16 ޖޫން 2021 - 05:24

ދިރިއުޅުމުގައި ދިމާވާ ކަމަކުން، ނުވަތަ ކަމަކާދޭތެރޭ މާބޮޑަށް ވިސްނަން ފަށާ ހިސާބުން މީހުންނާ އެކެހެރިވެ، އެކަނިވެރިވާން ބޭނުންވެ އެވެ. ބަޔަކާ އެކީ ހުރި ނަމަވެސް ވަށައިގެން ހިނގަމުންދާ ކަންކަމާ އެއްވެސް ގުޅުމެއް ނުވާ ވަރަށް އަމިއްލަ ނަފްސް އެކަހެރިކޮށްލެވެ އެވެ.
އެކަނިވެރިކަމަކީ ނުރައްކާތެރި ކަމެކެވެ. އެކަަމަކު މިއީ އެހާ ބޮޑަށް އާންމުން ހޭލުންތެރިވެފައިވާ ކަމެއް ވެސް ނޫނެވެ.
ދިރިއުޅެމުން އަންނަނީ އެކަނި ކަމުގައި ވިއަސް، ލޯބިވާ ގާތް މީހުންނާ އޮންނަ ގުޅުން ދުރުވާހެން ހީވާ ނަމަ، މި ކިޔައިދޭ ޓިޕްސްތަކުން ކޮންމެވެސް ވަރެއްގެ އެހީއެއް ލިބޭނެކަމަށް ބަލަމާ ހިނގާށެވެ.
އަމިއްލަ އިހުސާސްތަކާ މެދު ވާހަކަ ދެއްކުމަކީ ލަދުވެތި ކަމެއް ގޮތުގައި ދެކެވެ އެވެ. ނަމަވެސް ކަންކަން ހިއްސާކުރުމަށްޓަކައި ގާތް ބަޔަކު ތިބޭކަން އަމިއްލަ ނަފްސަށް ޔަގީންވުމަކީ ތިމާގެ ހިތަށް ލިބޭ ހިތްހަމަޖެހުމެކެވެ. އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނީ، ކަމެއް ދިމާވެގެން ވެސް އެކަމެއް އެއްވެސް މީހަކަށް ހިއްސާނުކޮށް ހުރުމަކުން، އެކަމުން ލިބޭނެ ލުޔެއް ނެތްކަމެވެ.
އެދުވަހެއްގައި ކުރާނެ ކަންކަން ރާވާލައިގެން ކަންކަން ކުރުމަކީ އެކަނިވެރިކަން ފިލުވުމަށް ކުރެވޭނެ އެންމެ ރަނގަޅު ކަންތަކެވެ. ރައްޓެއްސަކު ގުޅަންދެން ހުރުމުގެ ބަދަލުގައި، އަމިއްލަ އަށް އިސްނަގައިގެން ރަށްޓެހިންނާ އެކު ތަންތަނަށް ދާން އާދަކުރާށެވެ. އަމިއްލަ ނަފްސަށް އޮންނަ ބާރު ވަރަށް ގަދަ ކަމަށް ދެކިގެން އުޅޭނަމަ، ގޮތްހުސްވެގެން އުޅޭކަން ނުޖެހޭނެ އެވެ.
އާއިލާ މީހުންނާއި ގާތް މީހުން އުޅެނީ ތިމާ ދިރިއުޅޭ ހިސާބަށްވުރެ ދުރުގައި ނަމަ، ދިރިއުޅެމުން އަންނަ ތަނުގައި އުޅޭ އަވަށްޓެރިންނާ ގުޅުން ބަދަހިކުރަން ވާނެ އެވެ. މިސާލަކަށް، ގަސް ހައްދާ ނަމަ، ގަހާ ބެހޭ މައުލޫމާތު އެހެން މީހުންނާ ހިއްސާކޮށްލުން ވެސް އެއީ ގުޅުން އުފެދޭނެ ކަމެކެވެ. ޔޯގާ ކްލާސް ފަދަ، ފިޓްނެސް ކަންކަމުގައި ވެސް ބައިވެރިވެގެން ވެސް ގުޅުން ބޭއްވިދާނެ އެވެ.
އަލަށް ރަށްޓެހިން ހޯދުމަށް ވުރެ، ކުރީގެ ރައްޓެހިންނާ އަލުން ގުޅުން ބަދަހިކުރަން ފަސޭހަ އެވެ. ކޮލެޖު ދުވަސްވަރު ނުވަތަ ސްކޫލު ދުވަސްވަރުގެ ރައްޓެއްސެއް ކަމުގައި ވިޔަސް، ކޮންމެވެސް ހިސާބަކުން އެ މީހުންނާ އެ އޮންނަ ގުޅުން ބަދަހިކޮށް އާލާކޮށްލުމަށް ބައްދަލުކޮށްލައި ވާހަކަތައް ހިއްސާކޮށްލަން ވާނެ އެވެ. ކުރީގެ ހަނދާންތައް އާލާކޮށްލުމަކީ ވެސް ލިބޭ ހިތްހަމަ ޖެހުމަކަށް ވާނެކަން ޔަގީނެވެ.
ކަންކަމުގައި އަމިއްލަ އިސްނެގުމަކީ މުހިއްމު ކަމެކެވެ. ތިމާގެ ކިބައިގައި ހުންނަ ހުނަރަކުން އެހެން މީހަކަށް އެހީތެރިކަން ފޯރުކޮށްދެން ވާނެ އެވެ. ވީ ވަރަކުން އެހެން މީހުންގެ ކަންކަމަށް ވަގުތު ހުސްކުރެވޭތޯ ބަަލަން ވާނެ އެވެ. އެއީ ކިތަންމެ ކުޑަ ކަމެއް ކަމުގައި ވިޔަސް މެ އެވެ. ދުވަސްވީ މީހަކާ އެކު ސައިތައްޓެއް ބޯލަން ހުސްކޮށްލާ ވަގުތު ކޮޅަކީ ވެސް މުހިއްމު ވަގުތު ކޮޅެކެވެ.
މިހުރިހާ ކަމަކުން، ބަޔަކަށް ތިމާގެ ފަރާތުން ހެޔޮކަމެއް ކޮށްދެވިއްޖެ ކަމުގެ އިހުސާސުގެ އިތުރުން ތިމާގެ އަމިއްލަ އެކަނިވެކަން ވެސް ފިލައިގެންދެ އެވެ.