ސްޓޭޖުގައި "މޮޔަ" ގޮވި ކިމް ކާޑޭޝަންގެ ފިރިމީހާ އެޑްމިޓްކޮށްފި
ސްޓޭޖުގައި "މޮޔަ" ގޮވި ކިމް ކާޑޭޝަންގެ ފިރިމީހާ އެޑްމިޓްކޮށްފި

ލޮސް އެންޖަލިސް (ނޮވެމްބަރު 22) - ކިމް ކާޑޭޝަންގެ ފިރިމީހާ ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް ސްޓޭޖް މަތީގައި މޮޔަ ވާހަކަތަކެއް ދެއްކުމަށް ފަހު އޭނާ ކުރިއަށް ގެންދާ ޝޯތައް ކެންސަލް ކުރިތާ ދެ ދުވަސް ފަހުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.

ސްޓޭޖުގައި "މޮޔަ" ގޮވި ކިމް ކާޑޭޝަންގެ ފިރިމީހާ އެޑްމިޓްކޮށްފި
ސްޓޭޖުގައި "މޮޔަ" ގޮވި ކިމް ކާޑޭޝަންގެ ފިރިމީހާ އެޑްމިޓްކޮށްފި

ވެސްޓްގެ "ސެއިންޓް ޕަބްލޯ ޓުއާ" ރާވާފައި އޮތީ ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް ބާކީ ހުރިހާ ޝޯއެއް ވަނީ ކެންސަލްކޮށް، ޓިކެޓް ގަތް މީހުންނަށް ރިފަންޑް ދޭން ނިންމައިފަ އެވެ.

ޝޯތައް ކެންސަލްކުރިތާ މާގިނައިރެއް ނުވަނީސް ވެސްޓް، 39، އަށް ވަނީ ލޮސް އެންޖަލްސްގެ ކްލިނިކެއްގައި ފަރުވާ ދޭން ފަށައިފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ އަށް ފަރުވާ ދެނީ މާބޮޑަށް ވަރުބަލިވުމުންނެވެ. އަނެއް ބައި ރިޕޯޓްތައް ބުނަނީ ނަފްސާނީ މައްސަލައެއް ހުރިތޯ ޓެސްޓް ކުރާ ކަމަށެވެ. އޮގަސްޓް މަހުގެ ފަހުން ވެސްޓް ވަނީ ކެނެޑާ އާއި އެމެރިކާގައި 40 ޝޯ ދީފަ އެވެ. ވެސްޓްގެ އަންހެނުން ކިމް ކާޑޭޝަން އަށް ޕެރިހުގައި ބަޑިން ބިރު ދައްކައިގެން ވައްކަން ކުރި އިރު ވެސް ވެސްޓް ހުރީ ނިއު ޔޯކުގައި ޝޯ ދޭން ސްޓޭޖުގަ އެވެ.

އޭނާ އެންމެ ފަހުން ހޮނިހިރު ދުވަހުގެ ރޭ ކެލިފޯނިއާގައި ދިން ޝޯއެއްގައި ވަނީ އެހެން އާޓިސްޓުންނަށާއި ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވި ހިލަރީ ކްލިންޓަނަށް ސްޓޭޖު މަތީގައި ފާޑު ކިޔައި ނުރުހުން ފާޅުކޮށްފަ އެވެ. އަދި ފޭސްބުކްގެ ބާނީ މާކް ޒުކަބާގު 53 މިލިއަން ޑޮލަރު ނުދީގެން ވެސް ވަނީ ފާޑު ކިޔައިފަ އެވެ. އޭގެ ކުރިން އޮތް ޝޯއެއްގައި އޭނާ ވަނީ ސްޓޭޖުގައި ހުރެ، ރިޔާސީ އިންތިޚާބުގައި ވޯޓު ނުލާ ކަމަށާއި އެކަމަކު ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ ކަމަށް ބުނެފަ އެވެ. އޭނާ އެހެން ބުނުމުން ޝޯ ބަލަން ތިބި ބައެއް މީހުން ވަނީ ހިތްހަމަ ނުޖެހުމުގެ ޝުއޫރު ފާޅުކޮށްފަ އެވެ. ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ވެސްޓް ހުރީ "މޮޔަ" ވެފަ އެވެ.

ވެސްޓް އެޑްމިޓްކުރުމާ ގުޅޭ ގޮތުން އޭނާގެ ފަރާތުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ.

އެމެރިކާގައި 2020 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް ބުނެފައިވާ ވެސްޓަށް މި އަހަރު 17.5 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ފޯބްސް މަޖައްލާ އިން ބުނެފައިވެ އެވެ. ޝޯތައް ކެންސަލް ކުރުމުން ވެސްޓަށް 10 މިލިއަން ޑޮލަރު ގެއްލުންވާނެ ކަމަށް ފޯބްސް އިން ބުނެފައިވެ އެވެ.