15 ޖޫން 2021 - 10:36

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ މައްސަލަ އަންނަނީ ދިރާސާކުރަމުން ކަމަށާއި އެކަމުގައި އަދި ގޮތެއް ނުނިންމާ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.
ކުށްކޮށްގެން ހޯދާފައިވާ 33،000 ޑޮލަރު މަހުލޫފަށް ލިބުނުކަން އެނގޭތީ ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ޖޮއިންޓް އިންވެސްޓިގޭޝަނަށް ފަހު ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި ތަރުޖަމާނު އަހުމަދު ޝަފީއު "މިހާރު"އަށް ވިދާޅުވީ، އަދި ވެސް އެ އޮފީހުން ދަނީ މައްސަލަ ދިރާސާ ކުރަމުން ކަމަށާއި ދައުވާ ކުރަން ނުވަތަ ނުކުރަން ނުނިންމާ ކަމަށެވެ.
ހިޔާނާތުގެ ފައިސާ ލިބުނު އެސްއޯއެފުން ޑޮލަރު ޖަމާކުރި ފަރާތްތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓު 2019 ވަނަ އަހަރު އޭސީސީން ނެރުނުއިރު، އޭގައި މަހުލޫފުގެ ނަން ވެސް އޮތެވެ. އެހެންވެ، އެ މައްސަލައިގައި ފެބްރުއަރީ 14، 2019 ގައި އޭނާ ސަސްޕެންޑު ކުރި އެވެ. އޭރު މަހުލޫފު ސަސްޕެންޑު ކުރުމުން މިނިސްޓްރީގެ މަސައްކަތް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހިދާ ހަވާލު ކުރި އެވެ. މަހުލޫފުގެ ސަސްޕެންޝަން އުވާލީ އޭގެ ދެ މަސް ފަހުން އޭޕްރީލް 16 ގަ އެވެ.
މިފަހަރު މަހުލޫފު މަސައްކަތުން އެކަހެރި ކުރި ނަމަވެސް، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ، ޔޫތު މިނިސްޓްރީ ހިންގުން އަދި އެއްވެސް މިނިސްޓަރަކާ ހަވާލުކުރަން ނިންމާފައި ނުވާ ކަމަށެވެ.
މަހުލޫފުގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށް އޭނާ ވިދާޅުވެ އެވެ. ނަަމަވެސް، އޭސީސީން ބުނެފައި ވަނީ އެއީ އެފަދަ މުއާމަލާތެއް ނޫން ކަމަށާއި މަހްލޫފު ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ.
އޭސީސީން ބުނެފައި ވަނީ އެ ފައިސާ އަކީ މަހުލޫފު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ ބަދަލެއްގެ ގޮތުގައި އަދީބު ދިން ފައިސާ ކަމަށެވެ.