15 ޖޫން 2021 - 17:18

އަންނަ މަހު ޖަޕާނުގައި ބާއްވާ، އޮލިމްޕިކް ގޭމްސްގައި ބެޑްމިންޓަންގެ ޓެކްނިކަލް އޮފިޝަލަކަށް ރާއްޖޭގެ އިންޓަނޭޝަނަލް އޮފިޝަލް އަހްމަދު ޝިހާމް (ޕުޗު) ހަމަޖައްސައިފި އެވެ.
އޮލިމްޕިކްސް ގޭމްސްގެ ބެޑްމިންންޓަންގެ ޓެކްނިކަލް އޮފިޝަލުންގެ ތެރޭގައި ޝިހާމް ހިމެނީ، ދުނިޔޭގެ ބެޑްމިންޓަން ފެޑްރޭޝަނުން، އޮލިމްޕިކްސްއަށް ނެގި 20 އޮފިޝަލުންގެ ތެރޭގަ އެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު، އޮލިމްޕިކްސްގެ ބެޑްމިންޓަން އިވެންޓްގައި ރާއްޖޭގެ ޓެކްނިކަލް އޮފިޝަލަކު، އޮފިޝަލްކަން ކުރާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ރާއްޖޭގެ އަލީ އަބްދުލް ކަރީމް ވަނީ އޮލިމްޕިކްސްގެ ބެޑްމިންޓަން އިވެންޓުގައި އޮފިޝަލްކަން ކޮށްފަ އެވެ.
ޝިހާމް ވަނީ 2017 ގައި ބޭއްވި ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ޓެކްނިކަލް އޮފިޝަލްކަން ކޮށްފަ އެވެ. އެއީ ބެޑްމިންޓަންގެ އެންމެ ބޮޑު މުބާރާތުގައި އޮފިޝަލްކަން ކުރި ރާއްޖޭގެ ފުރަތަމަ އޮފިޝަލެވެ. ފުޓްބޯޅައިގައި ބާއްވާ "ފީފާ ވޯލްޑް ކަޕް" އާ އެއް ދަރަޖައިގެ މުބާރާތެއްގެ ގޮތުގައި ބާއްވާ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި މެޗު އޮފިޝަލްކަން ކުރުމުން، ވޯލްޑް ޗެމްޕިއަންޝިޕެއްގައި މެޗަށް އިންސާފު ކުރި ދެ ވަނަ ދިވެއްސަކީ އޭނާ އެވެ.
ފުޓުބޯޅައިގައި ރާއްޖޭގެ ކުރީގެ ރެފްރީ މުހައްމަދު ސައީދު ވަނީ، ކޮރެއާ-ޖަޕާންގައި 2002 ގައި ބޭއްވި ވޯލްޑް ކަޕުގައި އެސިސްޓެންޓް ރެފްރީކަން ކޮށްފަ އެވެ.
ބައިނަލްއަގްވާމީ ކުޅިވަރު ޗެމްބާސްގައި ރާއްޖެ އިން މިހާރު އެންމެ ނުފޫޒުގަދަ ކުޅިވަރަކީ ބެޑްމިންޓަން އެވެ. ރާއްޖޭގެ ފާތިމަތު ނަބާހާ އަބްދު ރައްޒާގަށް ވެސް މިހާރު ވަނީ މި އަހަރުގެ އޮލިމްޕިކްސްގައި ވާދަ ކުރުމުގެ ފުރުސަތު ލިބިފަ އެވެ. އޭނާ އަށް އެ ފުރުސަތު ދިނީ ސީދާ އިންޓަނޭޝަނަލް އޮލިމްޕިކް ކައުންސިލުގެ އިހްތިޔާރު ކުރި ލިސްޓްގެ ތެރެއިންނެވެ.
ރާއްޖޭގެ ބެޑްމިންޓަން ފެޑްރޭޝަންގެ ރައީސް މޫސާ ނާޝިދަކީ، ދުނިޔޭގެ ބެޑްމިންޓަންގެ އެންމެ ނުފޫޒުގަދަ މަގާމު ކަމަށްވާ، ބީޑަބްލިއުއެފްގެ ކައުންސިލް މެންބަރެކެވެ. އަދި ބެޑްމިންޓަން އޭޝިއާގެ ޖެނެރަލް ސެކްރެޓަރީ އެވެ. ބެޑްމިންޓަންގެ ސްކޯރިން ސިސްޓަމަށް އޭނާ އިސްވެ ރާއްޖެ އާއި އިންޑޮނީޝިއާ ގުޅިގެން ހުށަހެޅި ޕްލޭނަށް ބޮޑު ތާއީދެއް ލިބުނެވެ. އެންމެ ގިނަ ވޯޓް ހޯދިޔަސް ފާސްވާން ބޭނުންވާ ޕަސެންޓް ރާއްޖޭގެ ހުށަހެޅުމަށް ނުލިބުނީ ކުޑަ ތަފާތަކުންނެވެ.