14 ޖޫން 2021 - 20:21

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި 27 އަހަރު ޒުވާނަކު މިރޭ މަރުވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށް އިރުއޮއްސި 6 ޖަހާއިރު މަރުވެފައި ވަނީ ދިވެހި ފިރިހެނެއް ކަމަށެވެ. މިއީ މި ބަލީގައި ރާއްޖެ އިން މަރުވި 198 ވަނަ މީހާ އެވެ. އަދި މި މަހުގެ 32 ވަނަ މަރެވެ.
ޒުވާން އުމުރުގައި ކޮވިޑުގައި މަރުވާ މީހުންގެ އަދަދު މިހާރު ވަނީ އިތުރުވެފަ އެވެ.
މިދިޔަ މަހު ކޮވިޑަށް ޕޮޒިޓިވްވި 25 އަހަރުގެ މާބަނޑު އަންހެނަކު ހާލު ދެރަވެގެން ފަރުވާ ދެމުން އަންނަނިކޮށް، ވިހެއުމަށް ފަހު މީގެ ދެ ދުވަސް ކުރިން ވަނީ ނިއާވެފަ އެވެ. އެއީ މި ބަލީގައި ރާއްޖެއިން މަރުވި އެންމެ ޒުވާން މީހާ އެވެ.
މި ބަލީގައި ރާއްޖެއިން އެންމެ ހަގު އުމުރެއްގައި މަރުވެފައި ވަނީ 10 އަހަރުގެ ކުއްޖެކެވެ.
ކޮވިޑްގެ ކޭސްތައް ރާއްޖޭގައި ވަރަށް މަތީގައި ހުރުމަށް ފަހު، ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކާ އެކު މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.