ހަތަރު އެއާޕޯޓެއް ހަދަން ބޭރުގެ އިންވެސްޓަރުންގެ ޝައުގު އެބަހުރި: ފައްޔާޒު
ހަތަރު އެއާޕޯޓެއް ހަދަން ބޭރުގެ އިންވެސްޓަރުންގެ ޝައުގު އެބަހުރި: ފައްޔާޒު

ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އެއާޕޯޓް އަޅަން ބޭރުގެ އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ، ށ. ބިލެތްފައްސާއި ހދ. މަކުނުދު އާއި ތ. ވިލުފުށީގެ އިތުރުން ބ. ތުޅާދޫގައި އެއާޕޯޓު ހަދަން ހުޅުވާލުމުން ބޭރުގެ ޕާޓީތައް ޝައުގުވެރިވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ބޭރުގެ ފަރާތްތަކަށް އެއާޕޯޓު ހަދަން ހުޅުވާލީ ދައުލަތުގައި އެތަން ތަން ތަރައްގީ ކުރަން ފައިސާ ހަރަދު ކުރާނެ ކެޕޭސިޓީ ނެތުމުން ކަމަށެވެ.

ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ޕޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި) ޕޮލިސީ އަށް ބަދަލު ގެންނަން ޖެހުނީ ވެސް އަލަށް ހަދަން ބޭނުންވި އެއާޕޯޓުތައް ބޭރުގެ ފަރާތްތަކަށް ދިނުމުގެ ބޭނުމުގަ އެވެ.

"އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނީ ލޯނު ލިބެން އޮތް ނަމަ ލޯނު ނަގަން. ނޫނީ ޕްރައިވެޓް އިންވެސްޓްމެންޓް ތެރޭގައި ވެސް މިކަން ކުރެވިއްޖެ ނަމަ ހިސާބުތަކަށް އޭގެ ވަރަށް ރަނގަޅު ނަފާތައް ލިބޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ، އެއާޕޯޓުތައް ތަރައްގީ ކުރަން ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރޭގައި އެ ސަރަހައްދުތަކުގައި ޓޫރިޒަމްގެ ބޮޑެތި ރިސޯޓުތައް ހިންގަމުން އަންނަ ކުންފުނިތައް ވެސް ހިމެނޭ ކަމަށެވެ.

އޭނާ ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެކުލަވައިލި އެފްޑީއައި ޕޮލިސީ އެކުލަވާލީ ބޭރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓް ހިންގޭ ގޮތަށް ނަމަވެސް މި ސަރުކާރުން 70 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށް އެއާޕޯޓު ހިންގޭނެ ގޮތަށް އެންމެ ފުރަތަމަ ބަދަލު ގެނައި ކަމަށެވެ. އެހެން ނަމަވެސް އަލަށް ތަރައްގީ ކުރަން ބޭނުންވާ ހަތަރު އެއާޕޯޓަށް ޝައުގުވެރިކަން ފާޅުކުރި ބައެއް އިންވެސްޓަރުން 100 ޕަސެންޓަށް ހިއްސާ ބަދަލު ކުރަން އެދުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ އަނެއްކާ ވެސް ކުރީ އޮތް އުސޫލަށް ބަދަލުކުރަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ބަދަލު ގެނައީ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން ޖާގަ ހޯދުމުގެ ގޮތުން ކަމަށެވެ. އެއާޕޯޓު ތަރައްގީ ކުރުމުގައި އެންމެ ކުޑަވެގެން ފަސް މިލިއަން ޑޮލަރު އިންވެސްޓް ކުރަން ޖެހެ އެވެ. އަދި ކުންފުނިތަކުގެ ހިއްސާ ކަނޑައެޅުމުގައި އިންވެސްޓްކުރާ ވަރަށް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ، އިންޑިއާ އަށް ނުވަތަ އެހެން ގައުމަކަށް ވެސް އެއާޕޯޓު ހިންގަން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި މި ވަގުތު ހަދާ ނިންމާފައިވާ އެއްވެސް އެއާޕޯޓެއް ޕްރައިވެޓައިޒް ނުކުރާނެ ކަމަށާއި ގެއްލުމުގައި ކިތަންމެ ގިނަ އެއާޕޯޓެއް ހިންގަން ޖެހުނަސް ޕްރައިވެޓައިޒް ނުކުރާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ގެޒެޓްކުރި އެފްޑީއައި ޕޮލިސީގައި ހުރި ކަންކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. ފައްޔާޒު ވިދާޅުވީ އިއްޔެ އާންމުކުރި ޕޮލިސީގައި ހުރި ކަންކަން އިތުރަށް ސާފުކޮށްދިނުމަށްފަހު މާދަން އަނެއްކާވެސް ގެޒެޓް ކުރާނެ ކަމަށެވެ. ފާޑު ކިޔުންތައް އަމާޒުވި ނަމަވެސް އާންމުކުރި އުސޫލުގައި އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.