި އެބައޮތެވެ. ހަންގޭރީގެ ބުޑަޕެސްޓުގެ ޕުސްކަސް އެރީނާގައި 60،000 ސަޕޯޓަރުންގެ ކުރިމަތީގައި ރޮނާލްޑޯގެ ބައިނަލްއަގުވާމީ 106 ވަނަ ލަނޑު ރޭ ވަނީ ޖަހައިފަ އެވެ.
ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ އީރާނުގެ އަލީ ދާއީ އެވެ. އަލީ ދާއީގެ 109 ގޯލުގެ ރެކޯޑާ އެއްވަރު ކުރުމަށް ރޮނާލްޑޯ އަށް ދެން ބޭނުން ވަނީ ތިން ގޯލެވެ. ގައުމީ ޓީމަށް ހަތަރު ގޯލު ޖަހައިގެން އޭނާ އަށް އަނެއްކާވެސް ރެކޯޑެއް ހެދިދާނެ އެވެ. ސުވާލަކީ ރޮނާލްޑޯ އަށް މި މުބާރާތުގައި އެކަން ކުރެވިދާނެބާވަ އެވެ؟ ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ކުރީގެ ޗެމްޕިއަން ޖަރުމަނާ އެކު މަރުގެ ގްރޫޕުގެ ގޮތުގައި ބެލެވޭ ގްރޫޕުގެ އެފްގައި ޕޯޗުގަލް ދެން ކުޅެން ޖެހޭ މެޗުތައް ފަސޭހައެއް ނުވާނެ އެވެ.