16 ޖޫން 2021 - 10:29

ޔޫރޯ 2020ގެ ނޫސް ކޮންފަރެންސެއްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެއްސި "ސްޓަންޓެއް"ގެ ސަބަބުން ކޮކާކޯލާއަށް ހަތަރު ބިލިއަން ޑޮލަރގެ ގެއްލުމެއް ލިބިއްޖެ އެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި ޕްރީ މެޗު ޕްރެސްގައި ރޮނާލްޑޯ ވަނީ މޭޒު މަތީގައި ހުރި ކޮކާކޯލާ ފުޅިތައް އެތަނުން ދުރުކޮށް އޭގެ ބަދަލުގައި ފެންފުޅިއެއް ބަހައްޓައިފަ އެވެ. މި މަންޒަރު މިހާރު ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފަ އެވެ.
ކޮކާ ކޯލާއަކީ ޔޫރޯ 2020ގެ އޮފިޝަލް ސްޕޮންސަރެކެވެ. އެ ކުންފުނިން ކޯކު ފުޅިތައް މޭޒުމަތީގައި ބަހައްޓާފައި ހުރީ އިޝްތިހާރު ކުރުމުގެ ބޭނުމުގަ އެވެ. ނަމަވެސް ރޮނާލްޑޯ އެ ފުޅިތައް ދުރުކުރުމުން އެ ކުންފުނީގެ މާކެޓު ވެލިއުއަށް ވަނީ ވަރަށް ބޮޑު އަސަރެއް ކޮށްފަ އެވެ.
މި ޕްރެސް ކޮންފަރެންސުގެ ކުރިން ކޮކާކޯލާގެ މާކެޓު ވެލިއު ހުރީ 242 ބިލިއަން ޑޮލަރުގަ އެވެ. ނަމަވެސް އިއްޔެ އެ ކުންފުނީގެ މާކެޓު ވެލިއު ވަނީ 238 ބިލިއަން ޑޮލަރަށް ވެއްޓިފަ އެވެ.
މީގެ އިތުރުން އެ ކުންފުނީގެ ހިއްސާއެއްގެ އަގު ހުރީ ޕްރެސް ކޮންފަރެންސުގެ ކުރިން 56.1 ޑޮލަރުގަ އެވެ. ޕްރެސް ކޮންފަރެންސަށް ފަހު ހިއްސާއެއްގެ އަގު ވަނީ 55.2 ޑޮލަރަށް ވެއްޓިފަ އެވެ. އެއީ 1.6 ޕަސެންޓުގެ ދަށްވުމެކެވެ. މީގެ ސަބަބުން މާކެޓު ވެލިއު ދަށްވެ ހަތަރު ބިލިއަން ޑޮލަރުގެ ގެއްލުމެއް ކޮކާކޯލާއަށް ވަނީ ލިބިފަ އެވެ.
ރޮނާލްޑޯ ކޯކު ފުޅިތައް މޭޒު މަތިން ދުރުކޮށްލީ އޭނާއަކީ ސޮފްޓް ޑްރިންކްސް ބޭނުން ކުރުމާ ދެކޮޅު މީހަކަށްވާތީ އެވެ. އޭނާ ވަނީ ކޯކު ފުޅިތައް ދުރުކުރުމަށް ފަހު ފެން މާ ރަނގަޅުވާނެ ކަމަށް ވެސް ބުނެފަ އެވެ.