ފްރާންސުން ޖަރުމަން ބަލިކުރީ ހަމެލްސްގެ ބައި ގޯލުން
ފްރާންސުން ޖަރުމަން ބަލިކުރީ ހަމެލްސްގެ ބައި ގޯލުން

މިޔުނިކް (ޖޫން 16) - ޔޫރޯގެ މަރުގެ ގުރޫޕްގެ ގޮތުގައި މަޝްހޫރު ވެފައިވާ ގުރޫޕް އެފްގައި ޖަރުމަން އާއި ފްރާންސް ކުޅުނު މެޗުގައި ޖަރުމެންގެ މެޓްސް ހަމެލްސް އަތުން ބައިކޮޅަށް ވަން ލަނޑުން ފްރާންސް 1-0 އިން މޮޅު ވެއްޖެ އެވެ.

ފްރާންސުން ޖަރުމަން ބަލިކުރީ ހަމެލްސްގެ ބައި ގޯލުން
ފްރާންސުން ޖަރުމަން ބަލިކުރީ ހަމެލްސްގެ ބައި ގޯލުން

މެޗުގެ 20 ވަނަ މިނެޓްގައި ފްރާންސްގެ ލޫކަސް ހެނާންޑޭޒް އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ދިފާއު ކުރުމުގެ ގޮތުން ހުމެލްސް މަސައްކަތް ކުރީ ކޯނަރަކަށް ބޭރުކޮށްލާށެވެ. ނަމަވެސް އޭނާ ފައިން ކޮށްޕާލި ބޯޅަ ވަނީ އަމިއްލަ ގޯލްގެ ތެރެއަށެވެ.

ދެ ވަނަ ހާފުގައި، ކިލިޔަން އެމްބާޕޭ ޖަރުމަންގެ ޑިފެންޑަރުން ކައިރިން ނައްޓާލާފައި އޭރިއާ ތެރެއަށް ވަން ނަމަވެސް، އެމްބާޕޭއަށް އެ ބޯޅައިން ހަމަލާއެއް އުފެއްދޭ ގޮތެއް ނުވި އެވެ. އޭނާއަށް ހުރަސް އަޅަން ކައިރިވި ހުމެލްސް ވަނީ ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފަ އެވެ.

އޭގެ ފަހުން އެޑްރިއަން ރަބިއޯ 52 ވަނަ މިނެޓްގައި ތަނަވަސްކުރި އެހެން ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލް ދަނޑިއަށެވެ.

ފުރަތަމަ ހާފުގައި އެކަށީގެންވާ ހަމަލާއެއް ފޮނުވާނުލެވުނު ނަމަވެސް ދެ ވަނަ ހާފުގައި ޖަރުމަންގެ ޓީމުން ވަނީ ގިނަ ބޯޅަތަކެއް ފޮނުވައިލައިފަ އެވެ.

އެ ޓީމުން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސާޖް ގެންބްރީ އަށެވެ. މެޗުގެ 54 ވަނަ މިނެޓްގައި ޖަރުމަނުން ނެގި ހުރަހެއް އޭނާ ބޮލުން ފޮނުވާލި ބޯޅަ ގޮސް ޖެހުނީ ގޯލްގެ ހުރަސް ދަނޑިމަތިން ގޮސް މަތީ ދަގާނޑަށެވެ.

މެޗުގެ 66 ވަނަ މިނެޓްގައި ފްރާންސަށް ދެ ވަނަ ލަނޑެއް ޖެހުނު ކަމަށްވެސް ހީކުރެވުނެވެ. ކައުންޓަ އެޓޭކް ފުރުސަތުގައި ކިލިޔަން އެމްބާޕޭ ފޮނުވާލި ބޯޅަ ގޯލް ދަނޑިގައި ޖެހިފައި ގޯލްގެ ތެރެއަށް ވަނެވެ. ނަމަވެސް ލައިސްމަން ނިންމީ އޮފްސައިޑް ކަމަށެވެ.

މެޗުގެ 86 ވަނަ މިނެޓްގައި ކަރީމް ބެންޒެމާވެސް ލަނޑެއް ޖެހުނު ކަމަށް ހީކޮށް އުފާފަޅު ކުރި އެވެ. ފުރަތަމަ ރެފްރީވެސް ނިންމީ ލަނޑެއް ކަމަށެވެ. އެހެންނަމަވެސް ލަނޑެއް ނޫން ކަމަށް ނިންމީ ވީއޭއާރް މެދުވެރިކޮށް ބެލުމަށް ފަހު އެވެ.