15 ޖޫން 2021 - 21:11

އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް "އުރީދޫ ސުޕަނެޓް" ލ. ކަލައިދު އަށް ތައާރަފުކޮށްފި އެވެ.
މިއީ ރާއްޖޭގެ އެންމެ ހަލުވި އިންޓަނެޓް ސްޕީޑު، 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓު ލިބޭ ހިދުމަތެކެވެ. ކަސްޓަމަރުންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތައް މި ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.
ކަލައިދު އަށް މި ހިދުމަތް ތައާރަފުކުރުމާ ގުޅިގެން އުރީދޫން ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށައިފަ އެވެ. މި ޕްރޮމޯޝަންގެ ދަށުން، އެ ރަށުން އެންމެ ފުރަތަމަ މި ހިދުމަތް ހޯދާ 20 މީހަކަށް މައިކްރޮސޮފްޓް 360 ލައިސެންސް ލިބޭނެ އެވެ.
މިހާރު ކުރިއަށް ގެންދާ ޔޫރޯ 2020އާ ގުޅިގެން އުރީދޫން ފަށާފައިވާ ޕްރޮމޯޝަންގެ ދަށުން މެޗުތައް ބަލައިލުމަށް ސުޕަނެޓް 50އެމް އަދި 100އެމް ނަގާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރިމިއަމް ކޮންޓެންޓަށް އެއް މަސް ދުވަހުގެ ސަބްސްކްރިޕްޝަން ވެސް ހިލޭ ލިބޭނެ އެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ހައި ސްޕީޑް ބްރޯޑްބޭންޑު ހިދުމަތް ކޮންމެހެން ބޭނުންވާ ކަމަށެވެ. އެހެންވެ އުރީދޫން އަބަދުވެސް މަސައްކަތްކުރަނީ އާންމުންނާއި ވިޔަފާރިވެރިންނަށް ހައި ސްޕީޑް އިންޓަނެޓު ހިދުމަތް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އުރީދޫން ވަނީ ދާދި ފަހުން ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފަ އެވެ. މި ބަދަލާ އެކު ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާ އެކު 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑު ވެސް ލިބެ އެވެ.
ސުޕަނެޓް ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ ވެބްސައިޓު ore.do/getsupernet މެދުވެރިކޮށް އެ ހިދުމަތް ލިބޭނެ އެވެ.