ގެސްޓް ހައުސްތަކުގެ އޮކިއުޕެންސީ ސުމަކަށް، އިނދަޖެހިދާނެ ކަމުގެ ބިރު ބޮޑު!
ގެސްޓް ހައުސްތަކުގެ އޮކިއުޕެންސީ ސުމަކަށް، އިނދަޖެހިދާނެ ކަމުގެ ބިރު ބޮޑު!

ރާއްޖޭގެ ގިނަ ގެސްޓު ހައުސްތަކުގެ އޮކިއުޕެންސީ ސުމަކަށް ވެއްޓިފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަިއފި އެވެ.

ގެސްޓް ހައުސްތަކުގެ އޮކިއުޕެންސީ ސުމަކަށް، އިނދަޖެހިދާނެ ކަމުގެ ބިރު ބޮޑު!
ގެސްޓް ހައުސްތަކުގެ އޮކިއުޕެންސީ ސުމަކަށް، އިނދަޖެހިދާނެ ކަމުގެ ބިރު ބޮޑު!

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު، މިދިޔަ އަހަރު އަލުން ހުޅުވައިލި ފަހުން މިހާތަނަށް 58 ރަށެއްގެ 427 ގެސްޓު ހައުސްއެއް ވަނީ ހުޅުވައިފަ އެވެ. އެއީ ޓޫރިޒަމް އެނދުގެ އަދަދުން ބަލާ ނަމަ 7،748 އެނދެވެ. ނަމަވެސް މީގެ ތެރެއިން މި ވަގުތު ޓޫރިސްޓުން ތިބީ މަދު ގެސްޓު ހައުސްތަކެއްގައި ކަމަށް ގެސްޓު ހައުސް ވިޔަފާރިވެރިން ބުނެ އެވެ.

ގެސްޓު ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ރައީސް އަބްދުﷲ ނަޝީދު "މިހާރު" އަށް ވިދާޅުވީ މިއީ ޓޫރިޒަމްގެ ލޯ ސީޒަނަށް ވި ނަމަވެސް ކުރިން އޮކިއުޕެންސީ ހިފަހައްޓާލެވޭ ކަމަށެވެ. ނަމަވެސް މި ދުވަސްވަރު އޮކިއުޕެންސީ އެހާ ބޮޑަށް ދަށްވީ ދެކުނު އޭޝިއާގެ ޓޫރިސްޓުން ރާއްޖެ އައުން މަނާ ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވިގޮތުގައި، ދެކުނު އޭޝިއާ ޓޫރިސްޓުން އައުން މަނާކޮށް، ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށީ އެ ގައުމުތަކުގެ ޓޫރިސްޓުންގެ ސަބަބުން ކަމަށް ދައްކަން ބައެއް ފަރާތްތަކުން މަސައްކަތް ކުރެ އެވެ. ނަމަވެސް ރާއްޖޭގައި އެންމެ ގިނައިން ގެސްޓު ހައުސް ހިންގާ މާފުށީގައި ވެސް ދެކުނު އޭޝިއާ ޓޫރިސްޓުން ކޮވިޑަށް ޕޮޒިޓިވްވާ ވަރު ދިވެހިންނާއި އެހެން ގައުމުތަކުގެ ޓޫރިސްޓުންނާ ބަލާއިރު ވަރަށް ބޮޑަށް ދަށްކަން ފާހަގަ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގެސްޓު ހައުސްއަށް އާއްމުކޮށް މި އަންނަނީ ދެކުނު އޭޝިއާގެ ޓޫރިސްޓުން. އެހެންވެ މިހާރު މަދު ތަންތަނެއް ފިޔަވައި ހުރިހާ ތަނެއް ވެސް އޮތީ ހުސްކޮށް. އަސްލު ކޮވިޑް ފެތުރުނީ އެ ގައުމުތަކުގެ މީހުންގެ ސަބަބުން ކަމަށް، ހާއްސަކޮށް އިންޑިއާ މީހުންގެ ފަރާތުން ކަމަށް ބައެއް މީހުން ދައްކަން ބޭނުންވޭ. އެކަމަކު ހަގީގަތަކީ އެ ގައުމުން އައި ޓޫރިސްޓުންގެ ތެރެއިން ޕޮޒިޓިވްވީ ނިސްބަތުން ވަރަށް މަދު ބައެއް ކަން،" ނަޝީދު ވިދާޅުވި އެވެ.

ގޭމްގެ ސެކްރެޓަރީ ޖެނެރަލް ސައުދުﷲ އަހުމަދު ހަސަން ދީދީ ވިދާޅުވިގޮތުގައި މާލެ އަތޮޅުގައި މި ވަގުތު ޓޫރިސްޓުން ތިބީ އެންމެ ދެ ރަށުގަ އެވެ. މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި ދެކުނު އޭޝިއާގެ ޓޫރިސްޓުން ރާއްޖެ އައުމުގެ ހުއްދަ ދޭން ސަރުކާރާއެކު މަޝްވަރާ ކުރަން އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ވަގުތު މި އަތޮޅުގައި ޓޫރިސްޓުން ތިބީ މާފުށީގަ އާއި ތުލުސްދޫގައި. އެހެން ހުރިހާ ރަށެއްގެ ގެސްޓު ހައުސްތައް އޮތީ ފަޅަށް. މިކަމުގެ ޝަކުވާތައް އަޅުގަނޑުމެންނަށް ދަނީ ކޮންމެ ދުވަހަކު ލިބެމުން. އަޅުގަނޑުމެން އެދެނީ ޖުލައި މަހުން ފެށިގެން ނަމަވެސް ދެކުނު އޭޝިއާ ޓޫރިސްޓުންނަށް ހުއްދަ ދޭން. އެހެން ނޫނީ ގެސްޓު ހައުސްތައް އިނދެ ޖެހިދާނެ،" ސައުދުﷲ ވިދާޅުވި އެވެ.

"މިހާރު" އާ ވާހަކަ ދެއްކި ބައެއް ގެސްޓު ހައުސްތަކުގެ ވެރިންގެ އެންމެ ބޮޑަށް ކަންބޮޑުވުމަކީ އެ ތަންތަން ބަނގުރޫޓުވެ ބަންދު ކުރަން ޖެހިދާނެތީ އެވެ. އެގޮތުން، ރިސޯޓުތަކަށް ތަފާތު ލުއިތައް ދީފައިވާއިރު ގެސްޓު ހައުސްތަކަށް ވެސް ލުއިތައް ދިނުމަށް ވިޔަފާރިވެރިން އެދެ އެވެ.

ހުޅުމާލޭގެ "ނޫމޫ" ގެސްޓު ހައުސްގެ ވެރިޔާ އަހުމަދު ވަހީދު ވިދާޅުވީ އޭނާގެ ގެސްޓު ހައުސްއަށް ޓޫރިސްޓުން ނާންނަތީ އެއްވެސް އާމްދަނީއެއް ނުލިބޭ ކަމަށެވެ. މީގެ ސަބަބުން ލޯނާއި ކުލި ނުދެއްކި، ވިޔަފާރި ބަނގުރޫޓުވުމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް ބައެއް ތަންތަން ބަންދުކޮށްފި އެއްވެސް އެއްޗެއް ނުލިބޭތީ. އަޅުގަނޑުމެން ވެސް މި އުޅެނީ އަނގަ އާއި އަތާ ދިމާނުވެގެން. ގެސްޓުން ނަޔަސް ކުލި ދައްކަން ޖެހޭ. ލޯނު ދައްކަން ޖެހޭ. ފެން ބިލާއި ކަރަންޓު ބިލް ދައްކަންޖެހޭ. މިހެން ދަންޏާ މި ދާއިރާ އެއްކޮށް ފުނޑޭނީ،" ވަހީދު ވިދާޅުވި އެވެ.

"ސަރުކާރަށް ރިސޯޓުތަކުގެ ކުލި ފަސްކޮށްދީ ލުއިތައް ދެވޭ. އެކަމަކު ގެސްޓު ހައުސްތަކަށް އެ ކަހަލަ އެއްވެސް ލުޔެއް ނުލިބޭ. އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި އެޗްޕީއޭއިން ނުވިސްނާ ޓޫރިސްޓުން ގެނައުމުގައި އިތުރަށް ލުއިތަކެއް ދޭން ވެސް."

ދެކުނު އޭޝިއާގެ ގައުމުތަކުން ޓޫރިސްޓުން ރާއްޖެ އައުން މަނާ ކުރީ އެ ގައުމުތަކުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދާތީ ކަމަށް މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި މި މަހުގެ ތެރޭގައި އެ ގައުމުތަކަށް ލުއިތަކެއް ދޭން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. ނަމަވެސް މިހާތަނަށް އެކަމާ ގުޅެގޮތުން އިތުރު ނިންމުމެއް ނިންމާފައި ނުވެ އެވެ.

ރާއްޖޭގެ ގެސްޓު ހައުސްތަކަށް އަންނަ ޓޫރިސްޓުންގެ ތެރެއިން 80 ޕަސެންޓަށް ވުރެ ބޮޑު ބައި ހިއްސާ ކުރަނީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ޓޫރިސްޓުންނެވެ.