15 ޖޫން 2021 - 04:19

ސެވިއްޔާ، ސްޕެއިން (15 ޖޫން) - ޔޫރޯ 2020ގެ ގުރޫޕް އީގައި މިރޭ ސްޕެއިން އާއި ސްވިޑަން ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

ސްޕެއިންގެ ސެވިލްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ކޮންޓުރޯލްކޮށްގެން ކުޅުނު ސްޕެއިންގެ ފޯވަޑް އަލްވާރޯ މޮރާޓާ ވަނީ މި ހާފުގައި ލަނޑު ޖަހަން ލިބުނު އެންމެ ރަނގަޅު ފުރުސަތު ބޭކާރުކޮށްލައިފަ އެވެ. މެޗުގެ ދެވަނަ ހާފުގައި މޮރާޓާ ބޭލިއިރު، ސްޕެއިންގެ ސަޕޯޓަރުން ނުރުހުން އޭނާ އަށް އަމާޒުވި އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިން އިން ވަނީ ޖުމްލަ 419 ޕާސް ޖަހައިފަ އެވެ. މިއީ ޔޫރޯގެ މެޗެއްގެ ހާފެއްގައި، އެއް ޓީމަކުން އެންމެ ގިނަ ޕާސް ޖެހި ފަހަރެވެ. އެހެން ނަމަވެސް، ގިނައިރު ބޯޅަ ގެންގުޅެ، ފުރަތަމަ ހާފުގައި ސްޕެއިން އަށް ނަތީޖާއެއް ނުނެރެވުނެވެ.
އެކަމަކު ދެވަނަ ހާފުގައި ސްޕެއިންގެ ކުޅުން ދަށްވެގެންދިޔަ އެވެ. ފަހަރެއްގައި މިއީ ސްޕެއިންގެ ދެ ކުޅުންތެރިން ކަމަށްވާ ސާޖިއޯ ބުސްކެޓްސް އާއި ޑިއޭގޯ ލޮރެންޓޭ ކޮވިޑަށް ޕޮޒިޓިވްވުމާއެކު، މިދިޔަ ހަފުތާގެ ބޮޑު ބައި ސްޕެއިން ޓީމު އެއްކޮށް ޓްރެއިން ނުކުރެވުމުގެ ނަތީޖާ އަށް ވެދާނެ އެވެ.
މެޗުގެ ދެވަނަ ހާފުގައި ސްވިޑަންގެ ޒުވާން ފޯވަޑް އެލެކްޒަންޑާ އައިސަކް އާއި މާކަސް ބާގް ވަނީ ސްޕެއިންގެ ގޯލަށް ނުރައްކާކޮށްފަ އެވެ.
"މުޅި މެޗުގައި ވެސް ސްވިޑަން އިން ކުރި ކަމަކީ ޑިފެންސްކުރުން. މިއީ އިންސާފުވެރި ނަތީޖާއެއް ނޫން،" މެޗަށް ފަހު ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުންޏެވެ.
މި މެޗަށް އެންރިކޭ ނެރުނު ފުރަތަމަ 11ގައި، ބާސެލޯނާގެ ޒުވާން ފޯވަޑް ޕެޑްރީ ،18، އަށް ވަނީ ފުރުސަތު ދީފަ އެވެ. ޕެޑްރީ އަކީ ޔޫރޯގައި ސްޕެއިންގެ ގައުމީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.
ސްޕެއިން މި ގުރޫޕްގައި ކުޅޭ ދެވަނަ މެޗުގައި ނުކުންނާނީ ޕޯލެންޑާ ދެކޮޅަށެވެ.
މި ގުރޫޕްގައި ރޭ ޕޯލެންޑް އަތުން ސްލޮވާކިއާ 2-1 އިން މޮޅުވެފައިވާއިރު، ސްޕެއިން އާއި ޕޯލެންޑް ބަައްދަލުކުރާ މެޗުގެ މުހިންމުކަން ދެ ޓީމަށް ވެސް ވަނީ ބޮޑުވެފަ އެވެ.
ސްވިޑަންގެ ކޯޗު ޖާން އެންޑަސަން ބުނީ ހުރީ ޕޮއިންޓަކާއެކު ވެސް ހިތްހަމަޖެހިފަ އެވެ.
"ސްޕެއިން ގިނައިރު ބޯޅަ ގެންގުޅުނަސް، އެ ޓީމަށް މާ ގިނަ ފުރުސަތުތަކެއް ނުލިބޭ. މިއީ އަހަރަމެންނަށް މޮޅުވެވޭ ކަހަލަ މެޗެއް،" އެންޑަސަން ބުންޏެވެ. -- އޭއެފްޕީ