23 ނޮވެމްބަރ 2016 - 06:31

އަމީތާބު ބައްޗަން އާއި ރާނީ މުކަރުޖީގެ އާދަޔާޚިލާފު ކުޅަދާނަކަމެއް ފެނިގެން ދިޔަ "ބްލެކް" އަކީ ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކުރި އެންމެ މޮޅު ފިލްމު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. މި ފިލްމަކީ 2005 ގައި އުފެއްދި ފިލްމެކެވެ. މިހާރުގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރު އޭރު ފިލްމު ކުޅޭކަށް ނުފަށަ އެވެ. ރަންބީރުގެ ފުރަތަމަ ފިލްމު "ސާވަރިޔާ" ކުޅުނީ މާ ފަހުންނެވެ. "ބްލެކް"ގައި ރަންބީރު ވަނީ ބާންސާލީގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

އިންޑިއާ ޓުޑޭގެ "އަންފޮގެޓެބްލްސް" ކިޔާ ޓޯކް ޝޯއެއްގައި ރަންބީރާއި އަމީތާބު ދާދި ފަހުން އެކުގައި ބައިވެރިވެ "ބްލެކް" އުފެއްދި ދުވަސްވަރުގެ ގިނަ ވާހަކަތަކެއް ބެލުންތެރިންނާ ހިއްސާ ކުރި އެވެ.
އަމީތާބު ބުނި ގޮތުގައި "ބްލެކް"ގެ ސެޓުގައި ރަންބީރާ ހަވާލުވެފައި އޮތް އެންމެ ބޮޑު މަސައްކަތަކީ އެ ފިލްމުގައި އުޅޭ ކަންފަތަށް ނީވޭ އަދި ލޮލަށް ނުފެންނަ ކުޑަކުޑަ މިޝޭލްގެ ރޯލު އަދާކުރި އައިޝާ ކަޕޫރަށް ތަމްރީނު ދިނުމެވެ. އެ ފިލްމުގެ ވަކި ހިސާބަކުން މިޝޭލް ބޮޑުވުމުން އެ ރޯލު އަދާކުރީ ރާނީ މުކަރުޖީ އެވެ.
ނަމަވެސް މިޝޭލްގެ މޮޅުކަމުން ފިލްމު ބެލި ވަރަށް ގިނަ މީހުން އެ ކުއްޖާއަށް ތައުރީފުކުރި އެވެ. އަދި ގިނަ އެވޯޑުތަކެއް ވެސް އައިޝާ ކަޕޫރަށް އެ ފިލްމުން ލިބުނެވެ. އަމީތާބު ބުނި ގޮތުގައި އައިޝާ އެ ފިލްމުގައި އެހާ މޮޅީ ރަންބީރު އޭނާ ތަމްރީނު ކުރިލެއް ފުރިހަމަ ކަމުންނެވެ.
"ކޮންމެ މަންޒަރެއް ނެގުމުގެ ކުރިން ރަންބީރު އޭނާއަށް އެ މަންޒަރެއްގައި ހަރަކާތްތައް ބަހައްޓާނެގޮތުގެ ތަމްރީނުތައް ދޭ،" އޭނާ އެހާ މޮޅުކަމަށް އެ ފިލްމުގައި ފެނުނީ ރަންބީރުގެ މޮޅުކަމުން،" އަމީތާބު ބުނެފައިވެ އެވެ.
"ބްލެކް" ގައި އަމީތާބުގެ މޫނުގެ ހަރަކާތްތައް މޮޅުކަމަށް ރަންބީރު ތައުރީފުކުރި އެވެ. އަދި އަމީތާބު ކުރާ މޮޅު ކަންތައްތައް ނޯޓުކުރަން ބާންސާލީ އޭނާ ކައިރީގައި ބުނިކަމަށް ރަންބީރު ކިޔައިދިނެވެ. ނަމަވެސް ފިލްމު ބެލި މީހުންނަށް ފާހަގަ ނުކުރެވޭ ގޯހެއް އަމީތާބު ވަނީ އެ ފިލްމުން ފާހަގަކޮށްފަ އެވެ. އަމީތާބު ބުނީ "ބްލެކް"ގައި ދައްކާ ޑައިނިން ރޫމް ތެރޭގައި އޭނާގެ ކެރެކްޓާ ދޭބްރާޖް ސަހާއީ ސިޓީއެއް ކިޔާ މަންޒަރު ފެންނައިރު ފިލްމުގައި އޭނާއަކީ ހަނދާން ނެތޭ ބަލި ޖެހިފައިވާ މީހެއް ކަމަށެވެ. އެ ސިޓީ ނަގާފައި އައިނު އޮތްތަނަށް ގޮސް އައިނު ނަގައިގެން އޭނާ ސިޓީ ކިޔަން ފަށާތަން ފިލްމުން ފެނެ އެވެ.
އަމީތާބު ބުނީ ހަނދާން ނެތިފައިވާ މީހަކަށް އައިނު އޮތް ތަނެއް ނޭނގޭނެ ކަމަށާއި އެއީ އެ ފިލްމުގައިވާ ކުށެއް ކަމަށެވެ. އަދި ފަހުން އެކަމާ ވަރަށް ދެރަވިކަމަށް ވެސް އަމީތާބު ބުންޏެވެ.