11،000 ފްލެޓްގެ މަސައްކަތް އޮތީ ފެށުމުގެ މަރުހަލާގައި: ރައީސް
11،000 ފްލެޓްގެ މަސައްކަތް އޮތީ ފެށުމުގެ މަރުހަލާގައި: ރައީސް

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް 11,000 ފްލެޓް އެޅުމުގެ އަމަލީ މަސައްކަތް އޮތީ ފެށުމުގެ މަރުހަލާގައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ "ގެދޮރުވެރިޔާ ލޯނު" އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މުޅި ރާއްޖެއަށް އަމާޒުކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު މާލޭގައި ބޯހިޔަވާހިކަމަށް ބޭނުންވެފައިވާ މީހުންނަށް އަމާޒުކުރާ މަޝްރޫއު ވެސް ކުރިއަށް އެބަދާ ކަމަށެވެ.

އެ މަޝްރޫއުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް ކަމަށް ރައީސް ވިދާޅުވީ 7000 ފްލެޓް އެޅުމަށް ސޮއިކޮށް، ފްލެޓް އެޅުމުގެ މަސައްކަތް ވެސް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އެކަމަކު މަސައްކަތް ފެށޭނެ ސީދާ ތާރީހެއް ހިއްސާއެެއް ނުކުރައްވަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ސަރަހައްދުގައި އިތުރު 4000 ޔުނިޓެއް އެޅުމަށް ބޭނުންވާ ފައިސާ ވެސް މިހާރު ހަމަޖައްސާފައިވާއިރު ދެން އޮތީ އެ މަސައްކަތް ކުރުމަށް ބޭނުންވާ ކުންފުނިތައް ހޯދުމެވެ.

"މިހާރު ސޮއި ކުރެވި މަސައްކަތް ފެށުމަށްޓަކައި 7000 ފްލެޓްގެ މަސައްކަތް ވަނީ ތައްޔާރުކޮށްފައި. އޭގެ އިތުރުން 4000 ޔުނިޓެއް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހި، އެކަމަށް ބޭނުންވާ ކޮންސްޓްރަކްޝަން ކުންފުނިތައް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް މިރޭ ވެސް ވިދާޅުވެފައި ވަނީ މި ދައުރު ނިމޭއިރު، ސަރުކާރުން ރައްޔިތުންނަށްވީ ވައުދާ އެއްގޮތަށް ބޯހިޔާވަހިކަން ބޭނުންވެފައިވާ ގިނަ މީހުންނަށް އެކަން ހާސިލުވާނެ ކަމަށެވެ.

ސަރުކާރުން ކުރިއަށް ގެންދާ އެންމެ ފަހުގެ ހައުސިން މަޝްރޫއުތައް ހިއްސާކުރުމަށް މާދަމާ މެންދުރުފަހު 2:30 ގައި ވެސް އިވެންޓެއް އެބަ އޮތެވެ. ބެލެވޭ ގޮތުގައި އެއީ މި ސަރުކާރުން ހުޅުމާލޭ ފޭސް ދޭއްގައި ކުރިއަށް ގެންދާ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުއާ ގުޅޭގޮތުން ބާއްވާ އިވެންޓެކެވެ.

އެޕޯލޯއާ ހަވާލުކޮށްގެން 1،000 ހައުސިން ޔުނިޓެއްގެ މަސައްކަތް ހުޅުމާލޭ ފޭސް ދޭއްގައި މިހާރު ވެސް ކުރިއަށް ގެންދާއިރު ކޮވިޑާ ހެދި އިންޑިއާ ކުންފުންޏާ ހަވާލުކުރި މަސައްކަތް އޮތީ ލަސްވެފަ އެވެ.

މާލޭގައި ބޯހިޔާވަހިކަމަށް ކޮންމެހެން ވެސް ބޭނުން ޖެހިފައިވާ 5،600 އާއިލާ ތިބި ކަމަށް މިނިސްޓްރީން ހެދި "ހައުސިން ނީޑް އެސެސްމަންޓް" އިން ދައްކަ އެވެ. އެއީ 600 އަކަފޫޓު ނުވަތަ އެ އަދަދު ވެސް ހަމަ ނުވާ ވަރުގެ ތަންތަނުގައި އުޅޭ މީހުންނެވެ. ފްލެޓު ދިނުމުގައި އެ މީހުންނަށް އިސްކަން ދޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެ އެވެ.