15 ޖޫން 2021 - 22:31

އަރަބިންނަށާއި މުސްލިމުންނަށް ހުތުރު އެއްޗެހި ގޮވައި ފުރައްސާރަކުރަމުން، އިރުމަތީ ގުދުސްގައި، ހަރުކަށި ޔަހޫދީން މިއަދު ހަވީރު ބޭއްވި ދިދައިގެ ހިނގާލުމާ ދެކޮޅު ހެދި ފަލަސްތީނު މީހުންނަށް، އިޒްރޭލު ސިފައިން ހަމަލާދީ އެތައް ބަޔަކު ޒަހަމްކޮށްލައި ބައެއް މީހުން ހައްޔަރުކޮށްފި އެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި އިޒްރޭލު ސިފައިންނާއި ފުލުހުން ބަޑި ޖެހުމުގެ ސަބަބުން، ފަލަސްތީނުގެ ވިއްސަކަށް މީހުން ޒަހަމްވި އެވެ. އޭގެ ތެރެއިން ހާލު ބޮޑު ތިން މީހަކު ހޮސްޕިޓަލަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި ޒަހަމްވި މީހުން ގޮވައިގެން ހޮސްޕިޓަލަށް ދަތުރުކުރި އެމްބިއުލާންސަށް ވެސް އިޒްރޭލު ސިފައިން ބަޑި ޖެހި ކަމަށް، ރެޑް ކްރެސެންޓުން ބުންޏެވެ.
ހަރުކަށި ޔަހޫދީންގެ ދިދައިގެ ހިނގާލުން ކުރިއަށް ދިޔައީ، އެ ހިނގާލުން ބޭއްވި މަގުތަކަށާއި ސަރަހައްދުތަކަށް، ފަލަސްތީނު މީހުންނަށް ނުވަދެވޭނެ ގޮތަށް މަގުތައް ބަންދުކޮށްގެން، އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ހިމާޔަތް ދީގެންނެވެ.
ދިދައިގެ ހިނގާލުން ކުރިއަށް ދިޔަ ވަގުތު، އެ ސަރަހައްދާ ކައިރިއަށް ދިޔަ ފަލަސްތީނު މީހުން ދުރަށް ޖެއްސުމުގެ ގޮތުން، ފުލުހުން ވަނީ ރަބަރު ވަޒަން ބޭނުންކޮށްގެން ހަމަލާ ދީފަ އެވެ. އޭގެ އިތުރުން އަޑު ބޮމާއި، ކަރުނަގޭސް ވެސް ބޭނުންކުރި ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. ފަލަސްތީނު މީހުން ދުރަށް ޖެއްސުމުގެ ތެރޭގައި، ފަލަސްތީނުގެ ފަސް ޒުވާނަކު ހައްޔަރުކޮށްގެން ގެންދިޔަ އެވެ.
ޔަހޫދީންގެ ހިނގާލުން ފެށި ސަރަހައްދު ކަމަށްވާ، ގުދުސްގެ އެންމެ މަޝްހޫރު އެއް ދޮރޯށި ކަމަށަވާ ބާބުލް އާމޫދު ސަރަހައްދު މިއަދު ހެނދުނުން ފެށިގެން އޮތީ އިޒްރޭލު ފުލުހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. އެ ސަރަހައްދުން ފަލަސްތީނުގެ ރައްޔިތުން ދުރަށް ލައި، އެ ސަރަހައްދަށް ދެވޭ މަގުތަކުގައި، ދަގަނޑު ހުރަސްތައް ބަހައްޓައި، ފުލުހުން އައީ ފަލަސްތީނު މީހުން އެސަރަހައްދަށް ވަނަނުދީ ފޮނުވައިލަމުންނެވެ.
ދިދައިގެ ހިނގާލުން ކުރިއަށް ދިޔަ ވަގުތު، ހިނގާލުމުގެ ބައިވެރިންނަށް ފެންނަ ގޮތަށް، ފަލަސްތީނު ދިދަ ހިފައިގެން އުޅުނު މީހުންނަށް، އިޒްރޭލު ސިފައިން ވަނީ ހަމަލާ ދީ އެ ސަރަހައްދުން ދުރަށް ޖައްސައިފަ އެވެ.
މިއަދުގެ ހިނގާލުމާ ވިދިގެން، ނުރައްކާތެރި ކުރިމަތިލުމެއް ފެށިދާނެ ކަމުގެ ބިރަށް، ރޮކެޓް ހަމަލާތަކުން ދިފާއުވުމަށް، އިޒްރޭލުން ބޭނުންކުރާ މިސައިލް ނިޒާމު، "އެކަތައިގެ ގުއްބު" ވެސް ތައްޔާރީ ހާލަތަށް ގެނަ އެވެ. އަދި މިއަދުގެ ހިނގާލުމުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމަށް 30000 ސިފައިން މަގުތަކަށް ނެރުނެވެ.
ދިދައިގެ ހިނގާލުމުގައި، ހަރުކަށި ޔަހޫދީން ނުކުތީ އިޒްރޭލުގެ ދިދަތައް ވިހުރުވަމުން "އަރަބިންނަށް މަރު" ގޮވަމުންނެވެ. ގުދުސްގެ އެންމެ މުހިންމު އެއް ދޮރޯށި ކަމަށްވާ "ބާބޫލް އާމޫދު" އިން ފަށައިގެން ކުރިއަށް ދިޔަ ހިނގާލުމުގެ ބައިވެރިން، އިރުމަތީ ގުދުސްގެ ތެރޭގައި ފަލަސްތީނު މީހުންނާއި ޔަހޫދީންނާ ދެމެދު އެންމެ ގިނައިން ކުރިމަތިލުންތައް ހިނގާ ސަރަހައްދުތަކުން ދަތުރުކޮށް، ފަލަސްތީނު މީހުންނަށް ހަޑިހުތުރު އެއްޗެހި ގޮވައި ފުރައްސާރަ ކުރި އެވެ.
މި ހިނގާލުން ކުރިއަށް ދާއިރު، ޔަހޫދީންގެ ދީނީ ބަނދިވަރުތައް ކިޔުމާއި، އެންމެން ބައިވެރިވާ ނެށުންތައް އޮތެވެ. މި ހިނގާލުން ބޭއްވުމުގެ މައިގަނޑު ބޭނުމަކީ، ފަލަސްތީނު މީހުންނަށް ޖެއްސުންކުރުމާއި، ޔަހޫދީންގެ ބާރު ދެއްކުމާއި، ފަލަސްތީނު މީހުންނާ ދެކޮޅަށް ބޭނުން ކޮންމެ ކަމެއް ކުރެވިދާނެ ކަން ދެއްކުމެވެ.
ދިދައިގެ ހިނގާލުމަކީ، 1967 ވަނަ އަހަރު، އިޒްރޭލުން އިރުމަތީ ގުދުސް ހިފުމަށް ފަހު، ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި ނިންމި ނިންމުން ފާހަގަކުރުމުގެ ގޮތުން، 1974 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ޔަހޫދީން އިންތިޒާމުކުރާ ހިނގާލުމެކެވެ.
އިރުމަތީ ގުދުސްގައި ޔަހޫދީން މިއަދު ބޭއްވި ހިނގާލުމަކީ، ހުސްވި މެއި މަހުގެ ކުރީކޮޅު ބާއްވަން އިންތިޒާމުކުރި ހިނގާލުމެކެވެ. ނަމަވެސް އެފަހަރު އިޒްރޭލު ސިފައިން ގާޒާއަށް ހަމަލާ ދޭން ފެށުމުން، ރައްދުގައި ހަމާސް ޖަމާއަތުން ގާޒާ އަށް ރޮކެޓް ހަމަލާތައް ދޭން ފެށުމާ ގުޅިގެން، އެ ހިނގާލުން ކެންސަލް ކުރީ އެވެ.
އޭގެ ފަހުން ދެ ވަނަ ފަހަރަށް މި ހިނގާލުން އިންތިޒާމު ކުރީ، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުމަށެވެ. ނަމަވެސް، ހަމާސް ޖަމާއަތުން ދިން އިންޒާރުތަކާ ގުޅިގެން، އަދި އިޒްރޭލުގައި އާ ސަރުކާރަށް ރުހުން ދިނުމުގެ މައްސަލަ، މިދިޔަ އާދީއްތަ ދުވަހަށް ތާވަލުކުރުމާ ގުޅިގެން، އިޒްރޭލު ސަރުކާރުން އެ ހިނގާލުމަށް ފުރުސަތު ނުދީ، މިއަދަށް ފަސްކުރީ އެވެ.