15 ޖޫން 2021 - 11:09

ކުޅުންތެރިންނަށް މެޗުގައި ހެދޭ ގޯސްތަކަކީ، ޓީމުގެ ކުޅުމަށް ކުރިއެރުން އައުމުގެ މަރުހަލާގައި ހިމެނޭ ބައެއްކަމަށް ފާހަގަކޮށް، ކުުޅުންތެރިންގެ ދިފާއުގައި ގައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން ވާހަކަ ދައްކައިފި އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގެ އޭޝިއާ ޒޯންގެ ގުރޫޕް އޭގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މިއަދު ނުކުންނާނީ ފިލިޕީންސް އާ ދެކޮޅަށެވެ. ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީގައި ކުރިއަށްދާ ކޮލިފިކޭޝަންގައި ކުރިން ކުޅުނު ދެ މެޗުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ގިނަ މިސްޓޭކްތަކެއް ހެދިތަން ފެނުނެވެ. ނަމަވެސް ކޫޕްމަން ވަނީ އެކަން ދިފާއުކޮށް ވާހކަ ދައްކައިފަ އެވެ.
"މިސްޓޭކަކީ ކުޅުމަށް ކުރިއެރުން އައުމުގެ މަރުހަލާގެ ތެރޭގައި ހިމެނޭ ބައެއް،" ކޫޕްމަން ބުންޏެވެ. "އެހެންނަމަވެސް އަހަންނަށް ޔަގީން ކަމެއް އެބައޮތް އަހަރެމެންގެ ގޭމަށް ބަދަލު ގެނެވޭނެ ކަމަށް. އެއީ އަހަރެންގެ ޓާގެޓަކީ. އަހަރެން އުންމީދުކުރަން އަހަންނަށް ދިވެހިންނަށް އުފާވެރިކަން ގެނެސްދޭނެ ކަމަށް."
ފިލިޕީންސްއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި ރާއްޖޭގެ ފަރާތުން ރީތި ފުޓްބޯޅައެއް ފެންނާނެ ކަމުގެ ޔަގީންކަން ކޫޕްމަން ވަނީ ދިފަ އެވެ.
ހޮލެންޑަށް ނިސްބަތްވާ ކޯޗު ބުނީ، މިރޭ ކުޅޭނީ ތަފާތު ފުޓްބޯޅައެއް ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ކުރިމަގުގެ ފުޓްބޯޅައަށް ވެސް ފައިދާ ކުރާނެ ކަމަށެވެ. އޭނާ ބުނީ، އުނދަގޫ ހާލަތުގައި ވެސް އެކުގައި މަސައްކަތްކޮށް ޓީމަށް ކުރިއެރުންތަކެއް އައިސްފައިވާ ކަމަށެވެ.
"އަހަންނަށް ނަތީޖާވެސް ވަރަށް މުހިންމު. އެކަމަކު އަހަރެން ބުނެލަން ބޭނުން ކުޅުންތެރިންގެ ފަރާތުން ތަފާތު ފުޓްބޯޅައެއް ފެނިގެން ދާނެ،" މިރޭ ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސަޕޯޓަރުންނަށް ދޭނެ މެސެޖަކީ ކޮބައިތޯ ސުވާލު ކުރުމުން ކޫޕްމަން ބުންޏެވެ.
"ތެދެއް އަހަރެމެން ރާއްޖޭގައި ކުޅުނު މެޗުން ވެސް ޗައިނާ އަތުން 5-0 އިން ބަލިވި. މިތަނުގައި ކުޅުނު މެޗުންވެސް 5-0 އިން ބަލިވި. ނަމަވެސް އޭރު ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗާއި މިފަހަރު ކުޅުނު މެޗުގައި ރާއްޖޭގެ ގޭމް ތަފާތުވާނެ. ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގަށްޓަކައި ވެސް އެއީ ވަރަށް މުހިންމު ކަމެއް. ބޮޑު ބޯޅަތަކެއް ނުޖަހައި ޓީމުގެ ފަހަތުން ގޭމް ފަށައިގެން ކުޅުން."
ކޫޕްމަން ބުނީ، ކުޅުންތެރިންނާ އެކު ކުރެވުނު މަސައްކަތުން، ރާއްޖޭގެ ގޭމަށް ބަދަލު ގެނައުމަކީ ކުރެވޭނެ ކަމެއް ކަން ކުޅުންތެރިން އޭނާއަށް ސާބިތުކޮށްދީފައވާ ކަމަށެވެ.
ގައުމީ ކެޕްޓަން އަކްރަމް އަބްުދުލް ގަނީ ބުނީ، ޓީމު އޮތީ މެޗަށް ރަނގަޅަށް ތައްޔާރު ވެފައި ކަމަށެވެ. އަދި ދިވެހި ޓީމަށް ދިވެހިން ހެޔޮއެދުމާ ދުއާ ބޭނުންވާކަމަށް އޭނާ ބުންޏެވެ.
ކޮވިޑުން މިހާރު ރަނގަޅުވެފައިވާ ރާއްޖޭގެ އިތުބާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) މިރޭގެ މެޗުގައި ވެސް ފެންނާނެ ކަމަށް ބެލެވެ އެވެ.
ދުބާއީގައި މިހާރު ކުރިއަށްދާ ކޮލިފިކޭޝަންގައި ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 8:00 ޖަހާއިރު އެވެ. އެ މެޗު ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަން ވިދިވިދިގެން ކުރިއަށް ގެންދާ ކޮލިފިކޭޝަން މަރުހަލާގައި ރާއްޖޭގެ ޓާގެޓަކީ ޗައިނާއިގައި 2023 ގައި ބާއްވާ އޭޝިއަން ކަޕަށް ޓީމު ކޮލިފައިކޮށެދިނުމެވެ.
ރާއްޖެ އޮތީ، ސީރިއާ، ޗައިނާ ފިލިޕީންސް އަދި ގުއާމް ހިމެނޭ ގްރޫޕް އޭ ހަތަރު ވަނައިގަ އެވެ. ކޮވިޑްގެ ހާލަތު އުތުރު ކޮރެއާގަައި ބޮޑުވުމުން އެ ގައުމުން މިދިޔަ މަހު ކޮލިފިކޭޝަނުން ވަނީ ވަކިވެފަ އެވެ. އޭގެ އަސަރު ރާއްޖެ އަށް ވެސް ވަނީ ކޮށްފަ އެވެ. ކުރިން އޮތް ގޮތުންނަމަ ގުރޫޕުގެ ހަތަރު ވަނަ ހޯދައިގެން، ހުރިހާ ގުރޫޕަކުން ހަތަރު ވަނައިގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުގެ ގޮތުގައި ރާއްޖެއަށް ވެސް ކޮލިފިކޭޝަންގެ ތިން ވަނަ ބުރުގައި ވާދަ ކުރެވެން އޮތެވެ. ނަމަވެސް އުތުރު ކޮރެއާ ވަކިވުމުން، ހުރިހާ ގުރޫޕަކަށް ވަނީ އޭގަ އަސަރު ކޮށްފަ އެވެ. ހަތަރު ވަނަ ރާއްޖެ އަށް މިހާރު ޔަގީންވެފައިވާއިރު ރާއްޖެއަށް ޖެހޭނީ ޕްލޭއޮފް ކުޅެގެން އޭޝިއަން ކަޕް ކޮލިފިކޭޝަން ބުރަށް ކޮލިފައިވާށެވެ.