15 ޖޫން 2021 - 11:41

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަށް ހދ. ހަނިމާދޫގައި ގާއިމު ކޮށްފައިވާ ޑިޓޮކްސިފިކޭޝަން ސެންޓަރު، ރަށުގެ މަސްލަހަތު ގެއްލޭ ކަމަށް ބުނެ އެ ތަން ބަންދުކުރަން ގޮވާލައި ޕެޓިޝަނެއް ހަދަން ފަށައިފި އެވެ.
އެ ޕެޓިޝަން ހެދުމުގައި އިސްކޮށް އުޅޭ ޒުވާނަކު "މިހާރު" އަށް މިއަދު ބުނީ ޑިޓޮކްސިފިކޭޝަން ސެންޓަރުން މި އަހަރު ފަރުވާ ނިންމުމަށް ފަހު، އެ ރަށުގައި ހައެއްކަ ފިރިހެނުން ދިރިއުޅެމުން އަންނަ ކަމަށެވެ. އެކަމަކު، އެ މީހުންގެ ސަބަބުން ރަށުގެ އަމާންކަމާއި ސުލްހަވެރިކަން ގެއްލިފައިވާ ކަމަށް އޭނާ ބުންޏެވެ.
ސެންޓަރު ބަންދުކުރަން ގޮވައިލީ، ހަނިމާދޫގެ ފިހާރަތަކަށް ވަދެ ފުރައްސާރަކުރުމާއި ރަށުގެ އެކި ތަންތަނުން ވިޔަފާރިކޮށް، ވަގު ސްލިޕް ފޮނުވުން ފަދަ މައްސަލަތައް ބޮޑުވުމުން ކަމަށެވެ.
މީގެ ކުރިން ހަނިމާދު އަކީ އަމާންކޮށް އޮތް ރަށެއްކަން އެ ޒުވާނާ ބުނެ އެވެ.
"އެ މީހުން ހަނިމާދޫގައި މި ތިބެނީ ގޭގެ ކުއްޔަށް ނަގައިގެން. އެއީ ކުށުގެ އެކި ރިކޯޑުތައް އޮންނަ ބައެއްކަން ފުލުހުން ވެސް އެބަ ބުނޭ،" ޕެޓިޝަން ހެދުމުގައި އިސްކޮށް އުޅޭ ޒުވާނާ ބުންޏެވެ.
އެންޑީއޭ ސެންޓަރު ރަށުން ބޭރުކުރަން ގޮވާލައި މިހާތަނަށް 300 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފި އެވެ. އެ މީހުން ނިންމައިގެން ހުރީ މޮނިޓަރިންގެ ހާލަތުން ރަށް ނެގުމުން ހަނިމާދޫ ކައުންސިލަށް އެ ޕެޓިޝަން ހުށަހެޅުމަށެވެ.
ހަނިމާދޫގައި ޑިޓޮކްސިފިކޭޝަން ސެންޓަރު ހުޅުވީ 2019 ވަނަ އަހަރުގެ ފަހުކޮޅެވެ. އެ ސެންޓަރުން މިދިޔަ އަހަރު ދެ ތިން މީހަކު ފަރުވާ ހޯދުމަށް ފަހު ރަށުން ގޮސްފައި ވެ އެވެ.