ރާއްޖޭގައި އިންޑިއާގެ މަސްލަހަތު އޮތީ އެ ގައުމުގެ ދުޝްމަނުން ބާރުގަދަވިޔަ ނުދޭން: ފައްޔާޒް
ރާއްޖޭގައި އިންޑިއާގެ މަސްލަހަތު އޮތީ އެ ގައުމުގެ ދުޝްމަނުން ބާރުގަދަވިޔަ ނުދޭން: ފައްޔާޒް

އިންޑިއާގެ ދުޝްމަނުން ރާއްޖޭގައި ބާރުގަދަ ވިޔަ ނުދިނުމަށް ޓަކައި، އެ ގައުމުގެ މަސްލަހަތު ރާއްޖޭގައި އެބައޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

އިންޑިއާއާ އެކު ސަރުކާރުން ހަދަމުން އަންނަ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ގެއްލިދާނެ ކަމުގެ ކަންބޮޑުވުން އާންމުންނާއި އިދިކޮޅު ފަރާތްތަކުން ދަނީ ކުރަމުންނެވެ. އަދި އިންޑިއާއާ ދެކޮޅަށް ރާއްޖޭގައި ދޭތެރެދޭތެރެއިންް ޝުއޫރު ވެސް ދަނީ ފާޅުކުރަމުންނެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ، އިންޑިއާގެ ސަރުކާރާއި ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އެބައޮތް ކަމަށެވެ. ރާއްޖޭގެ ތަރައްގީ އަށް އިންޑިއާގެ ވަރަށް ބޮޑެތި އެހީތަކެއް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެ ގުޅުމަކީ އަޅުވެތިކަމާ އެކުގައި އަންނަ ގުޅުމެއް ނޫން ކަމަށެވެ.

"އެއީކީ އަޅުވެތި ކަމަކާ އެއްކޮށް އަންނަ އެއްޗެއް ނޫން. އެއީ ޒަމާންވީ ގާތް ގުޅުމާ އެއްކޮށް، އަދި ޑިމޮކްރެޓިކް ދެ ގައުމުގެ ގޮތުގައި އުފެދޭ ގުޅުމުގެ ގޮތުގައި،" ފައްޔާޒު ވިދާޅުވި އެވެ.

އިންޑިއާގެ މަސްލަހަތު ރާއްޖޭގައި އޮތީ އެ ގައުމުގެ ދުޝްމަނުން ރާއްޖޭގައި ބާރުގަދަ ވިޔަ ނުދިނުމަށް ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

"އެ ބޭފުޅުންގެ ސްޓްރެޓެޖިކް އިންޓްރެސްޓް އެބަހުރި އެ ބޭފުޅުންގެ ދުޝްމަނުން މިތާ އެތެރޭގައި ބާރު ގަދަ ނުވުން އަޅުގަނޑު ދެކޭ ގޮތުގައި. އެ ހުރިހާ ކަމަކާ ވެސް އެއްކޮށް އަޅުގަނޑުމެން ބޭނުންވާ ކަންކަމަށް އެހީތެރިވެގެން އެ ދަނީ،" ފައްޔާޒު ވިދާޅުވި އެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭ މައްސަލަ މީގެ ކުރިން ވަނީ ހޫނުވެފަ އެވެ. އަދި މި ފަހުން އުތުރު ތިލަފަޅު ތަރައްގީކުރަން އިންޑިއާ އަށް ދިނުމާއި، އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރަން އުޅޭތީ އެ މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ އެ މަޝްރޫއުތަކުގެ ސަބަބުން އިންޑިއާ އަށް ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވަން ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އިންޑިއާއިން ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީގެ ދަށުން ލޯނު ނަގައިގެން ސަރުކާރުން ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ހިންގަ އެވެ. އޭގެ ތެރޭގައި ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އިތުރުން، ނަރުދަމާގެ މަޝްރޫއުތައް ފަދަ ކުޑަ މަޝްރޫއުތައް ވެސް ހިމެނެ އެވެ.