ނާކާމިޔާބު ނަތީޖާތަކެއް، އެކަމަކު ތާރީހީ ރެކޯޑެއް
ނާކާމިޔާބު ނަތީޖާތަކެއް، އެކަމަކު ތާރީހީ ރެކޯޑެއް

ސީރިއާގެ ވެރިރަށް ދިމިޝްގުގެ އަލް ބިސީއުން ސްޓޭޑިއަމްގައި، އިރާނުން ރާއްޖެ ކޮޅަށް 17 ލަނޑު ވައްދާލި ތާރީހީ ލަދުވެތި މެޗު ދިވެހިން ކުޅުނީ 1998 ގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގަ އެވެ. އެ މެޗުގައި އިރާނުގެ ކަރީމް ބިގައިރީ އެކަނި ވެސް ހަތް ލަނޑު ޖެހި އެވެ. އެއީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެއިން ވާދަކުރި ފުރަތަމަ ފަހަރެވެ. އޭގެ އަހަރުތަކެއް ފަހުން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެއިން އިރާންއާ 1-0 އިން ތަފާތު ކުޑަ ކުރި އެވެ.

ނާކާމިޔާބު ނަތީޖާތަކެއް، އެކަމަކު ތާރީހީ ރެކޯޑެއް
ނާކާމިޔާބު ނަތީޖާތަކެއް، އެކަމަކު ތާރީހީ ރެކޯޑެއް

އިރާން، ކިރިގިސްތާން އަދި ސިރީއާއާ ދެކޮޅަށް ވާދަކުރި ކޮލިފިކޭޝަންގައި ރާއްޖެ ކޮޅަށް 59 ލަނޑު ވަނެވެ. އެންމެ ލަނޑެއް ވެސް ނުޖެހެ އެވެ. ކޮލިފިކޭޝަނެއްގައި ރާއްޖެ އިން މެޗަކުން މޮޅުވީ 2002 ގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި 2001 ގައި ކެމްބޯޑިއާއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ޖަރުމަންގައި 2006 ގައި ބޭއްވި ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅުނު ކޮލިފިކޭޝަނަކީ ރާއްޖޭގެ ފުޓުބޯޅައިގައި ކުޅުނު އެންމެ ތާރީހީ މެޗެވެ. ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި ދެކުނު ކޮރެއާ މޮޅުވިޔަ ނުދީ ރާއްޖެއިން ހިފަހައްޓާލައި ކޮރެއާ އަތުން ވެސް ޕޮއިންޓެއް ހޯދި އެވެ. ދެކުނު އެފްރިކާގައި 2010 ގައި ބޭއްވި ވޯލްޑް ކަޕް ކޮލިފިކޭޝަނަށް ރާއްޖެ ކޮލިފައިއެއް ނުވެ އެވެ. އެންމެ ފަހުން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެއަށް ހޯދުނީ ބޫޓާން އަތުން މޮޅުވެގެން ލިބުނު ހަ ޕޮއިންޓެވެ.

ބޮޑެތި މުބާރާތްތަކުގެ ކޮލިފިކޭޝަންގައި ރާއްޖެއިން ވާދަކުރަން ފެށިތާ 25 އަހަރުވީ އެވެ. އަންނަ އަހަރު ގަތަރުގައި ބާއްވާ، ވޯލްޑް ކަޕްގެ ކޮލިފިކޭޝަންގައި ރާއްޖެއިން ނެރުނު ނަތީޖާއަކީ މިހާތަނަށް ކޮލިފިކޭޝަން މަރުހަލާއެއްގައި ރާއްޖެއިން ނެރުނު އެންމެ ރަނގަޅު ނަތީޖާ އެވެ. އަށް މެޗު ކުޅެ ހަަތް ޕޮއިންޓް ރާއްޖެއިން ހޯދި އެވެ.

މިފަހަރުގެ ކޮލިފިކޭޝަންގައި އެންމެ ރަނގަޅު ނަތީޖާ ނެރުނަސް، މިއީ ރާއްޖެއަށް ބޮޑު ނާކާމިޔާބެކެވެ. މިފަހަރުގެ ކޮލިފިކޭޝަންގައި ރާއްޖޭގެ ޓާގާޓެއްގެ ގޮތުގައި އޮތީ އޭޝިއަން ކަޕަށް ކޮލިފައި ވުމެވެ. ޗައިނާގައި އަންނަ އަހަރު ބާއްވާ އެ މުބާރާތަށް ކޮލިފައިވުމުގައި އެންމެ ކުރު މަގަކަށް އޮތީ ގުރޫޕުގެ ކުރީ ސަފުން ޖާގަ ހޯދުމެވެ. އެހެންނަމަވެސް ރާއްޖޭގެ ފެންވަރާއި ފަންތިންއަށް ބަލާއިރު ރާއްޖެއަށް ގުރޫޕުގެ ތިން ވަނަ ހޯދޭނެ ކަމަށް ގަބޫލު ކުރެވެ އެވެ. އެކަން ނުވުމަކީ ބޮޑު ނާކާމިޔާބެކެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި، ރާއްޖެ ވާދަކުރާނީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ތިން ވަނަ ބުރުގަ އެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ، މާޓިން ކޫޕްމަން ހަވާލުވެ، ރާއްޖޭގެ ކުޅުމުގެ ސްޓައިލަށް ބަދަލު ގެނެސްފައިވާކަން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް އެނގެ އެވެ. ފިޕީންސް އާ ދެކޮޅަށް ރޭ ކުޅުނު މެޗަކީ ރާއްޖެއިން ފިލިޕީންސް އަތުން ހޯދި ފުރަތަމަ ޕޮއިންޓްކަން ފާހަގަ ކުރަމުން ކޫޕްމަން ބުނީ ތައްޔާރުވާން ލިބުނު ވަގުތާއި ބަލާފައި ރާއްޖެއިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.

"ކޮވިޑްގެ މި އުނދަގޫ ހާލަތުގައި މިއީ ރާއްޖޭގެ ރައްޔިތުންނަށް އަހަރެމެންގެ ފަރާތުން ދެވުނު ރަނގަޅު ހަދިޔާއެއް ކަމަށް އަހަރެމެން ގަބޫލްކުރަން. މިއީ ފިލިޕީންސް އަތުން އަހަރެމެން ހޯދި ފުރަތަމަ ޕޮއިންޓް،" މެޗަށް ފަހު ކޫޕްމަން ބުންޏެވެ.

"އަހަންނަށް ހީވަނީ ކުޅުންތެރިންނަށް މި ނަތީޖާ ހައްގުހެން. އެ ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކޮށްފި. އަހަރެމެންނަށް ރަނގަޅަށް ތައްޔާރުވާން ފުރުސަތު ލިބުނު ނަމަ ފިލިޕީންސް ބަލި ކުރެވޭނެކަމަށް އަހަރެން ގަބޫލުކުރަނީ. އެކަމަކު މި އުނދަގޫ ހަލަތުގެ ތެރެއިން ވެސް ކުޅުންތެރިން ދެއްކި ކުޅުމާމެދު އަހަރެން ހިތްހަމަޖެހޭ. ހާއްސަކޮށް ރާއްޖެއިން ކުޅުނު ގޭމާ މެދު ހިތްހަމަޖެހޭ."

އޭޝިއަން ކަޕް ކޮލިފިކޭޝަން ނުވަތަ ކޮލިފައިންގެ ތިން ވަނަ ރައުންޑް ފެށުމަށް އޭއެފްސީން ތާވަލު ކޮށްފައި އޮތީ ސެޕްޓެމްބަރު މަހަށެވެ. އެ މަހު ސާފް ޗެމްޕިއަންޝިޕް ވެސް އޮންނާނެ އެވެ. ކޫޕްމަން ބުނީ ސާފް ޗެމްޕިއަންޝިޕަށް ރާއްޖެއިން ވަރަށް ރަނގަޅަށް ތައްޔާރު ވާނެ ކަމަަށެވެ.