ބާޒާރުމަތި ފުރިބާރުވެ، ތަކެތީގެ އަގު އަތް ނުފޯރާ ހިސާބަށް!
ބާޒާރުމަތި ފުރިބާރުވެ، ތަކެތީގެ އަގު އަތް ނުފޯރާ ހިސާބަށް!

އެއްބަޔަކު ގުދަންތަކުން މުދާ ނެރެ ފިހާރަ ތެރޭގަ އާއި ޕޭމަންޓްމަތީގައި މުދާ ބަހައްޓަމުން ދަނީ އެވެ. ފިހާރަތަކުން މުދާ ގަންނަ މީހުންތައް އެތަކެތި ޕިކަޕުތަކަށް އަރުވައިގެން އެކި ދިމަދިމާލަށް ދަތުރުކުރަނީ އެވެ. ރަށްރަށަށް މުދާ ގެންދާ ވިޔަފާރިވެރިން ބޯޓުތަކަށާއި ދޯނިތަކަށް މުދާ އުފުލުމުގައި އަވަދި ނެތި ދަނީ ހަރަކާތްތެރިވަމުންނެވެ. ލޯކަލް މާރުކޭޓާއި މަސް މާރުކޭޓު ތެރެއިން ވެސް ފެންނަނީ އެންމެން އަވަދި ނެތި ރޯދައަށް ބޭނުންވާ ސާމާނު ގަނެގެން ގެންދާ މަންޒަރެވެ. ހާއްސަކޮށް ބާޒާރުކުރަން ނުކުންނަ އަންހެނުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެ އެވެ. މުޅި ބާޒާރުމަތި ވަނީ ހަލަބޮލިވެ، ޓްރެފިކް ވަނީ ޖޭމްވެފަ އެވެ. މިއީ މިއަހަރުގެ ރޯދަމަސް ފެށެން ދެ ދުވަހަށްވެފައިވާއިރު ބާޒާރުމަތީގެ ހާލަތު އޮތް ގޮތެވެ.

ބާޒާރުމަތި ފުރިބާރުވެ، ތަކެތީގެ އަގު އަތް ނުފޯރާ ހިސާބަށް!
ބާޒާރުމަތި ފުރިބާރުވެ، ތަކެތީގެ އަގު އަތް ނުފޯރާ ހިސާބަށް!

ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ގެންނަ ތަކެތީގެ އަގުތައް ރޯދައިގެ ކުރިން ވިއްކާ އަގުތަކަށް ވުރެ ކުއްލިއަކަށް އެތައް ގުނައެއް ވިޔަފާރިވެރިން ބޮޑުކުރެ އެވެ. ހާއްސަކޮށް ރޯދަމަހު އެންމެ އާއްމުކޮށް ކެއުމަށް ބޭނުންކުރާ ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވަމުން އަންނަކަން ފާހަގަކުރެވެ އެވެ.

ބާޒާރުމަތި ފުރިބާރުވެ، ތަކެތީގެ އަގު އަތް ނުފޯރާ ހިސާބަށް!
ބާޒާރުމަތި ފުރިބާރުވެ، ތަކެތީގެ އަގު އަތް ނުފޯރާ ހިސާބަށް!

ރޯދައަށް އެސްޓީއޯއިން އެތެރެކުރި ބިސް ކޭހެއް 275ރ. އަށް ވިއްކާއިރު ބާޒާރުމަތީ ފިހާރަތަކުގައި ބިސް ކޭހެއްގެ އަގު އުޅެނީ 400ރ. އަށެވެ. ކުރިން 45ރ. ވިއްކި ލުނބޯ ކިލޯއެއްގެ އަގު މިހާރު ވަނީ 60ރ. އަށް އަރައިފަ އެވެ. ފިޔާ ކިލޯއެއްގެ 12ރ. ގައި ހުރި ނަމަވެސް މިރުހުގެ އަގު ވަނީ 450ރ. އަށް އަރައިފަ އެވެ.

މިފަހަރު ރޯދައާ ދިމާކޮށް އެސްޓީއޯއިން ވަނީ ފިޔާ، އަލުވި އަދި ބިސް ގިނަ އަދަދަކަށް އެތެރެކޮށް ވިއްކަން ފަށައިފަ އެވެ. އެސްޓީއޯއިން 250ރ. އަށް އަލުވި ބަސްތާއެއް ވިއްކާއިރު ބާޒާރުމަތީގައި އުޅެނީ އަލުވި އަދި ފިޔާ ބަސްތާއެއްގެ އަގު އުޅެނީ 300ރ. އަށެވެ.

އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ ރޯދައާ ދިމާކޮށް އެ ކުންފުނިން ގެންނަ ތަކެތީގެ އަގުތައް ބޮޑުވިޔަ ނުދީ އެއްވަރެއްގައި ހިފެހެެއްޓުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެތަކެތި ރޯދަ މަސް ނިމެންދެން މެދުނުކެނޑި ލިބެން ހުންނާނެ ކަމުގެ ޔަގީންކަން އޭނާ ދިނެވެ.

އެސްޓީއޯއިން ގެންނަ ތަކެތީގެ އަގުތައް އެއް ވަރެއްގައި ހިފެހެއްޓި ނަމަވެސް ބާޒާރުމަތީ ފިހާރަތަކުން ބުނަނީ އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ޑޮލަރުގެ އަގު އުފުލުމާއި މުދާ އެތެރެކުރުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން ކަމަށް އެ ފިހާރަތަކުން ބުންޏެވެ.

"ބޭރުން ގެންނަން އެހާ ގިނަ ދުވަސް އެބަ ނަގާ. އަދި ރާއްޖެ ގެނެސް ބަނދަރަށް ބާލައިގެން ގުދަނާ ހަމަޔަށް ގެނެވެނީ އެހާ އުނދަގުލުން. އަނެއްކޮޅުން ޑޮލަރުގެ އަގު މިދުވަސްވަރު ވަނީ އިންތިހާއަށް އުފުލިފައި. އަގުތައް ބޮޑުވުން އެ ހުރިހާ ކަމަކާ ވަނީ ގުޅިފައި،" ބާޒާރުމަތީ ފިހާރައަކުން ވާހަކަދެއްކި މީހަކު ބުންޏެވެ.

އާއްމުކޮށް ރޯދަމަހު ފަނިގިރަން ބޭނުންކުރާ ކަރަލުގެ އަގު މިހާރު އުޅެނީ ކިލޯއެއް 35ރ. އަށެވެ. އޭގެ އިތުރުން ދޮންކެޔޮވަކެއް ފަސް ރުފިޔާއިން މަތީގައި އުޅޭއިރު އާފަލާއި އޮރެންޖް ފަދަ ބާވަތްތަކުގެ އަގުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.

ބާޒާރުމަތީ ފިހާރައަކުން ދިމާވި އަންހެނަކު ބުނިގޮތުގައި ތަކެތީގެ އަގުތައް ކުއްލިއަކަށް މިހާ ބޮޑުވުމަކީ ވަރަށް ކަންބޮޑުވާ ކަމެކެވެ.

"ކޮންމެ އަހަރެއްގެ ވެސް ރޯދައާ ދިމާކޮށް ތަކެތީގެ އަގުތައް ކުއްލިއަކަށް އެބަ ބޮޑުވޭ. ކަމާ ބެހޭ ފަރާތްތަކުން އެބަ ޖެހޭ މިއީ ކިހިނެތްވާ ކަމެއްތޯ ބަލައި އަގު ބޮޑުވިޔަ ނުދޭން މަސައްކަތް ކުރަން. އަހަރެމެންނަކީ މާބޮޑު އާމްދަނީއެއް ލިބިގެން އުޅޭ ބައެއް ނޫން. އެކަމަކު ރޯދަމަހެއް އަންނައިރު ކޮންމެ ބަޔަކު ވެސް ބޭނުންވާނެ އަގުހެޔޮކޮށް ތަކެތި ލިބޭނެ ގޮތެއްވާން،" އޭނާ ބުންޏެވެ.

އެ ސަރަހައްދުން ދިމާވި އެހެން މީހަކު ބުނީ ރޯދައާ ދިމާކޮށް ކުއްލިއަކަށް އަގު ބޮޑުވަނީ ވިޔަފާރިވެރިން ރާވައިގެން ކަމަށެވެ.

"ވިޔަފާރިވެރިންނަށް އެނގޭ ކޮންމެ އަގެއްގައި ވިއްކިޔަސް ރޯދައަށް ބޭނުންވާ ތަކެތި މީހުން ގަންނާނެކަން. އެހެންވެ އެ މީހުން ހިތުހުރި އަގެއްގައި ތަކެތި ވިއްކަނީ. އެސްޓީއޯއިން ކިތަންމެ ބައިވަރެއް ގެނައި ނަމަވެސް އެތަކެތި ގަންނަން ގޮސް ކިޔޫގައި ތިން ހަތަރު ގަޑިއިރު ކިހިނެތް އެންމެނަށް ތިބެވޭނީ،" އޭނާ ބުންޏެވެ.

ރޯދަ ފެށެން ދެ ދުވަހަށް ވެފައިވާއިރު ބާޒާރުން ބައެއް ތަކެތި ވަނީ ހުސްވެފަ އެވެ. ހާއްްސަކޮށް ބިހާއި އަލުވި އަދި ދަޅުކާނާގެ ބައެއް ބާވަތްތައް ވަނީ ހުސްވެފަ އެވެ.

ފިހާރަތަކުން ބުނިގޮތުގައި މި ފަހަރު ރޯދައާ ދިމާކޮށް އެންމެ ބާރުބޮޑުވެފައި ވަނީ ބިހާއި ތަރުކާރީގެ ބާވަތްތަކުގެ އެވެ. އޭގެ ތެރެއިން ހުސްވެފައިވާ ބާވަތްތައް ފިހާރައާ ހަމަޔަށް ގެނެވޭނީ ކުރިޔަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ކަމަށް ފިހާރަތަކުން ބުންޏެވެ.