14 ޖޫން 2021 - 20:02

މިހާރު ދުނިޔޭގެ ވަށައިގެން ބުރު ޖަހަމުން އަންނަ، ޗައިނާގެ ޖައްވީ ސްޓޭޝަނަށް ޗައިނާގެ އެސްޓްރޮނޯޓުން ގޮވައިގެން، މި ހަފުތާގެ ތެރޭގައި ދަތުރެއް ކުރުމަށް ޗައިނާ އިން ނިންމައިފި އެވެ.
މިއީ ގާތްގަނޑަކަށް ފަސް އަހަރަށް ފަހު، ޗައިނާ އިން ޖައްވަށް މީހުން ގެންދާ ފުރަތަމަ ދަތުރެވެ. މިދަތުރުގައި ގެންދާ ތިން އެސްޓްރޮނޯޓުން، ޗައިނާގެ ޖައްވީ ސްޓޭޝަން "ޓިއަންގޮންގް" ގައި ތިން މަސްދުވަސް ހޭދަކުރާނެ އެވެ.
މިހާރު ދަތުރަށް ތައްޔާރުވެފައިވާ ރޮކެޓް، ޝެންޒޫ-12 އަކީ، ޖައްވީ ސްޓޭޝަންގެ އެކި ބައިތައް ފުރިހަމަ ކުރުމަށްޓަކައި ކުރަން ހަމަޖެހިފައިވާ 11 ދަތުރުގެ ތެރެއިން ތިން ވަނަ ދަތުރުގައި ބޭނުންކުރާ ރޮކެޓެވެ. މި ދަތުރުތަކުގެ ތެރެއިން 4 ދަތުރެއްގައި، ޖައްވީ ސްޓޭޝަނަށް އެސްޓްރޮނޯޓުން ގެންދާނެ އެވެ. ޗައިނާ އިން މިހާރު ރާވާފައިވަނީ، 2022 ވަނަ އަހަރުގެ ތެރޭގައި ޓިއަންގޮންގް މުޅިން ފުރިހަމަކޮށް، ޖައްވީ ދިރާސާތަކުގެ މަސައްކަތްތައް ފެށުމަށެވެ.
ޔޫރަޕްގެ ގައުމުތަކާ ހިލާފަށް ޗައިނާގެ ޖައްވީ ޕްރޮގްރާމް ކުރިއަށް ގެންދަނީ، އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގެ ބައިވެރިވުމެއް ނެތި އެވެ. ވިހި އަހަރަށް ވުރެ ގިނަ ދުވަސްވީ، ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަނަށް މިހާތަނަށް އެކި ގައުމުތަކުގެ 240 އަށް ވުރެ ގިނަ އެސްޓްރޮނޯޓުން ދަތުރުކޮށްފައިވާ އިރު، ޗައިނާގެ އެންމެ މީހަކު ވެސް ނުގެންދެ އެވެ.
އެއީ، އެމެރިކާގެ ޖައްވީ ދިރާސާތަކާ ބެހޭ އިދާރާ، ނާސާގެ އެއްވެސް ކަމެއްގައި ޗައިނާގެ ރައްޔިތަކު ބައިވެރިކުރުން، އެމެރިކާގެ ގާނޫނުން މަނާކުރާތީ އެވެ. ނަމަވެސް، ޗައިނާ މިހާރު އަންނަނީ ޖައްވީ ދިރާސާތަކުގައި ވެސް އެމެރިކާ އާއި ވިލާތުގެ ގައުމުތަކާ ވާދަކުރަމުންނެވެ.
އެ ގޮތުން، ހުސްވި މެއި މަހުގެ ތެރޭގައި، މާސްގެ ބިމަށް ތިރިކުރުވި ޗައިނާގެ ޖައްވީ އުޅަނދާ އެކު، އެގައުމަށް ވަނީ، މާސް އަށް އުޅަނދެއް ތިރިކުރުވި ދެ ވަނަ ގައުމުގެ މަގާމު ލިބިފަ އެވެ. އަދި މީގެ ދެ އަހަރު ކުރިން ޗައިނާ އިން ހަނދަށް ފޮނުވި އުޅަނދެއް ވަނީ، ހަނދުގެ ދުރު ފަރާތަށް ތިރި ކުރުވައިފަ އެވެ.