14 ޖޫން 2021 - 15:44

ތިމާވެއްޓާ ރައްޓެހި ރަށެއްގެ ގޮތުގައި އޮތް އޮތުން ދެމެހެއްޓުމަށާއި ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ކުރަން ޖެހޭ ހަރަދުތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ނ. ކުޑަފަރީ ކައުންސިލުން ލޯނު ސްކީމެއް ތައާރަފުކުރަން ނިންމައިފި އެވެ.

ކުޑަފަރީ ކައުންސިލްގެ ރައީސް ޝަމީމް މުހައްމަދު، "މިހާރު" އަށް ވިދާޅުވި ގޮތުގައި ކައުންސިލުން ތައާރަފުކުރަން ނިންމާފައި ވަނީ މައިކްރޯ ފައިނޭންސިން ދެ ސްކީމެކެވެ. އެއީ "އުފަލުން ސްކޫލަށް" އަދި "ބައިކް ޓު ސްކޫލު" ޕްރޮގްރާމެވެ.
އާބާދީގައި 800 އެއްހާ މީހުން ދިރިއުޅޭ ކުޑަފަރީގައި ގިނަ މީހުން އުޅެނީ ސައިކަލުގަ އެވެ. ޝަމީމް ވިދާޅުވި ގޮތުގައި ބައިކް ސްކީމުގެ ދަށުން ލިބޭނީ ސްކޫލަށް ދާން ބައިސްކަލެކެވެ.
ޝަމީމް ވިދާޅުވީ އެހެން ރަށްރަށެކޭ އެއްގޮތަށް އެރަށުގައި ވެސް ސައިކަލް އިތުރުވުމުގެ ފުރުސަތު އެބަ އޮތެވެ. އެކަމަކު ކައުންސިލުން ބޭނުންވަނީ މިހާރު އޮތް ގޮތަށް ބައިސްކަލުގައި އުޅުމުގެ އާދަ ހަރުލައްވާށެވެ.
"އަސްލު މިވަރު ކުޑަ ރަށެއްގައި މޮޓޯ ބައިކް ބޭނުން ވެސް ނުވާކަމާއި ތިމާވެއްޓާ ރައްޓެހި ލައިފްސްޓައިލްގަ މި އުޅޭ އުޅުން ދަމަހައްޓަން. ސްކޫލު ކުދިންނަށް އެންމެ ކުރިން ފެށިގެން ބައިސްކަލު ތައާރަފުކުރަން. އޭރުން 12 ވަރަކަށް އަހަރު ބައިސްކަލުގަތާ އުޅޭނީ. ލައިފްގެ ބާކީ ވެސް ބައިސްކަލުގައި އުޅޭނެ ކަމަށް،" ޝަމީމް ވިދާޅުވި އެވެ.
އެ ސްކީމުގެ ދަށުން ބައިސްކަލު ހަވާލުކުރުމަށް ފަހު، އެ ކުދިންނަށް ދޮވެ ސާފުކުރުމަށް ކިޔައިދޭނެ އެވެ. އަދި ކުދިކުދި ޓޫލްސްތައް ބޭނުންކުރާނެ ގޮތްތައް ވެސް އެ ކުދިންނަށް ކިޔައިދޭނެ އެވެ.
"އުފަލުން ސްކޫލަށް" ސްކީމުގެ ދަށުން ދަރިވަރުންނަށް ފޯރުކޮށްދޭނީ ޔުނިފޯމާއި ބޫޓު ފަދަ ސްކޫލަށް ބޭނުންވާ ސާމާނެ އެވެ.
ޝަމީމް ވިދާޅުވީ މިހާރު ދިރާސީ އާ އަހަރު ފެށެނީ ވެސް ބޮޑު އީދާ ދިމާކޮށްގެން ކަމަށާއި ބޮޑު އީދަކީ ވެސް ބެލެނިވެރިން ބޮޑު ހަރަދެއް ކުރާ ދުވަސްވަރެއް ކަމަށެވެ. އަދި ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރަށް ވެސް ގިނަ ހަރަދުތަކެއް ބެލެނިވެރިން ކުރާ ކަމަށެވެ.
އޭނާ ވިދާޅުވީ އެއްވެސް އިންޓަރެސްޓަކާ ނުލައި މި ދެ ސްކީމު ވެސް ކުރިއަށް ގެންދަން ނިންމާފައިވާއިރު މި ލޯނު އަނބުރާ ދައްކަން ޖެހޭނީ މަހުން މަހަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ދެ ސްކީމުގައި ބައިވެރިވާ މީހުން މަހެއްގެ މައްޗަށް ދައްކަން ޖެހެނީ 250 އަށް ވުރެ އިތުރު ނުވާނެ އަދަދެކެވެ.
ޝަމީމް ވިދާޅުވީ އެމީހަކު ބޭނުން ނަމަ، އެންމެ ސްކީމެއްގައި ވެސް ބައިވެރިވެވިދާނެ ކަމަށެވެ. އެއް ސްކީމުގައި ބައިވެރިވާ ނަމަ، މަހެއްގެ މައްޗަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 150 ރުފިޔާއަށް ވުރެ އިތުރު ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލީ ގޮތުން ދަތިކޮށް އުޅޭ އާއިލާތަކަށް ހިލޭ ސާމާނު ފޯރުކޮށްދޭނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
ސީދާ ކައުންސިލުން އެ ލޯނުތައް ދޫކުރާ ގޮތަށް ހަމަޖައްސައި އެކަމަށް ބޭނުންވާ އެހީ ހޯދުމަށް އެކި ފަރާތްތަކާ އެކު މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަމައެކަނި ޕާޓްނާވާނީ ފައިނޭންސިންގަ. އެއީ ހިލޭ އެހީއެއްގެ ގޮތުގައި. ނޫނީ ކައުންސިލުން އަނބުރާ ދައްކާގޮތަށް ވިޔަސް. ކައުންސިލްގެ ސްކީމެއް މިއީ،" ޝަމީމް ވިދާޅުވި އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ފެށޭއިރު މި ސްކީމަށް ކުރިމަތިލުމަށް މިމަހުގެ ތެރޭގައި ހުޅުވާލެވޭތޯ ކައުންސިލުން ދަނީ މަސައްކަތްކުރަމުންނެވެ. ކުޑަފަރީ ސްކޫލުގައި މިވަގުތު ކިޔަވަމުން އަންނަނީ 165 ދަރިވަރެކެވެ.