"ނޭނގިތިއްބައި" ރާއްޖެ އޭޝިއަން ކަޕް ކޮލިފައިންއަށް
"ނޭނގިތިއްބައި" ރާއްޖެ އޭޝިއަން ކަޕް ކޮލިފައިންއަށް

އޭޝިއަން ކަޕުގެ ކޮލިފިކޭޝަންގެ ޕްލޭއޮފްގައި ވާދަކުރަން ޖެހޭނެ ކަމަށް ރާއްޖެއިން ނިންމައިގަން ތިއްބައި އޭޝިއަން ކަޕް ކޮލިފިކޭޝަންގައި، އޭއެފްސީން ރާއްޖެ ހިމަނައިފި އެވެ.

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަން ސިލްސިލާކޮށް ކުރިއަށްގެންދާ ކޮލިފައިންގެ ދެ ވަނަ ބުރުގެ ކޮލިފިކޭޝަން މަރުހަލާގައި ރާއްޖެ ކުޅެން ޖެހޭ މެޗުތައް ނިމުނު އިރު، އެފްއޭއެމް އިން ވެސް ހީކޮށްގެން ތިބީ ރާއްޖެ ކުޅެން ޖެހޭނީ ޕްލޭއޮފްގައި ކަމަށެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި 2019 ގައި ބޭއްވި އޭޝިއަން ކަޕްގެ ކޮލިފައިން އަށް ވެސް ރާއްޖެ ދިޔައީ ޕްލޭއޮފް މަރުހަލާއިން މޮޅުވެގެންނެވެ. އޭރު ރާއްޖެ ކޮލިފައިން ބުރުން ޖާގަ ހޯދީ ޕްލޭއޮފްގައި ލާއޯސް ބަލި ކުރުމަށް ފަހު އެވެ.

މިއަދު ހެނދުނު އޭއެފްސީން އިއުލާން ކޮށްފައި ވަނީ، އޭޝިއަން ކަޕްގެ ކޮލިފައިން ބުރުން ރާއްޖެއަށް ޖާގަ ލިބިފައިވާ ކަމަށެވެ. ރޭ ރާއްޖެއިން ކުޅެ ނިންމާލި ކޮލިފިޝަންގައި ރާއްޖެ އަށް ލިބުނީ ގްރޫޕްގެ ހަތަރު ވަނަ އެވެ. ތިން ވަނަ ހޯދި ފިލިޕީންސް ވެސް ވާދަކުރާނީ ސީދާ ކޮލިފިކޭޝަން ބުރުގަ އެވެ. އޭއެފްސީން މިއަދު ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު ޕްލޭއޮފް ބުރުގައި ވާދަކުރާނީ ގްރޫޕްތަކުގެ ފުލަށް ދިޔަ ޓީމުތަކެވެ. އެހެންވެ ރާއްޖެ ހިމެނުނު ގްރޫޕް އޭގެ ފުލަށް ދިޔަ ގުއާމް ވާދަކުރާނީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޕްލޭއޮފްގަ އެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި، ރާއްޖެ ވާދަކުރާނީ ކޮލިފިކޭޝަންގެ ތިން ވަނަ ބުރުގަ އެވެ. އޭޝިއަން ކަޕް ކޮލިފިކޭޝަން ނުވަތަ ކޮލިފައިންގެ ތިން ވަނަ ރައުންޑް ފެށުމަށް އޭއެފްސީން ތާވަލު ކޮށްފައި ވަނީ ސެޕްޓެމްބަރު މަހަށެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ، މާޓިން ކޫޕްމަން ހަވާލުވެ، ރާއްޖޭގެ ކުޅުމުގެ ސްޓައިލަށް ބަދަލު ގެނެސްފައިވާކަން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް އެނގެ އެވެ. ފިލިޕީންސްއާ ދެކޮޅަށް ރޭ ކުޅުނު މެޗަކީ ރާއްޖެ އިން ފިލިޕީންސް އަތުން ހޯދި ފުރަތަމަ ޕޮއިންޓްކަން ފާހަގަކުރަމުން ކޫޕްމަން ބުނީ ތައްޔާރުވާން ލިބުނު ވަގުތާއި ބަލާފައި ރާއްޖެ އިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.

"ކޮވިޑުގެ މި އުނދަގޫ ހާލަތުގައި މިއީ ރާއްޖޭގެ ރައްޔިތުންނަށް އަހަރެމެންގެ ފަރާތުން ދެވުނު ރަނގަޅު ހަދިޔާއެއް ކަމަށް އަހަރެމެން ގަބޫލްކުރަން. މިއީ ފިލިޕީންސް އަތުން އަހަރެމެން ހޯދި ފުރަތަމަ ޕޮއިންޓް،" މެޗަށް ފަހު ކޫޕްމަން ބުންޏެވެ.

"އަހަންނަށް ހީވަނީ ކުޅުންތެރިންނަށް މި ނަތީޖާ ހައްގުހެން. އެ ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކޮށްފި. އަހަރެމެންނަށް ރަނގަޅަށް ތައްޔާރުވާން ފުރުސަތު ލިބުނު ނަމަ ފިލިޕީންސް ބަލި ކުރެވޭނެކަމަށް އަހަރެން ގަބޫލުކުރަނީ. އެކަމަކު މި އުނދަގޫ ހާލަތުގެ ތެރެއިން ވެސް ކުޅުންތެރިން ދެއްކި ކުޅުމާމެދު އަހަރެން ހިތްހަމަޖެހޭ. ހާއްސަކޮށް ރާއްޖެއިން ކުޅުނު ގޭމާ މެދު ހިތްހަމަޖެހޭ."