16 ޖޫން 2021 - 13:55

ހުޅުމާލޭގައި ޕްރައިވެޓް ސްކޫލު ހިންގުމަށް އެދި ހުޅުވާލި ފުރުސަތެއްގައި ތިން ކުންފުންޏަކުން އެ ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ހުޅުމާލޭގައި އެޕޯލޯ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 1000 ހައުސިން ޔުނިޓްގެ މަސައްކަތް އިފްތިތާހުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ހުޅުމާލޭގެ އާބާދީ ބޮޑުވަމުންދާތީ އެތަނުގައި އުޅޭ މީހުންގެ ފަސޭހައަކަށް ހިދުމަތްތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ މަސައްކަތުގެ ދަށުން ހުޅުމާލޭގައި ހިންގާ ސަރުކާރު ސްކޫލުތަކުގެ އިތުރުން ހުޅުމާލޭގައި ޕްރައިވެޓް ސްކޫލު ހިންގުމަށް ހުޅުވާލި ފުރުސަތުގައި އަމިއްލަ ތިން ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް ސުހައިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ކުރިއަށް ދަނީ އެ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތެވެ.
ހުޅުމާލޭގައި ޕްރައިވެޓް ސްކޫލު އަޅާނީ ކޮން ސަރަހައްދެއްގައި ކަމެއް އަދި އެތަނަކީ ކިތައް ދަރިވަރުންގެ ޖާގައިގެ ތަނެއް ކަމެއް ސުހައިލް ވިދާޅެއް ނުވެ އެވެ.
އެކަމަކު 2019 ވަނަ އަހަރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އާ ސްކޫލު އަޅައިދޭނެ ބަޔަކު ހޯދައި މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމަށް ކުރިން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ. އެކަމަށް މިދިޔަ އަހަރުގެ ބަޖެޓްގައި 54 އަހަރު މިލިއަން ރުފިޔާ ވެސް ހިމެނި އެވެ.
އެ ސްކޫލު އަޅަނީ އެއް ދަންފަޅި އަށް ކިޔަވައިދޭ ގޮތަށް، 1،000 ދަރިވަރުންގެ ޖާގަ އަށް ބަލައިގެން ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.
މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ހުޅުމާލޭގައި ފްލެޓް އަޅަމުން އަންނައިރު ދުވަހެއް ދުވަހަކަށް އެތަނުގެ އާބާދީ ދަނީ ބޮޑުވަމުންނެވެ. މިހާރު ވެސް ހުޅުމާލޭގައި ފަސް ސްކޫލެއް ހިންގަ އެވެ. ޕްރައިވެޓް ސްކޫލަކަށް ހިންގަމުންދަނީ އެންމެ ސްކޫލެކެވެ.