14 ޖޫން 2021 - 20:15

މައްކާގައި ހުންނަ މަސްޖިދުލް ހަރާމް އާއި މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގައި، އަޅުކަމުގައި ތިބޭ މީހުންނަށް މީގެ ފަހުން ޒަމްޒަމް ފެން ބެހުމުގައި ބައިވެރިވާނީ، އެކަމަށް ހާއްސަ ކޮށްފައިވާ ރޮބޮޓްތަކެއް ކަމަށް، ސައޫދީ އަރަބިއްޔާގެ ރަސްމީ ނޫސް އޭޖެންސީން ބުނެފި އެވެ.

މި ހިދުމަތް ފައްޓަވައިދެއްވީ، ދެ ހަރަމްފުޅުގެ ކަންތައް ބަލަހައްޓާ އިދާރާގެ ރައީސް، އައްޝައިޚް އަބްދުއްރަހްމާން އައް ސުދައިސް އެވެ. ރޮބޮޓް ބޭނުންކޮށްގެން، ޒަމްޒަމް ފެން ބަހާއިރު، އެކަމަށް އެއްވެސް މީހަކު ބޭނުން ނުކުރާނެ ކަމަށާއި، މީހެއްގެ ބައިވެރިވުން ވެސް ނޯންނާނެ ކަމަށް މައްކާގެ ކަމާ ބެހޭ އިދާރާތަކުން ބުނެ އެވެ.
ޒަމްޒަމް ފެން ބެހުމުގައި ރޮބޮޓް ބޭނުން ކުރަން މި ފެށީ، ދެ ހަރަމްފުޅަށް ޒިޔާރަތްކުރާ މީހުން، މިހާރު ފެތުރެމުންދާ ކޮވިޑް ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. މި ރޮބޮޓްތައް މިސްކިތުގެ ތެރޭގައި ދަތުރުކުރަމުން ދާނީ، އަޅުކަމުގައި ތިބޭ މީހުންނަށް އުނދަގޫ ނުވާނެ ގޮތަށެވެ.
ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ މެދުގައި ކޮވިޑު-19 ވަބާ ފެތުރުނަ ނުދިނުމަށްޓަކައި، މިދިޔަ އަހަރުގެ ހައްޖުގައި ވެސް ބައިވެރިކުރީ، ސައޫދީ އަރަބިއްޔާގައި ތިބި، އެކި ގައުމުތަކުގެ މީހުންނެވެ. އެހެން އެއްވެސް ގައުމަކުން ހައްޖަށް މީހުން އައުމަށް ފުރުސަތެއް ނުދެ އެވެ. މި އަހަރުގެ ހައްޖުގެ އަޅުކަން ވެސް ކުރިއަށް ގެންދާނީ، ސައޫދީގައި ތިބި އެކި ގައުމުތަކުގެ މީހުން ބައިވެރިކޮށްގެންނެވެ.
މިއަހަރުގެ ހައްޖުގައި ބައިވެރިކުރަން ސައޫދީން ނިންމާފައިވަނީ، އުމުރުން 18 އަހަރާއި 56 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނާއި، ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނާއި ފުއްޕާމޭގެ ބަލިތައް ނުހުންނަ މީހުންނެވެ. އެ ޝަރުތުތައް ހަމަވާ މީހުންގެ ތެރެއިން ވެސް ގިނަވެގެން 60،000 މީހުންނެވެ.
ސައޫދީ އަރަބިއްޔާގައި މިހާތަނަށް 465،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، އޭގެ ތެރެއިން 7500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.