23 ނޮވެމްބަރ 2016 - 06:29

އާލިއާ ބަޓް ފިލްމީ ދުނިޔެއަށް ނުކުތީއްސުރެ އޭނާ ކުޅުނު ކޮންމެ ފިލްމެންހެން ދިޔައީ ކާމިޔާބު ވަމުންނެވެ. އެހެންވެ ފިލްމެއް ކާމިޔާބު ނުވެދާނެތީ އޮންނަ ބިރު ދިޔައީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.
އާލިއާގެ ހަތަރު އަހަރުވީ ކެރިއަރުގައި މިހާތަނަށް ފްލޮޕްވެފައި ވަނީ އެންމެ ފިލްމެކެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ފްލޮޕް ފިލްމަކީ ވެސް ދަސްކުރާ މަރުހަލާގައި ލިބުނު ރަނގަޅު ތަޖުރިބާ އެކެވެ. އަދި އޭގެ ސަބަބުން އޭނާގެ ހިތްވަރު ވަނީ ވަކިން ގަދަވެފަ އެވެ.
"ފެއިލް ވެދާނެތީ އޮންނަ ބިރު ދުވަހަކު ވެސް އަހަންނަކާ ދުރެއް ނުވާނެ. އަހަރެން އުފާކުރަން އެ ފިލްމު ފްލޮޕްވީތީ. އެ ފިލްމު ނާކާމިޔާބު ނުވި ނަމަ ނާކާމިޔާބީގެ އިހްސާސަކީ ކޮބައިކަމެއް އަހަންނަކަށް ނޭނގުނީސް،" އާލިއާ ބުންޏެވެ.
އާލިއާ، 23، ގެ ފިލްމުތަކުގެ ތެރެއިން ފްލޮޕްވީ ޝާހިދު ކަޕޫރާ އެކު އޭނާ ކުޅުނު "ޝާންދާރް" އެވެ.
"އުޅްތާ ޕަންޖާބު" ގެ އެކްޓަރު ބުނީ އޭނާ ކެރިއަރު ގެންދަނީ ވަކި ގޮތަކަށް ޕްލޭންކޮށްގެން ނޫން ކަމަށެވެ. ނަމަވެސް މިހާތަނަށް އޭނާއަށް ޚިޔާރު ކުރެވިފައިވާ ފިލްމުތަކާ މެދު އާލިއާ ހިތްހަމަޖެހެ އެވެ.
"އަހަރެންގެ ކެރިއާ ކުރިއަށްދާ ގޮތާ މެދު އަހަންނެއް ނުވިސްނަން. އެކަހަލަ ކަންތައް ދެކެ އަހަރެން ވަރަށް ފޫހިވޭ. ކޮންމެ ދުވަހަކު ވާ ކަންތައްތަކާ މެދު އެވަރަށް ވިސްނޭނީ ކާކަށް،" އާލިއާ ބުނެފައިވެ އެވެ.
އާލިއާގެ ދެން އެންމެ އަވަހަށް ރިލީޒްވާނެ ފިލްމަކީ ޝާހްރުކް ޚާންއާ އެކު އޭނާ ކުޅެފައި ވަނީ "ޑިއާ ޒިންދަގީ" އެވެ. ގޯރީ ޝިންޑޭ ޑައިރެކްޓް ކޮށްފައިވާ މި ފިލްމު އަންނަ ހުކުރު ދުވަހު ރިލީޒްކުރާނެ އެވެ.
އާލިއާ ބުނި ގޮތުގައި "އިންގްލިޝް ވިންގްލިޝް" ޑައިރެކްޓްކުރި ގޯރީ އަކީ އޭނާގެ ޑައިރެކްޝަން ވަރަށް ސާފު މީހެއް ކަމަށެވެ. އޭނާ ދިރިއުޅުމުގެ އެކި ހާލަތުތައް ކިޔައިދެނީ ވަރަށް އާދައިގެ ގޮތަކަށެވެ. "ޑިއާ ޒިންދަގީ" އަކީ ވެސް ދިރިއުޅުމުގައި ދިމާވާ ތަފާތު ކަންތައްތައް ފިލްމެއްގެ ގޮތަށް ހުށަހަޅައިދީފައިވާ ފިލްމެކެވެ.
މި ފިލްމުގައި އާލިއާ ކުޅެނީ ފިލްމު ފޮޓޮގްރާފަރެއްގެ ރޯލެވެ. ނަމަވެސް އެއްވެސް ޕްރޮޖެކްޓެއް ޑައިރެކްޓްކުރުމަކީ ހަގީގަތުގައި އޭނާއަށް ވާނެކަމެއް ނޫންކަމަށް އާލިއާ ބުނެ އެވެ.
"އަހަންނަށް ދުވަހަކުވެސް ފިލްމެއް ޑައިރެކްޓެއް ނުކުރެވޭނެ. އަހަރެންގެ އެ ގާބިލްކަން ހުރިކަމާ މެދު ޝައްކު. ފަހަރެއްގައި އެއްދުވަހަކުން ފިލްމު ޕްރޮޑިއުސް ކުރިޔަސް ޑައިރެކްޓެއް ނުކުރެވޭނެ،" އާލިއާ ބުނެފައިވެ އެވެ.