ސަބްރާ ހައްޔަރުކުރީ ގޯސްކޮށް، އެކަމަކު ޒިންމާވާން ޖެހޭނީ ވަކި ފުލުހުން: ހައި ކޯޓު
ސަބްރާ ހައްޔަރުކުރީ ގޯސްކޮށް، އެކަމަކު ޒިންމާވާން ޖެހޭނީ ވަކި ފުލުހުން: ހައި ކޯޓު

ފުލުހުންގެ ކުރީގެ އިންޓެލިޖެންސް ޑައިރެކްޓަރު ސަބްރާ ނޫރައްދީން ހައްޔަރުކުރީ ގޯސްކޮށް ކަމަށާއި އެކަމަކު އެކަމުން އޭނާއަށް ލިބުނު ގެއްލުމަށް މުޅި ފުލުހުންގެ މުއައްސަސާ ޒިންމާވާން ނުޖެހޭނެ ކަމަށާއި ޒިންމާވާން ޖެހޭނީ އެކަން ކުރި ފުލުހަކު ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެގޮތަށް ނިންމީ މާޗް، 2013 ގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ސަބްރާ ހައްޔަރުކުރި މައްސަލާގައި އޭނާގެ ކިބައިން މައާފަށް އެދުމަށް ފުލުހުންގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިނާފު ކުރުމުންނެވެ. ސިވިލް ކޯޓުގެ ހުކުމުގައި އަންގާފައި އޮތީ ސަބްރާ ހައްޔަރު ކުރި ކަމަށް ފުލުހުންގެ ރެކޯޑްތަކުގައި އޮތް ގޮތުން ބާތިލް ކުރުމަށާއި ފުލުހުންގެ ފަރާތުން ސަބްރާ އަށް ކުރިމަތިވި ކަންކަމުގެ ބަދަލެއްގެ ގޮތުން އޭނާގެ ކިބައިން ލިޔުމުން މައާފަށް އެދުމަށެވެ.

ނަމަވެސް ހައި ކޯޓުން މިއަދު ނިންމީ ސަބްރާގެ ކިބައިން މައާފަށް އެދުމަށާއި އޭނާ ހައްޔަރު ކުރި ކަމަށް ރެކޯޑްތަކުގައި އޮތް ގޮތުން އުނިކުރަން ދަށު ކޯޓުން ކުރި ހުކުމް ބާތިލް ކަމަށެވެ. އެކަމަކު ސަބްރާ ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކުރި އިޖްރައާތު ރަނގަޅު ނޫން ކަމަށް ވާތީ އެކަމުގެ ސަބަބުން އޭނާގެ ހައްގެއް ގެއްލިފައިވާ ކަމަށް ސަބްރާ އަށް ގަބޫލު ކުރެވޭ ނަމަ އެކަން ކުރި ފުލުހަކާ ދެކޮޅަށް މައްސަލަ ހުށަހެޅުމުގެ ހައްގު އޭނާ އަށް އޮންނާނެ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ހުކުމް އިއްވަވަމުން، އެ މައްސަލަ ބެލި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އިސް ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ ފުލުހުންނަށް ހުރަސް އެޅުމުގެ ތުހުމަތެއްގައި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ސަބްރާ ހައްޔަރު ކުރުމަށް ފަހު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ ދޫކޮށްލާފައިވާތީ، ސަބްރާ ހައްޔަރުކުރީ ކޮންމެހެން ހައްޔަރު ކުރުމުގެ ޟަރޫރަތެއް އޮވެގެން ނޫންކަން އެނގޭ ކަމަށެވެ. އަދި ކޯޓު އަމުރެއް ލިބުނަސް މީހަކު ހައްޔަރު ކުރަން ޖެހޭނީ އެކަމުގެ ޟަރޫރަތެއް އޮވެގެން ކަމަށާއި އެގޮތަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަމަށް އިސް ފަނޑިޔާރު އަބްދުﷲ ވިދާޅުވި އެވެ.

އިސް ފަނޑިޔާރު ވިދާޅުވި ގޮތުގައި ސަބްރާ ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކުރި އިޖްރައާތު ގޯސް ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ރަނގަޅެވެ. އެކަމަކު ހައްޔަރު ކުރުމުގެ ސަބަބުން ސަބްރާއަށް ލިބުނު ގެއްލުމަށް މުޅި ފުލުހުންގެ މުއައްސަސާ ޒިންމާވާން ނުޖެހޭނެ ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ. ސަބަބަކީ ފުލުހުންގެ ބާރުތައް ބޭނުން ކުރުމުގައި ވަކިވަކި ފުލުހުން ގާނޫނާ ޚިލާފަށް ކުރާ ކަންކަމަށް އެ މީހުން ޒިންމާވާން ޖެހޭނެ ކަމަށާއި އެކަންކަން ބެލޭނެ ގޮތްތައް ފުލުހުންގެ ގާނޫނުގެ ދަށުން ހަމަޖެހިފައިވާތީ ކަމަށް ފަނޑިޔާރު އަބްދުﷲ ވިދާޅުވި އެވެ.

ފުލުހުންނަށް ލިބިދީފައިވާ ބާރުތައް އެ މީހުން ބޭނުން ކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން އަދި ހައްޔަރު ކުރެވޭ މީހާގެ ހައްގުތައް ނުގެއްލޭނެ ފަދަ ގޮތަކަށް ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ.

އެހެންވެ، ހައްޔަރު ކުރުމުގެ ސަބަބުން ސަބްރާގެ ހައްގުތަކަށް ގެއްލުން ލިބިފައިވާ ކަމަށް އޭނާ އަށް ގަބޫލު ކުރެވޭ ނަމަ އެކަންކުރި ފުލުހަކާ ދެކޮޅަށް މައްސަލަ ހުށަހެޅުމުގެ ހައްގާއި ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު ސަބްރާއަށް އޮންނާނެ ކަމަށް އިސް ފަނޑިޔާރު ދީދީ ވިދާޅުވި އެވެ.

ސަބްރާ ހައްޔަރު ކުރަން ނެރުނު އަމުރަށް ތާއީދުކޮށް ހައި ކޯޓުން 2013 ގައި ވެސް ނިންމާފައިވަނީ އޭނާ ހައްޔަރުކުރީ އެކަމުގެ ޟަރޫރަތެއް އޮވެގެން ނޫން ކަމަށެވެ. އެހެންވެ އެކަމުން ލިބުނު ގެއްލުމަށް ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަމަށެވެ. ސަބްރާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެހެންވެގެންނެވެ.