އިޒްރޭލުން ގާޒާ އަށް ހަމަލާތަކެއް ދީފި
އިޒްރޭލުން ގާޒާ އަށް ހަމަލާތަކެއް ދީފި

އިޒްރޭލުގެ އަސްކަރިއްޔާގެ މަތިންދާބޯޓުތަކުން، ރޭ ދަންވަރު ގާޒާގެ ބައެއް ތަންތަނަށް ވައިގެ މަގުން ހަމަލާތަކެއް ދީފި އެވެ.

މިއީ، މިދިޔަ މެއި މަހުގެ 10-21 އަށް، އިޒްރޭލުން ގާޒާ އަށް ދިން އުދުވާނީ ހަމަލާތައް ހުއްޓާލާފައި އޮތުމަށް ފަހު، އިޒްރޭލުން ގާޒާ އަށް ދިން ފުރަތަމަ ހަމަލާތަކެވެ. މި ހަމަލާތަކުގައި މީހަކު މަރުނުވި ނަމަވެސް، އިމާރާތްތަކެއް ބިމާ ހަމަވި ކަމަށް ފަލަސްތީނު ސަރުކާރުން ބުނެ އެވެ.

އިޒްރޭލުން ގާޒާ އަށް ހަމަލާތަކެއް މި ދިނީ، އިއްޔެ ހަވީރު، އިރުމަތީ ގުދުސްގައި ހަރުކަށި ޔަހޫދީން ބޭއްވި ދިދައިގެ ހިނގާލުން ކުރިއަށް ދިޔަ ވަގުތު، ގާޒާގެ ތެރެއިން އިޒްރޭލުގެ ތެރެއަށް، ގޮވާ ގޮތަށް ތައްޔާރުކޮށްފައި ހުރި ހީލިއަމް ހަންތަކެއް ފޮނުވާފައި ވަނިކޮށެވެ. އޭގެ އިތުރުން ޔަހޫދީންގެ ހިނގާލުމަށް ހުރަސް އަޅަން މަސައްކަތް ކުރި، ފަލަސްތީނު ރައްޔިތުންނާއި އިޒްރޭލު ފުލުހުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގާފައި ވަނިކޮށެވެ.

މި ކުރިމަތިލުންތަކުގެ ތެރެއިން، އިޒްރޭލު ފުލުހުން، ފަލަސްތީނުގެ 17 މީހަކު ހައްޔަރުކޮށްފައިވާ އިރު، އިތުރު 33 މީހަކު ޒަހަމްވެފައިވާ ކަމަށް ފަލަސްތީނު ސަރުކާރުން ބުނެ އެވެ.

އިޒްރޭލު ސިފައިން ބުނި ގޮތުގައި ގާޒާގެ މެދުތެރެ އަށާއި ގާޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނުސަށް ރޭ ދިން ހަމަލާތައް އަމާޒުކުރީ، ހަމާސް ޖަމާއަތުގެ އަސްކަރީ މަރުކަޒުތަކުގެ ގޮތުގައި ބޭނުންކުރާ ބައެއް ތަންތަނަށެވެ.

އަދި މި ހަމަލާތައް ދިނީ، އޭގެ ރައްދުގައި ފަލަސްތީނުގެ ހަނގުރާމަވެރިންގެ ފަރާތުން ކޮންމެ ފަދަ ކަމެއް ވެސް މެދުވެރިވެދާނެ ކަމަށް، ތައްޔާރީ ފިޔަވަޅުތައް އަޅައިގެން ކަމަށް ވެސް އިޒްރޭލު ސިފައިން ބުންޏެވެ.

އިޒްރޭލުން ބުނި ގޮތުގައި ހަމާސްގެ އަމާޒުތަކަށް ހަމަލާ ދިނީ، އިއްޔެ ހަވީރު އިޒްރޭލުގެ ސަރަހައްދަށް ހީލިއަމް ހަންތަކެއް ފޮނުވައިލުމުން އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ. ގާޒާގެ ތެރެއިން އެރުވި ހީލިއަމް ހަންތައް ފޭބީ، އިޒްރޭލާއި ގާޒާ ގުޅޭ ސަރަހައްދުގައިވާ މީހުން ނޫޅޭ ހިސާބަކަށް ކަމަށާއި، އެ ހަންތައް ވެއްޓުނު 20 ތަނެއްގައި އަލިފާން ހިފި ކަމަށް ވެސް އިޒްރޭލު ސިފައިން ބުންޏެވެ.

އިޒްރޭލުން ހަމާސްގެ އަމާޒުތަކަކަށް ހަމަލާ ދިން ކަމަށް ހަމާސް ޖަމާއަތުން ވެސް އެއްބަސްވި އެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމަކަށް ނުބުނެ އެވެ. ހަމާސް އިން ބުނީ، ފަލަސްތީނު މީހުންގެ ހައްގުތަކާއި ގުދުސްގައިވާ މުގައްދަސް ތަންތަނުގެ ދިފާއުގައި، ފަލަސްތީނުގެ ހިއްވަރުގަދަ ރައްޔިތުން ފަހަތަށް ނުޖެހި މަސައްކަތް ކުރާނެ ކަމަށެވެ.

އިޒްރޭލުން ގާޒާ އަށް ވައިގެ މަގުން ހަމަލާތަކެއް ދިން ނަމަވެސް، އެކަމަށް ރައްދު ދިނުމުގެ ގޮތުން، ހަމާސް ޖަމާއަތުން މިހާތަނަށް އެއްވެސް ހަމަލާއެއް ނުދެ އެވެ. އަދި އެފަދަ ކަމެއް ކުރާނެ ކަމަކަށް ވެސް ނުބުނެ އެވެ. (އަލްޖަޒީރާ، ސީއެންއެން)