ވާހަކަ: ބޮޑު ސިއްރު
ވާހަކަ: ބޮޑު ސިއްރު

އާދިއްތަ ދުވަހާ ގުޅޭ

މަލްހާ ފެނުމާ އެކު ފާއިޒުގެ ދެފައި ތަޅުންގަނޑުގައި ތަތްލި ކަހަލައެވެ. ފާއިޒަށް ފެނުނީ މަލްހާއެއް ނޫނެވެ. ހަސްނާއެވެ.

ހަމަ އެ ލޮލެވެ. އެ ހިނިތުންވުމެވެ. އެ ދޮންކަމާއި، އިސްކޮޅާއި، އިސްތަށިގަނޑެވެ. އެއީ ކާކުކަމެއް ފާއިޒަކަށް ނޭނގެއެވެ.

އެކަމަކު، މަލްހާ ފެނުމުން ފާއިޒުގެ މުޅި ހަށިގަނޑު ފިނިވެގެންދިޔަކަން ފާއިޒަށް ޔަގީނެވެ. ހީވީ ބޮލަށް ގަންގާނަގަނޑެއް އޮހިގަތްހެންނެވެ. ގަންގާނަޔާ އެކުގައި ޖަހައިލި އިންޒާރުގެ ގުގުރިން ރާމިޒާގެ މެޔަށް ގުޑުންއަރައިގެންދިޔައެވެ. މަލްހާ ގޭގައި ބަހައްޓަން ރާމިޒާ ބޭނުން ނުވި ސަބަބަކީ އެއީއެވެ. މާލެއަށް ގެންނަން ބޭނުން ނުވި ސަބަބީ ވެސް އެއީއެވެ. ބޮޑު ސިއްރު ކަފުންކޮށްގެން ރާމިޒާ އުޅޭތާ އަހަރުތަކެއް ވެއްޖެއެވެ. އެހާ ދުވަސްވީ އިރު ވެސް އެއްވެސް ކަމެއް ބަދަލެއް ނުވެއެވެ. އެ ކަން ރާމިޒާގެ ލޮލަށް ފެނިއްޖެއެވެ. ޒަމާން ބަދަލުވިޔަސް، ގެޔަކު އަދިވެސް ރައްކާތެރިކަމެއް ނެތެވެ. މަލްހާ ގެޔަކު ނުބެހެއްޓޭނެއެވެ. ކޮންމެވެސް ގޮތެއް ރާމިޒާ ޖެހޭނީ ހަދާށެވެ.

"ދަރިފުޅާ!" ފާއިޒަށް ބަލައިލަމުން ރާމިޒާ ބުންޏެވެ. "މީ ހަސްނާގެ ދަރިފުޅު މަލްހާއޭ! ދަރިފުޅުގެ ކޮއްކޮ."

ރާމިޒާ އެހެން ބުނީ ފޮނި އުންމީދެއްގައެވެ. ފާއިޒަށް ކޮންމެވެސް އެއްޗެއް ވިސްނައިދިނުމުގެ ބޭނުމުގައެވެ.

އިންސާނުންގެ މެދުގައި އޮންނަ އެކި ގުޅުންތަކަށް ދޭންޖެހޭ ގަދަރާއި އިހުތިރާމު ފާއިޒަށް ހަނދާންކޮށްދިނުމުގެ ބޭނުމުގައެވެ. ވީ ފައިދާއެއް ނެތެވެ.

"އެހެންތަ؟" ލާނެތް ރާގަކަށް ފާއިޒު ބުނެލިއެވެ. "ހާދަ ބޮޑުވެއްޖޭ ދޯ!"

ހިނދުކޮޅަކަށް ނަމަވެސް ރާމިޒާއަށް ދެލޯ މަރައިލެވުނެވެ. ފާއިޒުގެ މޫނުމަތިން ރާމިޒާއަށް ފެނުނީ ފެނިގެން ނުވާނެ ކަހަލަ ލާނެތްކަމެކެވެ. ކޮއްކޮއަކާ ދިމާއަށް ބޭބެއަކު ބަލާ އިރު، ބޭބެގެ ލޮލުން ފެނިގެން ނުވާނެ ކަހަލަ ވިދުވަރެއް ރާމިޒާއަށް ފެނުނެވެ.

ފާއިޒު ނިކަން ލޯބިން މަލްހާ ގައިގައި ފިރުމައިލިއެވެ. މަލްހާގެ އަތުގައި ހިފިއެވެ. ރާމިޒާ ވަގުތުން މަލްހާގެ އަތުގައި ހިފައިގެން އެތެރެއަށް ހިނގައިގަތެވެ.

"ހަސްނާ!" ރާމިޒާ ގޮވައިލިއެވެ. "އާދެބަލަ މިކޮޅަށް!"

މަރުވެފައި ހުރި ގަބުރެއްހެން ހިނގައިފައި ހަސްނާ އައެވެ. ބޯ ހުރީ ހާވައިލައިފައެވެ. މޫނުގެ ކުލަ ހުރީ މިލައިފައެވެ. ރާމިޒާ ވަނީ ރާމިޒާގެ ކޮޓަރިޔަށެވެ. މަލްހާ އެނދުގައި ބައިންދައިފައި، ހަސްނާގެ އިސްތަށިގަނޑު ރީތިކޮށްފައި ހުޅިއެއް ޖަހައިދިނެވެ.

"ބަލަ މީނި ކުއްޖެއް!" މަލްހާ ދައްކައިފައި ރާމިޒާ ބުންޏެވެ. "ކާކު މީ؟"

ހަސްނާއަކީ ކާކުކަން މަލްހާއަށް އެނގެއެވެ. މަލްހާއަކީ ކާކުކަން ހަސްނާއަށް ވެސް އެނގެންޖެހޭނެއެވެ. ހަސްނާ އެކަންޏެއް ނޫނެވެ. ހަސްނާ ދަންނަ ކޮންމެ މީހަކަށް ވެސް މަލްހާ ނޭނގިއެއް ނުހުންނާނެއެވެ.

ދެމައިން ވައްތަރުކަމުންނެވެ. އެކަމަކު ރާމިޒާގެ އުންމީދުގައި އެއްވެސް ކުލައެއް ނުޖެހުނެވެ. ބީރައްޓެއްސަކަށް ބަލާހެން މަލްހާއަށް ބަލައިލުމަށް ފަހު ހަސްނާ ބަލައިލީ ރާމިޒާއަށެވެ.

"ކާކު އެއީ؟" ހަސްނާ އެހިއެވެ.

"މަންމާ! މީ މަލްހާއޭ! މަންމަގެ ދަރިފުޅު!" މަލްހާއަށް ނީނދެވިގެން ބުންޏެވެ.

ހަސްނާއަށް ހީވީ ނުދަންނަ ބަހުރުވަޔަކުން މީހަކު އެއްޗެއް ބުނިހެންނެވެ. އެންމެ އަކުރެއްގެ މާނަ ވެސް ހަސްނާއަށް ދޭހަވިހެނެއް ހިޔެއްނުވިއެވެ. މަލްހާއަކީ ކާކުކަން އިތުރަށް އޮޅުންފިލުވައިދޭން މަލްހާ އުޅުނެވެ. ރާމިޒާ އަތުގެ އިޝާރާތުން އެ ކަން ހުއްޓުވިއެވެ. ކެތްތެރިވުމަށް އެންގިއެވެ.

މަލްހާ ނިންދެވީ ރާމިޒާގެ އެނދުގައެވެ. ކޮޓަރީގެ ދޮރު ތަޅުލުމަށް ފަހު ދޮރުގެ އެތެރެ ފަރާތުގައި ގޮނޑިއެއް ބަހައްޓައި، ގޮނޑި މަތީގައި ބިއްލޫރި ފުޅިއެއް ވެސް ބެހެއްޓިއެވެ. ކިރިޔާ ވެސް ގޮނޑީގައި ޖެހިއްޖެއްޔާ ފުޅި ވެއްޓޭނެ ކަހަލަ ގޮތަކަށެވެ. ދަންވަރު ރާމިޒާއަށް ފުރޮޅިލެވުނު ގޮތަކުން ކުއްލިއަކަށް އެނދު ތިރާވިއެވެ. އެނދުގެ ފައިލާކޮޅު އެއްކޮށް ފަޑިޔާ ވަކިވީއެވެ. ރާމިޒާގެ އެނދަށް އެތައް އަަހަރެއް ވެއްޖެއެވެ. ވީމާ، އެނދު ހަލާކުވުމުން ރާމިޒާ ހައިރާނެއް ނުވެއެވެ.

ވަގުތީ ގޮތުން ގޮދަޑި މަތީގައި ނިދައިފައި، އެނދު ހަދަން ހެނދުނު ބަޔަކު ގެނައެވެ. މާ ބޮޑު މަސައްކަތަކާ ނުލައި އެނދު ހެދުނު ވެސް މެއެވެ. ރާމިޒާ ހައިރާންވީ ރާމިޒާއަށް ވުރެ ބޮޑަށް ފާއިޒު އެ ކަމާ ކަންބޮޑުވީމައެވެ. އެ ދުވަހާ ހަމައަށް ފާއިޒަކީ މަންމަޔާ މާ ބޮޑު ގުޅުމެއް ބާއްވާ ދަރިއެއް ނޫނެވެ. ހުރިހައި ކަމެއް ކުއްލިއަކަށް ބަދަލުވިއެވެ.

"މާ ބޮޑަށް އެނދު ބާވީ! ނަސީބެއްނު މަންމައަށް ކަމެއް ނުވިކަން،" ފާއިޒު މެއްސެއްހެން ކޮޓަރި ތެރޭގައި އެނބުރެމުން އެ ވާހަކަދެއްކިއެވެ. "އަހަންނަށް ފެންނަނީ ދެން ތަންކޮޅެއް ކުޑަ އެނދެއް ހަދަން. ކޮންމެހެން ތި އެނދު ދެން ހަދާނެކަމެއް ނެތް. އަނެއްކާ ވެސް ވެއްޓިދާނެ. މަލްހާ ބޭއްވިދާނެއްނު ހަސްނާ ކޮޓަރީގަ. އެއީ ބޮޑު އެނދެއްނު!"

ފާއިޒު ހިތުން ރާމިޒާއަކަށް އެކައްޗެއް ވެސް ނުވިސްނޭނެއެވެ. ރާމިޒާ ވެސް ކޮންމެހެން ވިސްނުނުކަމަކަށް ނަހަދައެވެ. ފާއިޒު ދިން ހިޔާލަށް ރާމިޒާ ތާއީދު ވެސް ކުރިއެވެ. އެ ގޮތުން ވެސް ދަރިފުޅާ ރާމިޒާޔާ ދެމެދުގައި އޮތް ބީރައްޓެހިކަން ނިމުމަކަށް ގެނައުމުގެ ދަހިވެތިކަމުގައެވެ.

ފިރިމީހާގެ ވިޔަފާރި ބަލަހައްޓަނީ ވެސް ފާއިޒެވެ. ވިޔަފާރި ހައްތަހާ ދަނީ ދަށަށެވެ. ރާމިޒާއަކަށް ވާއެއްނުވާއެއް ނޭނގެއެވެ. މަސްލަހަތު ގޯސް ނުވާނެ ގޮތަކަށް އެ ކަން ވެސް ބެލެން އަންނަނީ ފާއިޒު ރުއްސައިގެންނެވެ. ދޫދީގެންނެވެ. އެހެނަސް ރާމިޒާގެ ހިތުގައި ސުވާލު އުފެއްދިއެވެ. ރާމިޒާގެ އެނދު ހަލާކުވީ ހެއްޔެވެ؟ ހަލާކު ކޮށްލީ ހެއްޔެވެ؟ ދަރިފުޅާ ދެކޮޅަށް ރާމިޒާ ވާހަކަދައްކަން ފަށައިފިއްޔާ، ދަރިފުޅުގެ ލޯބި ހޯދަން ލިބުނު ހަނި ފުރުސަތު ވެސް ގެއްލޭނެއެވެ. ރާމިޒާ ހޯދީ ވަގުތީ ހައްލެކެވެ.

"މަންމަ މި އުޅެނީ މަލްހާޔާ ހަސްނާ އަނގައިން ވެސް ނުބުނެގެން،" ރާމިޒާ ރަނގަޅު ބަހަނާއެއް ދެއްކިއެވެ. "ދެން ކިހިނެއް ހަސްނާގެ އެނދު ބިއްދޮށުގަ މަލްހާ ބާއްވާނީ ދަރިފުޅާ! މަޑުމަޑުން ދެމައިން ހަމައަކަށް އެޅުނީމަ ތިޔަ ކަންތައް ކުރެވޭނީ. މަންމަ ވެސް ބޭނުންވަނީ ތިހެން ހަދަން."

މަންމަގެ ޖަވާބު އިވިފައި ފާއިޒުގެ ހިތަށް ހަމަޖެހުން ލިބުނެވެ. ރާމިޒާ އެންމެ ސިކުންތަކު ވެސް ރާމިޒާގެ ލޯމަތިން މަލްހާ ގެއްލުނަކަ ނުދެއެވެ. ދާ ކޮންމެ ތާކަށް ދަނީ މަލްހާ ގޮވައިގެންނެވެ.

އުނދަގޫ ގޮތެކެވެ. އެކަމަކު، ރާމިޒާއަކަށް އެހެން ގޮތެއް ނުވިސްނެއެވެ. ބޮޑުވެފައި ހުރި ފިރިހެންދަރިފުޅާ ދެކޮޅަށް ކަނޑި ހިފައިގެން ނުކުންނަހާ ހިތްވަރެއް ރާމިޒާގެ ނެތެވެ. ކުރިން ގައިގައި ހަކަތަ ހުރި އިރު ވެސް އެ ކަމެއް ނުކުރެވުނެވެ.

ވިއްސާރަ ދުވަހެކެވެ. އެ ޒަމާނުގައި ކޮންމެ ގެޔަކީ ވެސް ޖަންގައްޔެކެވެ. އާންމުކޮށް ބޭނުންވާ ތަރުކާރީއާއި، މޭވާގެ ވެސް ބައެއް ބާވަތްތައް ހުންނާނީ ގޭގައި ހައްދައިފައެވެ. ރާމިޒާ ގަސްތަކާ ކުޅެ ހަދަނީ ވިއްސާރަ ދުވަސްވަރުއެވެ. ފުރަތަމަ މަސައްކަތްކުރީ މަލްހާ ގޮވައިގެން އެ މަސައްކަތްކުރާށެވެ.

އެހެނަސް، ވާރެޔާ ތެމޭކަށް މަލްހާ އެއްބަހެއް ނުވިއެވެ. ދެން ރާމިޒާ ބެލީ ފާއިޒު ގޭގައި އުޅޭތޯއެވެ. ނެތްކަން ކަށަވަރު ކޮށްފައި، ފެންނަ ހިސާބުގައި މަލްހާ ބަހައްޓައިފައި ރާމިޒާ ގަސްތަކު ތެރެއަށް ވަނެވެ. އެއް ލޯ ގަސްތަކަށް ދީގެން ހުންނަ އިރު އަނެއް ލޯ ހުންނަނީ މަލްހާއަށެވެ. އެ ވަރުން ނުވެގެން، ހުއްޓައިނުލައި މަލްހާޔާ ވާހަކަ ވެސް ދެއްކިއެވެ. ގާތުގައި މަލްހާ ހުރިކަން ކަށަވަރު ކުރުމަށް ޓަކައެވެ. އެއް ފަހަރު ރާމިޒާ ކުރި ސުވާލަކަށް މަލްހާ ޖަވާބު ނުދީގެން މަލްހާ ކޮބައިތޯ ބަލައިލަން ތެޅިގަނެވުނު ގޮތަކުން ފައި ކައްސައިލިއެވެ. ނިކަން ބާރަށް ވެއްޓުނެވެ. މަލްހާ ހުރީ ކައިރީގައެވެ. ރާމިޒާ ނަގަން އެހީވީ ވެސް މަލްހާއެވެ. ރާމިޒާއަކަށް އަނިޔާއެއް ނުވެއެވެ. ތެދުވީ އަމިއްލަޔަށެވެ.

ޖެހިގެން އައި ދުވަހު ރާމިޒާއަކަށް އެނދަކުން ނުތެދުވެވުނެވެ. އަރިކަށްޓަަށް އަރައިފައި ހުރި ތަދެއްގެ ސަބަބުން، ފުރޮޅިލެވެނީ ވެސް މަރަށްފުރާނަޔަށެވެ. ތެޔޮދަމާނެ މީހަކު ގެނައެވެ. އެ ކަން ކުރިޔަށް ދިޔައެވެ. އެނދުން ނުތެދުވުން އެއީ ރާމިޒާއަށް މައްސަލައެއް ނޫނެވެ. ރާމިޒާއަށް ކަންތައް ކޮށްދޭނެ މީހުން ގޭގައި އުޅެއެވެ. މައްސަލައަކީ، މަލްހާ ބަލަހައްޓާނެ ގޮތެއް ރާމިޒާއަށް ނޭނގުމެވެ. ރާމިޒާ ހިތަށްއެރިއެވެ. ދެވަނަ ހަސްނާއަކަށް މަލްހާ ވާން ދުލެއް ނުކުރެވޭނެއެވެ. އެކަމަކު ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

ރާމިޒާއަށް ގޮވައިލަން ޖީޒާ އައެވެ. އޭރު ވެސް ރާމިޒާއަށް އޮވެވުނީ ނިތްކުރިމަތީގައި އަތް ބާއްވައިލައިގެންނެވެ.

"އެކަމަކުވާ ރާމިޒާ!" ޖީޒާ ސަމާސާކޮށްލިއެވެ. "ތިއުޅެނީ ތަނެއް ބިންދައިގެން ގޮސްގެނެއް ނޫން ވިއްޔަ! އަހަންނެއްނު ތިހެން އަތް ބާއްވައިގެން އޮންނަންވީ!"

ޖީޒާ އިށީނުމަށް ރާމިޒާ އެނދުން ތަން ދެއްކިއެވެ. އޭރު ވެސް މަލްހާ އިނީ އެނދުގައެވެ.

"ދަރިފުޅު އިހަށް ބޭރަށް ދޭބަަލަ!" ރާމިޒާ އެދުނެވެ. "މާމަ ގޮވައިލީމަ އިވޭ ހިސާބުގަ އިންނާނީ."

މަލްހާ ނުކުތެވެ. ޖީޒާ އައިސް އެނދުގައި އިށީނެވެ.

"ޖީޒާ ކޮން ކަމަކާ ފިކުރުބޮޑުވެގެން ތި އުޅެނީ؟" ރާމިޒާ ސުވާލުކުރިއެވެ.

ޖީޒާ ބަނޑުބޮޑެވެ. އަނެއްކޮޅުން، ޖީޒާގެ މަންމައަކީ އެކަނި ހާލައިގެން ނުހިނގޭ މީހެކެވެ. ގޭގައި ގެންގުޅުނު ކުއްޖާ ކުއްލިއަކަށް ރަށަށް ފުރައިފިއެވެ.

"ނެތްތަ ގޭގަ ބަހައްޓާލާނެ މަންޖެއެއް؟" ޖީޒާ އެހިއެވެ.

ރާމިޒާގެ ނަސީބު އަތުގައި ހިފި ކަހަލައެވެ. ވަގުތުން ޖީޒާޔާ މަލްހާ ހަވާލުކުރިއެވެ. ރާމިޒާގެ އޮތީ އެންމެ ދެ ޝަރުތެވެ. މަލްހާއަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމާއި، އުފާވެރި މާހައުލެއްގައި މަލްހާ ބޮޑުކުރުމެވެ.

"މަލްހާ ދެކެ ހަސްނާ ނުލާހިކު ފޫހިވޭ،" ރަނގަޅު އުޒުރެއް ރާމިޒާ ދެއްކިއެވެ. "އަހަރެން ބޭނުމެއް ނޫން މަލްހާ މި ގޭގަ ބަހައްޓާކަށް."

ދަރިން އެހެން ގޭގެއަށް ފޮނުވައިގެން އެ ގޭގައި ބޮޑުކުރުމަކީ އެ ޒަމާނުގައި އާންމުކަމެކެވެ. އެއްމާބަނޑު ދެ ކުދިން ލިބުނަސް އެއް ކުއްޖަކު ދޭނީ އާއިލާގެ ކޮންމެވެސް އެހެން މީހަކަށެވެ. އަލުން ގެންނާނީ، ވަކި ވަރަކަށް ބޮޑުވީމައެވެ.

އެއްބަނޑު އެއްބަފާ ހުރިހައި ކުދިން އެއް ގެއެއްގައި ބޮޑުވުމަކީ ވަރަށް ނާދިރުކަމެކެވެ.

އެކަމަކު، ޖީޒާގެ ހިތުގައި ސުވާލު އުފެދުނެވެ. ރާމިޒާގެ ގޭގައި މަލްހާ ނުބަހައްޓަން އުޅެނީ ހަގީގަތުގައި ވެސް ހަސްނާ ލޯބިނުވާތީ ހެއްޔެވެ؟ ދެމައިންގެ ގުޅުން ރަނގަޅުވާން ފުރުސަތު ލިބޭނީ މަލްހާ ގޭގައި ހުރީމައި ނޫން ހެއްޔެވެ؟ އެ ފަހަރު ޖީޒާ އެ ސުވާލުކުރިއެވެ.

"މި ގޭގަ އެހެން މައްސަލައެއް އުޅެނީތަ؟" ޖީޒާ ސުވާލުކުރިއެވެ.

-ނުނިމޭ-