ސިފައިންގެ މެރެތަން ޓީމަށް ނޭޕާލުގެ ގައުމީ ކޯޗު ގެނެސްފި
ސިފައިންގެ މެރެތަން ޓީމަށް ނޭޕާލުގެ ގައުމީ ކޯޗު ގެނެސްފި

އަންނަ ޖެނުއަރީ މަހު ދުބާއީގައި ބާއްވާ ސްޓޭންޑަޑް ޗާޓަޑް މެރެތަންގައި ވާދަކުރާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ޓީމުގެ ކޯޗަކަށް ނޭޕާލުގެ ގައުމީ އެތުލެޓިކްސް ކޯޗު ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި އެވެ.

ސިފައިންގެ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ދަރީނާމް ޗައުދަރީ އަކީ ނޭޕާލުގެ ކުރީގެ އެއް ވަނަ ދުވުންތެރިޔާ އެވެ. އޭނާ ވަނީ އޭޝިއާ އާއި ދުނިޔޭގެ ފެންވަރުގެ ގިނަ މުބާރާތްތަކެއްގައި ނޭޕާލް ތަމްސީލްކޮށްފަ އެވެ. އަދި 1987 އިން 1999 ވަނަ އަހަރާ ހަމަޔަށް ބޭއްވި ހުރިހާ ސައުތު އޭޝިއަން ގޭމްސްއެއްގައި ވަނީ ދުވެފަ އެވެ. ނޭޕާލުގެ މިޑްލް ޑިސްޓެންސް އަދި ޖަމްޕިން އިވެންޓްތަކުގެ ކޯޗު ވަނީ އިންޓަނޭޝަނަލް ގިނަ ކޯޗިން ތަމްރީންތައް ހަދައިފަ އެވެ.

ސިފައިންގެ ޓީމުގެ އޮފިޝަލަކު ބުނީ ބޮޑު ކާމިޔާބަކަށް އަމާޒު ކަނޑައަޅާފައިވާ ކަމަށާއި އެގޮތުން މާލެ އާއި ހުޅުމާލޭގައި ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު ތަމްރީންތައް ބާއްވަމުން އަންނަ ކަމަށެވެ. ޓީމުގައި ޖުމްލަ ހަތް ދުވުންތެރިން ހިމެނޭ އިރު އޭގެ ތެރެއިން ހަތަރު ދުވުންތެރިން ފުލް މެރެތަންގައި ވާދަކުރެ އެވެ. އަނެއް ތިން އެތުލީޓުން ދުވާނީ 10 ކިލޯމީޓަރުގެ ރޯޑްރޭހުގަ އެވެ.

ސިފައިންގެ ޓީމުގައި ތަޖުރިބާކާރު ދުވުންތެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ މެރެތަންގައި ދުވެފައިވާ ނަސްރުﷲ އަހުމަދު (ނަސްރު) އާއި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ލޯންގް ޑިސްޓެންސް ދުވުންތެރިޔާ ޝިފާޒް މުހައްމަދު ހިމެނެ އެވެ.

ރާއްޖޭގައި ފަހަކަށް އައިސް ދިގު ރާސްތާ ދުވުމުގެ ފޯރި ވަނީ ގަދަވެފަ އެވެ. ޑރ. އަސީލް ޖަލީލާއި ހުސެއިން ޝަމީމާއި އައިމަން ރަޝީދު ހިމެނިގެން ރަނާސް މޯލްޑިވްސް 2010 ވަނަ އަހަރު އުފެދި އެ އަހަރުގެ ކޮލަމްބޯ މެރެތަންގައި ވާދަކުރަން ފެށި ފަހުން ދުވުމުގެ ތަފާތު ގްރޫޕްތައް އުފެދި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ގިނަ މުބާރާތްތަކެއްގައި އަންނަނީ ވާދަކުރަމުންނެވެ.