ޗައިނާގެ ސިލްކް ރޫޓަށް ރާއްޖޭން ފުރިހަމަ އަށް އެއްބާރުލުން ދޭނެ: ސަރުކާރު
ޗައިނާގެ ސިލްކް ރޫޓަށް ރާއްޖޭން ފުރިހަމަ އަށް އެއްބާރުލުން ދޭނެ: ސަރުކާރު

ޗައިނާގެ ވިޔަފާރި ފުޅާކުރަން ގާއިމްކުރާ ސިލްކް ރޫޓުގައި ރާއްޖޭން ފުރިހަމަ އަށް ބައިވެރިވެ އެއްބާރުލުން ދޭނެ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.

ޗައިނާގެ ސިލްކް ރޫޓަށް ރާއްޖޭން ފުރިހަމަ އަށް އެއްބާރުލުން ދޭނެ: ސަރުކާރު
ޗައިނާގެ ސިލްކް ރޫޓަށް ރާއްޖޭން ފުރިހަމަ އަށް އެއްބާރުލުން ދޭނެ: ސަރުކާރު

ސިލްކް ރޫޓާ ބެހޭ މައުލޫމާތު ދިވެހި ސަރުކާރުގެ އޮފިޝަލުންނަށް ދޭން ޗައިނާ ސަރުކާރުން ރާއްޖޭގައި ބާއްވާ ފުރަތަމަ މަހާސިންތާ ފެށުމުގެ ގޮތުން ބަނޑޮސް އައިލެންޑް ރިސޯޓްގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ޗައިނާ ބެލްޓް އެންޑް ރޯޑުގެ ނަން ދީފައިވާ މަޝްރޫއުގެ ސަަބަބުން ވިޔަފާރީގެ އާ ދޮރުތައް ހުޅުވޭނެ ކަމަށެވެ. އެ ގޮތުން، އެއްގަމާއި ކަނޑު އަދި ވައިގެ މަގުން ޗައިނާ އާއި އޭޝިއާގެ އިތުރުން އެފްރިކާ އަދި އޯޝޭނިއާގެ ގައުމުތައް ގުޅުވައިދޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިއީ ރާއްޖެ އަށް ވެސް ވަރަށް ހާއްސަ، ވަރަށް މުހިއްމު މަޝްރޫއެއް،" ޗައިނާގެ ސަފީރު ވަން ފޫކާން ވެސް ބައިވެރިވެވަޑައިޑަންނަވާ މަހާސިންތާގައި، ފޮރިން މިނިސްޓްރީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އިރުތިޝާމް ވިދާޅުވި އެވެ.

މަހާސިންތާގައި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީ އާއި ދެ ގައުމުގެ ދެމެދު ވިޔަފާރީގެ ގުޅުން ވަރުގަދަކުރަން އުފައްދާފައިވާ ޖަމިއްޔާ، މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޮގަނައިޒޭޝަން (އެމްސީޓީސީއޯ)ގެ އޮފިޝަލުން މައުލޫމާތު ދެއްވަ އެވެ. އެ ގޮތުން، ސިލްކް ރޫޓުގައި ހިމެނޭ މަޝްރޫއުތަކާއި ރާއްޖޭގެ މައި އެއާޕޯޓް ތަރައްގީކުރަން ސަރުކާރުން ހިންގާ ބިޔަ މަޝްރޫއަށް ޗައިނާ އިން ވަމުން އަންނަ އެހީއާ ގުޅޭ މައުލޫމާތު ދޭން ހަމަޖައްސާފައިވެ އެވެ.

ޖުމްލަ 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ހޭދަކޮށްގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއަށް ޗައިނާގެ އެގްޒިމް ބޭންކުން ވަނީ 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ)ގެ ލޯނެއް މިދިޔަ ޑިސެމްބަރު ދީފަ އެވެ. އެ ލޯނުން އެއާޕޯޓުގައި 3.7 ކިލޯމީޓަރުގެ އާ ރަންވޭއަކާއި ފިއުލް ފާމަކާއި ކާގޯ ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް މި އަހަރުގެ ކުރީކޮޅު ވަނީ ފަށައިފަ އެވެ.

ޗައިނާގެ ސިލްކް ރޫޓުގެ މަޝްރޫއުގައި ޑިސެމްބަރު 2014 ގައި ރާއްޖެ އިން ރަސްމީކޮށް ބައިވެރިވެފައި ވާއިރު، މި މަޝްރޫއުގެ ދަށުން ޗައިނާ އިން އިސްކަންދެނީ އެކި ގައުމުތަކުގައި އިންފްރަސްޓްރަކްޗާ މަޝްރޫއުތައް ހިންގާށެވެ. އެ ގޮތުން، ޗައިނާ އަށް މުހިއްމު އަދި ސްޓްރެޓީޖިކް ސަރަހައްދުތަކުގައި ހުންނަ ގައުމުތަކުގައި ބްރިޖާއި އެއާޕޯޓާއި ބަނދަރުތައް ހަދަން ލޯނާއި އެހެން ގޮތް ގޮތުން ޗައިނާ އިން އެހީ ދެ އެވެ.

ސިލްކް ރޫޓުގައި ހިމެނޭ އޭޝިއަން އިންފްރަސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ މެމްބަރަކަށް ވެސް ރާއްޖެ ވަނީ ވެފަ އެވެ. އެއީ އިންފްރަސްޓްރަކްޗާ މަޝްރޫއުތަކަށް ލޯނު ދޭން ހެދި ބޭންކެކެވެ.

އެއާޕޯޓް މަޝްރޫއުގެ އިތުރުން ވެސް ޗައިނާ އިން ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓުތަކެއް އަންނަނީ ކުރަމުންނެވެ. އެ ގޮތުން، މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަޝްރޫއަށް ޗައިނާ އިން ލޯނު ދީފައި ވާއިރު، ލާމު އަތޮޅުގައި ހެދި ލިންކް ރޯޑަކީ ޗައިނާގެ ހިލޭ އެހީގެ ދަށުން ހިންގި މަޝްރޫއެކެވެ. މީގެ އިތުރުން، ޗައިނާގެ ބައެއް އަމިއްލަ ކުންފުނިތަކުން ވެސް އަންނަނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގަ އާއި އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވަމުންނެވެ.