14 ޖޫން 2021 - 19:05

ކޮވިޑް-19 ޖެހިގެން މިއަދު މަރުވި ކަމަށް ބުނި 55 އަހަރުގެ މީހާ މަރުވީ އެ ބަލީގައި ނޫން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މިއަދު ހެނދުނު 11:19 ގައި މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން އައި ދިވެހި އަންހެނެކެވެ. އަދި އެއީ ކޮވިޑްގެ 198 ވަނަ މަރު ކަމަށް އެޗްޕީއޭ އިން ކުރިން އިއުލާންކުރި އެވެ.
އެޗްޕީއޭ އިން ބުނީ ފަހުން ބެލި ބެލުންތަކުން ކަށަވަރުވެފައިވާ ގޮތުގައި އެ މީހާ މަރުވީ ކޮވިޑްގައި ނޫން ކަމަށެވެ. އެހެންވެ އެއީ ކޮވިޑް މަރެއް ނޫން ކަމަށް ނިންމާފައިވާ ކަމަށެވެ.
އިއްޔެގެ ނިޔަލަށް މި ބަލީގައި ރާއްޖެއިން 197 މީހަކު މަރުވެފައިވެ އެވެ. އަދި މި މަހު އެކަނި ވެސް 32 މީހަކު ވަނީ މަރުވެފަ އެވެ.
ކޮވިޑްގެ ކޭސްތައް ރާއްޖޭގައި ވަރަށް މަތީގައި ހުރުމަށް ފަހު، ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކާ އެކު މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.