15 ޖޫން 2021 - 14:28

މާލޭގައި ރޭ ދެ ފިހާރަޔަކުން، ފުރާޅުން ޓިނު ނަގައިގެން ވަދެ ވަގަށް ނެގި މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ތަކެއްޗާ އެކު ހަތަރު މީހަކު އަތުލައިގެންފި އެވެ.
މާވެޔޮ މަގުގައި ހުންނަ ބެސްޓް ބައި މޯލްޑިވްސްގެ ފޯނު ފިހާރައިގެ ފުރާޅު ނަގައިގެން ރޭ އެތަނަށް ވަދެ އަށް ލައްކަ ރުފިޔާގެ ސާމާނު ވަގަށް ނެގި އެވެ.
އެ ފިހާރައިގެ ވެރިޔާ، އަބްދުﷲ ޝަމީލް ބުނި ގޮތުގައި ރޭ 1:00 ހާއިރު ފިހާރަ ބަންދުކޮށްފައި ގެއަށް ދިޔަ ފަހުން ބަޔަކު އެތަނުގެ ފުރާޅަށް އަރައި އުޅޭކަން މީހެއްގެ ފަރާތުން އެނގުނީ 2:30 ހާއިރު ކަމަށެވެ.
"ފިހާރަ ކައިރި ގެއެއްގެ މީހަކު ގުޅާފަ ބުނީ ފުރާޅަށް ބަޔަކު އަރައި އުޅޭ ވާހަކަ. ބެލްކަނީގައި ހުރެގެން އެ މީހާ ކިޔައިދިނީ އެ މީހުން ދިޔަ މަގުތައް. ދެން އެ ގެ ކައިރިއަށް އަޅުގަނޑުމެން ގޮސް ތިބީ. ފުލުހުން ވެސް އައިސްފި ގުޅާލާ އިރަށް ވަރަށް އަވަހަށް،"
ޝަމީލް ބުނީ، އެތަނުގައި ތިއްބާ، ވައްކަން ކުރި ދެ ގެއިން ނުކުތީ ކަމަށެވެ. އަދި އެ ގެޔަށް ވަދެ ބެލިއިރު ވަގަށް ނެގި 55 ފޯނާއި ޕީއެސް 5 އެ ގޭގެ ބަދިގެއިން ފެނުނު ކަމަށް އޭނާ ބުންޏެވެ.
"ފިހާރާގައި ބަހައްޓާފައި ހުރި 3،000 ރުފިޔާ އެކަނި ނުފެންނަނީ. އެހެން ހުރިހާ ސާމާނެއް ރޭގަ ފެނުނު."
އޭނާ ބުނީ ވައްކަންކުރި މީހުންނާއި ވަގަށް ނެގި ތަކެތި ވެސް އެ ވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.
މައްޗަންގޯޅީގައި ހުންނަ ޑްރީމްސް މޯބައިލް ފިހާރައިގެ ފުރާޅު ނަގައިގެން ރޭ ވައްކަންކުރި ދެ މީހަކު ވެސް ފުލުހުން ވަނީ ތަކެއްޗާ އެކު ހައްޔަރުކޮށްފަ އެވެ. ފުލުހުން ވަނީ އެ މީހުންގެ ވަނަވަރު ވެސް އާންމުކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ އުމުރުން 31 އަހަރުގެ ދެ މީހުން ކަމަށްވާ އަލީ ފައުޒާން އާއި އަބްދުﷲ ސިމާހު އެވެ. އަލީ ފައުޒާން އަކީ ށ. ބިލެތްފަހި މީހެކެވެ. އަނެއް މީހާ އަކީ ތ. ތިމަރަފުށީ މީހެކެވެ.
މި މީހުން ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ދީފަ އެވެ.
ފިހާރައިގެ ފުރާޅު ނަގައިގެން ވަދެ މި މީހުން ގިނަ އަދަދެއްގެ ފޯނާއި ޗާޖަރާއި ހެޑްސެޑް ފަދަ ސާމާނު ނެގި އެވެ. އެ ތަކެތީގެ އަގު 286،000 ރުފިޔާ އަށް އަރަ އެވެ.