ދިދައިގެ ހިނގާލުމާ ދެކޮޅަށް ރުޅިވެރިކަމުގެ މުޒާހަރާ
ދިދައިގެ ހިނގާލުމާ ދެކޮޅަށް ރުޅިވެރިކަމުގެ މުޒާހަރާ

އިޒްރޭލުގެ ހަރުކަށި ޔަހޫދީ ޖަމާއަތްތަކުން އިންތިޒާމުކޮށްގެން މާދަމާ އިރުމަތީ ގުދުސްގައި ބާއްވާ، ދިދައިގެ ހިނގާލުމާ ދެކޮޅު ހެދުމުގެ ގޮތުން، ހަމަ އެވަގުތުގައި، ރުޅިވެރިކަމުގެ މުޒާހަރާއަކަށް ނުކުތުމަށް ފަލަސްތީނު މީހުން ތައްޔާރުވާން ފަށައިފި އެވެ.

މާދަމާ އިރުމަތީ ގުދުސްގައި ޔަހޫދީން ބާއްވާ ހިނގާލުމަކީ، ހުސްވި މެއި މަހުގެ ކުރީކޮޅު ބާއްވަން އިންތިޒާމުކުރި ހިނގާލުމެކެވެ. ނަމަވެސް އެފަހަރު އިޒްރޭލު ސިފައިން ގާޒާއަށް ހަމަލާ ދޭން ފެށުމުގައި ރައްދުގައި ހަމާސް ޖަމާއަތުން ގާޒާ އަށް ރޮކެޓް ހަމަލާތައް ދޭން ފެށުމުން، އެ ހިނގާލުން ކެންސަލް ކުރީ އެވެ.

އޭގެ ފަހުން ދެ ވަނަ ފަހަރަށް މި ހިނގާލުން އިންތިޒާމު ކުރީ، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުމަށެވެ. ނަމަވެސް، ހަމާސް ޖަމާއަތުން ދިން އިންޒާރުތަކާ ގުޅިގެން، އިޒްރޭލު ސަރުކާރުން އެ ހިނގާލުމަށް ފުރުސަތު ނުދީ، މާދަމާ އަށް ފަސްކުރީ އެވެ.

މާދަމާ ބާއްވާ ދިދައިގެ ހިނގާލުމުގައި، ހަރުކަށި ޔަހޫދީން ނުކުންނާނީ އިޒްރޭލުގެ ދިދަތައް ހިފައިގެންނެވެ. ގުދުސްގެ އެންމެ މުހިންމު އެއް ދޮރޯށި ކަމަށްވާ "ބާބޫލް އާމޫދު" އިން ފަށައިގެން ކުރިއަށް ގޮސް، މަސްޖިދުލް އަގްސާގެ ހަރިންމަ ތެރޭގައި ހުންނަ ބުރާގު ފާރާ ހަމައަށް ނިންމާ ގޮތަށް އިންތިޒާމުކޮށްފައިވާ މިހިނގާލުން ކުރިއަށް ދާނީ، އިރުމަތީ ގުދުސްގެ ތެރޭގައި ފަލަސްތީނު މީހުންނާއި ޔަހޫދީންނާ ދެމެދު އެންމެ ގިނައިން ކުރިމަތިލުންތައް ހިނގާ ސަރަހައްދުތަކުންނެވެ.

މި ހިނގާލުން ކުރިއަށް ދާއިރު، ޔަހޫދީންގެ ދީނީ ބަނދިވަރުތައް ކިޔުމާއި، އެންމެން ބައިވެރިވާ ނެށުންތައް އޮންނާނެ އެވެ. މި ހިނގާލުން ބޭއްވުމުގެ މައިގަނޑު ބޭނުމަކީ، ފަލަސްތީނު މީހުންނަށް ޖެއްސުންކުރުމާއި، ޔަހޫދީންގެ ބާރު ދެއްކުމާއި، ފަލަސްތީނު މީހުންނާ ދެކޮޅަށް ބޭނުން ކޮންމެ ކަމެއް ކުރެވިދާނެ ކަން ދެއްކުމެވެ.
މިހިނގާލުމާ ދެކޮޅު ހަދައި ހުރަސް އެޅުމުގެ ގޮތުން، ފަލަސްތީނުގެ ހުރިހާ ރަށްތަކެއްގައި ރުޅިވެރިކަމުގެ ދުވަހެއްގެ ގޮތުގައި މާދަމާ ފާހަގަކުރުމަށް، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ އަމިއްލަ ޖަމާއަތްތަކުން ވަނީ ގޮވާލައިފަ އެވެ.

އޭގެ އިތުރުން ހަމާސް ޖަމާއަތުން، ގުދުސްގެ ރައްޔިތުންނަށް ގޮވައިލީ، މަސްޖިދުލް އަގްސާ ސަރަހައްދަށާއި ގުދުސްގެ މަގުތަކަށް ވީހާ ގިނަ މީހުން ނުކުމެ، ޔަހޫދީންގެ ހިނގާލުމަށް ހުރަސް އެޅުމަށެވެ. އަދި މާދަމާއަކީ އިސްތިއުމާރީ ބާރުތަކަށް ގޮންޖަހާ ދުވަހެއްގެ ގޮތުގައި ފާހަގަކުރުމަށް ވެސް އެ ޖަމާއަތުން ގޮވާލާފައިވެ އެވެ.

މި ހިނގާލުމަކީ، 1967 ވަނަ އަހަރު އިޒްރޭލުން އިރުމަތީ ގުދުސް ހިފުމަށް ފަހު، ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި ނިންމި ނިންމުން ފާހަގަކުރުމުގެ ގޮތުން، ކޮންމެ އަހަރަކު ވެސް ޔަހޫދީން އިންތިޒާމުކުރާ ހިނގާލުމެކެވެ.