ޔޫރަޕް ދިފާއުކުރުމަކީ އެމެރިކާގެ މުގައްދަސް ވާޖިބެއް
ޔޫރަޕް ދިފާއުކުރުމަކީ އެމެރިކާގެ މުގައްދަސް ވާޖިބެއް

ޔޫރަޕްގެ ގައުމުތަކާއި ތުރުކީ ވިލާތް އަދި ކެނެޑާ ދިފާއުކުރުމަކީ، އެމެރިކާގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުގައްދަސް ވާޖިބެއް ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.

ނޭޓޯގެ ގައުމުތަކުގެ ވެރިންގެ މަހާސިންތާ، ބްރަސެލްސްގައި ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބައިޑެން ވިދާޅުވީ އެމެރިކާ އަލުން އެނބުރި، އެމެރިކާގެ ބައިވެރިންގެ ގާތަށް އަތުވެއްޖެ ކަމަށެވެ.

"މާއްދާ ފަހެއް އެއީ، މުގައްދަސް ވާޖިބެއް،" ނޭޓޯ އުފެއްދުމުގެ މުއާހަދާގެ އެންމެ މުހިންމު އެއް މާއްދާ އަށް އިޝާރާތް ކުރައްވައި ބައިޑެން ވިދާޅުވި އެވެ. "އަހަރެން ބޭނުންވަނީ، އެމެރިކާ އެނބުރި އަތުވެއްޖެ ކަން، މުޅި ޔޫރަޕް ވެސް ދަންނަން. ނޭޓޯއަކީ އަހަރެމެންނަށް ވަރަށް މުހިންމު ބައިވެރިއެއް."

ބައިޑެން އެ އިޝާރާތް ކުރެއްވި މާއްދާ ފަހަކީ، ނޭޓޯގެ ގައުމުތަކުން ކުރެ ގައުމެއްގެ މިނިވަންކަމަށް ހަމަލާއެއް ދެވޭ ހާލަތުގައި، މެމްބަރު އެހެން ގައުމުތަކުން އެ ގައުމެއްގެ ދިފާއުކޮށްދޭން ޖެހޭނެ ކަމަށް ބުނެފައިވާ މާއްދާއަށެވެ. އެ މާއްދާ ބުނާ ގޮތުން، ނޭޓޯގެ ގައުމަކަށް ދެވޭ ހަމަލާއަކީ، ނޭޓޯގެ ހުރިހާ ގައުމަކަށް ދެވޭ ހަމަލާއެކެވެ.

ނޭޓޯ އިން އެންމެ ފުރަތަމަ މި މާއްދާގެ ދަށުން އަމަލުކުރަން ފެށީ، މަދަނީ މަތިންދާބޯޓުތަކުގެ ބޭނުންކޮށްގެން، 2001 ސެޕްޓެމްބަރު 11 ގައި އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށާއި ދިފާއީ ވުޒާރާގެ އިމާރާތް ޕެންޓަގަން އަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެންނެވެ. އެއަށް ފަހު، ސީރިޔާ ހަނގުރާމައިގައި ތުރުކީއާ ބައިވެރިވެ އަދި، 2014 ފެބްރުއަރީ މަހުގެ ތެރޭގައި ރަޝިޔާ އިން ޔޫކްރޭނަށް ދިން އަސްކަރީ ހަމަލާއާ ދެކޮޅަށް ވެސް ނޭޓޯ ހަރަކާތްތެރިވި އެވެ.

އިނގިރޭސި ވިލާތުގެ ކޯންވޯލްގައި މި ހަފުތާ ބަންދުގައި ބޭއްވި ޖީ-7ގެ ބައްދަލުވުމަށް ފަހު، ނޭޓޯގެ މަހާސިންތާ އަށް ބްރަސެލްސް އަށް ވަޑައިގެން ވިދާޅުވީ ޗައިނާ އާއި ރަޝިޔާ އިން ވެސް އަމަލުކުރަނީ، އެ ދެ ގައުމާ މެދު ނޭޓޯ އުންމީދުކުރި ގޮތަށް ނޫން ކަމަށެވެ. ބައިޑެން އެ އިޝާރާތް ކުރެއްވީ، އެ ދެ ގައުމުގައި މިނިވަން ޑިމޮކްރެސީއެއް ގާއިމުކުރުމަށް، 1990ގެ މެދުތެރޭގެ އަހަރުތަކުން ފެށިގެން، އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން ބާރުއަޅައި އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރަމުން އަންނަ އައުމަށެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު، ބައިޑެން އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި އިރު، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން ގެންގުޅެމުން އައީ، އެމެރިކާ ނޭޓޯ އިން ވަކިވުމުގެ ވިސްނުމެކެވެ. އެމެރިކާ އެނބުރި އަތުވެއްޖެ ކަމަށް ބައިޑެން އެ އިޝާރާތް ކުރެއްވީ، ޓްރަމްޕު ގެންގުޅުއްވި ސިޔާސަތު އެމެރިކާ އިން ދޫކޮށްލައިފި ކަން ހާމަކުރެއްވުމުގެ ގޮތުންނެވެ.

ޖީ-7ގެ މަހާސިންތާގައި ވެސް ކަންތައް ކުރެއްވި ފަދައިން، ނޭޓޯގެ ބައްދަލުވުމުގައި ވެސް، ބައިޑެން އެންމެ ބޮޑަށް މަސައްކަތް ކުރައްވާނީ، ޗައިނާގެ އަސްކަރީ ކުރިއެރުން ހުއްޓުވުމަށް އެމެރިކާ އިން ކުރާ މަސައްކަތަށް ނޭޓޯ ގައުމުތަކުގެ އެއްބާރުލުމާއި ތާއީދު ހޯއްދެވުމަށެވެ. ހަމަ އެފަދައިން، ރަޝިޔާގެ އަސްކަރީ ހަރަކާތްތަކާ ދެކޮޅަށް ނޭޓޯގެ ގައުމުތަކުން އެކައްޗެއް ކިޔުމަށް ވެސް ބައިޑެން ބާރުއަޅުއްވާނެ އެވެ.

ރަޝިޔާ އިން ޔޫކްރޭންގެ އިމާ ގާތަށް ސިފައިން އެއްކޮށް، އެ ސަރަހައްދުގައި މިހާރު ހިންގާ އަސްކަރީ ހަރަކާތްތަކާއި، ހުޅަނގުގެ ގައުމުތަކުގައި ސިޔާސީ ހަމަނުޖެހުން އުފެއްދުމަށް، ސިއްރިޔާތުގައި ދެމުންދާ ސައިބާ ހަމަލާތަކާ މެދު، ނޭޓޯގެ ހުރިހާ ގައުމުތައް ވެސް ކަންބޮޑުވެ އެވެ. ނަމަވެސް ރަޝިޔާ އިން ބުނާ ގޮތުގައި އެގައުމުން ވިޔާނުދާ އެއްވެސް ކަމެއް ނުކުރެ އެވެ.

މި ބައްދަލުވުމުގައި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލެންޓްބާގް ވިދާޅުވީ ބޯލްޓިކް ސަރަހައްދުން ފެށިގެން އެފްރިކާއާ ހަމައަށް ޗައިނާގެ އަސްކަރީ ހަރަކާތްތައް ފުޅާކުރަމުން ދިޔުމަކީ، ނޭޓޯ އެކަމަށް ސަމާލުވެ ތައްޔާރުވެގެން ތިބެންޖެހޭނެ ކަމެއް ކަމަށެވެ.

"ޗައިނާ އެ އަންނަނީ އަހަރެމެންނާ ގާތަށް. ސައިބާ ދުނިޔޭގެ ތެރެއިން އަހަރެމެންނަށް ޗައިނާ އެބަ ފެނޭ. އެފްރިކާގެ ތެރެއިން ވެސް އަހަރެމެންނަށް ޗައިނާ ފެނޭ. އަދި އަހަރެމެންގެ އަމިއްލަ އިންފްރާސްޓްރަކްޗާގައި ޗައިނާގެ އިންވެސްޓްމަންޓްތައް ގިނަކުރާ ތަން ވެސް އަހަރެމެންނަށް އެބަ ފެނޭ. ގުޅިފައިވާ އެއް ޖަމާއަތެއްގެ ގޮތުގައި، މިކަންކަމަށް އަހަރެމެން ރައްދު ދޭންޖެހޭނެ،" ޖެންސް ސްޓޮލެންޓްބާގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޗައިނާއަކީ ނޭޓޯގެ ދުޝްމަނެއް ކަމަށް ވިދާޅުނުވާނެ ކަމަށެވެ. ނަމަވެސް އެޓްލާންޓިކް ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުމެއް ކަމަށާއި، ރަޝިޔާއާ ބައިވެރިވެގެން އަސްކަރީ ތަމްރީނުތައް ބާއްވައި ސައިބާ ހަމަލާތައްވެސް ދޭ ކަމަށާއި، އަދި ވަރަށް ހަލުވި ގޮތެއްގައި ޗައިނާގެ ކަނޑުގެ ސިފައިންގެ ބާރު ގަދަކުރަމުން އަންނަ އައުމަކީ، ކަންބޮޑުވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.