ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް މޯލްޑިވިއަން އިން ކުޑަކުދިންގެ ހަވީރެއް ބާއްވަނީ
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް މޯލްޑިވިއަން އިން ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް، ދެ މީހަކަށް ބެންކޮކް ދެކޮޅު ޓިކެޓް ހުށަހަޅާފައިވާ ކުޑަކުދިންގެ ހަވީރެއް ގައުމީ އެއާލައިން އިން ބާއްވަން ނިންމައިފި އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 3:30 އިން 5:30 އަށް ބާއްވާ މި ހަވީރު ކުރިއަށް ގެންދާނީ އެ ކުންފުނިން ކާނިވާ ސަރަހައްދުގައި ހަދާފައިވާ އިސްކަންދަރު މައިޒާނާއި އެ ތަނުގެ ކައިރީގައިވާ ސަރަހައްދުތަކުގައި ކަމަށެވެ. މި ހަވީރުގައި ފޭސް ޕެއިންޓިން އާއި ދަޅު ވެއްޓުމާއި ބެލޫން އާޓް ފަދަ ގިނަ ކުޅިވަރުތަކެއް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ކުއްޖަކަށް ވެސް ކޮންމެެވެސް ހަދިޔާއެއް ދޭނަން،" ނަޝާތު ވިދާޅުވި އެވެ.

މި ކުޑަކުދިންގެ ހަވީރުގައި ހިމެނޭ އެންމެ ހާއްސަ ކަމަކީ ދެ މީހަކަށް ބެންކޮކް ދެކޮޅު ޓިކެޓް ލިބުމުގެ ފުރުސަތު ހުޅުވާލާފައިވުމެވެ. އެ ގޮތުން، ކުޑަކުދިންގެ ހަވީރަށް ދާ ކޮންމެ މީހަކު ވެސް އެ ތަނުގައި ގެންގުޅޭ އިންސްޓަގްރާމް ފްރޭމް ބޭނުންކޮށްގެން ފޮޓޯއެއް ނަގައި އިންސްޓަގްރާމް ނުވަތަ ފޭސްބުކަށް ލައިގެން ބައިވެރިވެވޭނެ އެވެ. ދެ ޓިކެޓް ލިބެނީ އެންމެ ގިނައިން ލައިކް ލިބޭ ދެ ފޮޓޯއެއް އަޕްލޯޑް ކުރި ފަރާތްތަކަށެވެ.

"ޓިކެޓް ލިބޭ ދެ ފަރާތަށް އާދިއްތަ ދުވަހު އެކަން އަންގާނަން،" ނަޝާތު ވިދާޅުވި އެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިތާ މި މަހުގެ 17 އަށް ތިން އަހަރު ފުރިފައިވާ އިރު، 10 ދުވަހުގެ މުއްދަތަކަށް ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އެ ގޮތުން، މި މަހުގެ 28 ގައި ބޮޑު ޖަލްސާއެއް ބާއްވަން ރާވާފައިވެ އެވެ. އަދި ސަރުކާރުގެ މިނިސްޓްރީތަކާއި އޮފީސްތަކުން ކޮށްފައިވާ ކަންކަން ހިއްސާކުރުމުގެ އިތުރަށް، ސަރުކާރުގެ ކުންފުނިތަކުން ވެސް ގެންދަނީ ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ.