14 ޖޫން 2021 - 15:48

ސަރުކާރުގެ ޕްލޭނަކީ ތިން ސަރަހައްދަކަށް ރާއްޖެ ބަހާލައި ތަރައްގީކުރުން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކަށް އަމާޒުކޮށްގެން ބާއްވާ ތިން ދުވަހުގެ ޓްރެއިނިން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވި ގޮތުގައި މި ވީހާ ދުވަހު ރާއްޖެ ގެންދިޔައީ މަރުކަޒީ ވިސްނުމުގަ އެވެ. އެކަމުގެ ސަބަބުން އާބާދީގެ 40 ޕަސެންޓަށްވުރެ ގިނަ މީހުން ވެރިރަށް މާލެއަށް ޖަމާވެފައިވާ ކަމަށް ވިދާޅުވި އެވެ.
މި ވަގުތު މާލޭގެ އާބާދީ އިތުރުވަމުންދާ ގޮތާއި ރަށްރަށުން މާލެއަށް ބަދަލުވަމުންދާ ރޭޓަށް ބަލާއިރު 2040 ވަނަ އަހަރު އަންނައިރު ވެރިރަށުގެ އާބާދީ، އަތޮޅުތަކުގެ ޖުމްލަ އާބާދީއަށްވުރެ ބޮޑުވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
ނަމަވެސް ސިއްހަތާއި ތައުލީމު އަދި ވަޒީފާގެ އެކި ބޭނުންތަކަށް މާލެއަށް ހިޖުރަކުރާ މީހުންގެ އަދަދު މަދުކުރުމަކީ އެއް ދުވަހުން ވާނެ ކަމެއް ނޫން ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ކަން ބަދަލުކުރުމަށް ދުރު ރާސްތާގެ ޕްލޭނެއްގެ ދަށުން މަސައްކަތްކުރަންޖެހޭ ކަމަށެވެ. އެކަމަށް ސަރުކާރުގެ "ސްޕޭޝަލް ޕްލޭން" އެއް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ސްޕޭޝަލް ޕްލޭން ހަދާފައިވަނީ ރާއްޖެ ތިން ރީޖަނަކަށް ބަހާލައި އަދި އެ ތިން ރީޖަންގައި ހަ ޒޯނެއް ބެހިގެންނެވެ. ހަ ޒޯނުގެ ތެރޭގައި ޖުމްލަ 20 އައިލެންޑް ކްލަސްޓާ ހިމެނޭނެ ކަމަށް، ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންމެ އައިލެންޑް ކްލަސްޓާއަކީ ވަށައިގެން ކައިރީގައި ހުންނަ ރަށްތަކުގެ މައްޗަށް އެކުލެވޭ ގްރޫޕެވެ. ސަރުކާރުގެ ވިސްނުމަކީ އެ ގޮތަށް ރާއްޖެ ތަރުތީބުކުރެވިގެން، ކޮންމެ ރީޖަނެއްގައި ވެސް އެ ރީޖަނަކަށް ގެންނަންޖެހޭ އުމްރާނީ ތަރައްގީ އާއި އިންސާނީ ވަސީލަތްތައް އަދި ހިދުމަތްތައް އެ ތަނަށް ގެނައުމެވެ.
"ކޮންމެ ޒޯނަކީ، އެ ޒޯނަކަށް ހާއްސަކުރެވިފައި ހުންނަ ވަސީލަތްތަކާއި ހިދުމަތްތައް ބަޔާންކުރެވިފައިވާ ތަން. ކޮންމެ ކްލަސްޓާއަކީ، އެ ކްލަސްޓާގައި ހުންނަ ހިދުމަތްތަކާއި ވަސީލަތްތައް ބަޔާންކުރެވިފައިވާ ތަން. އެހެންވީމަ، އަޅުގަނޑު އެދެން ވަރަށް ބޮޑަށް ތި ބޭފުޅުން ސްޕޭޝަލް ޕްލޭނަށް ބައްލަވަން. ނޭޝަނަލް ޕޮލިސީތަކާ އެއްގޮތަށް އެލައިންވެފައި ހުރުމަކީ ކަންކަން ކުރުމުގައި ފަސޭހަކޮށް، ލުއިކޮށް ކަންކަން ކުރެވޭ ސަބަބު،" ކޮމިއުނިޓީ ޑިވެލޮޕްމަންޓް އަދި ފައިނޭންޝަލް ޕްލޭން ހަދާނެ ގޮތުގެ ތަމްރީނު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ތަރައްގީގެ ޕްލޭނުތައް ހަދާއިރު އަމިއްލަ ރަށުގެ ފަސްގަނޑަށް އެކަނި ނުބެލުމަށް އެދިވަޑައިގެންފަ އެވެ. އަދި ވަށައިގެން ކައިރި ސަރަހައްދުގައިވާ ރަށްތަކާ އެކުގައި، އެއީ ވެސް އެ މީހުންގެ ނެއިބަހުޑްގެ ގޮތުގައި ވިސްނުމަށް އަސްލަމް އެދިވަޑައިގަތެވެ.
"ތަރައްގީގެ މަގުގައި އަޅުގަނޑުމެން ކުރިއަށްދާއިރު، އަޅުގަނޑު ތި ބޭފުޅުންގެ އަރިހުން އެދެނީ ޕްލޭނުތައް ހައްދަވާއިރު ހަމައެކަނި އަމިއްލަ ރަށުގެ ފަސްގަނޑަށް، އަމިއްލަ ރަށުގެ ގޮނޑުދޮށާ ހިސާބުގައި ވިސްނުން ނުބަހައްޓާށޭ. ވިސްނުން ބަހައްޓަވައްޗޭ ރަށުގެ ވަށައިގެން ކައިރީގެ ސަރަހައްދުގައިވާ ރަށްތަކާއި އެކުގައި އެއީ ތިޔަ ބޭފުޅުންގެ ނެއިބަހުޑްގެ ގޮތުގައި ވިސްނާވަޑައިގަންނަވަށޭ އަދި ބައިވަރު ނެއިބަހުޑްތަކަކާއެކީގައި އަޅުގަނޑުމެންގެ ތެރޭގައި އަތޮޅެއް އުފެދިގެން. ހުރިހާ އަތޮޅުތަކަކާއެކީގައި ރާއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.
ޖަޒީރާ ރާއްޖެއަކަށް ވުމުން ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުގެ ޕޮލިސީއަކީ ހުރިހާ ރަށްތަކެއް ދަތުރުފަތުރު ނިޒާމުން ގުޅުވާލުމެވެ. އެކަން ކުރުމަށް ސަރުކާރުން ވަނީ އެމްޓީސީސީއާއެކު ސޮއި ވެސް ކޮށްފަ އެވެ. ކޮވިޑު-19 ގެ ސަބަބުން އެ މަސައްކަތުގައި ލަސްތަކެއް ދިމާވީ އެވެ.
އަސްލަމް ވިދާޅުވީ ދަތުރުފަތުރުން ރަށްތައް ގުޅާލުމުން ކޮންމެ ރަށެއްގައި ހުރިހާ ހިދުމަތެއް ލިބެން ހުންނާކަށް ނުޖެހޭ ކަމަށެވެ. ކައިރިރަށްތަކަށް ހިދުމަތްތައް ފުޅާކޮށްގެން ރަނގަޅުކުރެވޭނެ ކަމަށް އޭނާ ވިދާޅުވެ އެވެ.
އެ ރަސްމިއްޔާތުގައި އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފު ވިދާޅުވީ ތަރައްގީގެ އެ ޕްލޭނުން އުޖާލާ މުސްތަގުބަލެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. އޭގެ އިތުރުން، ގާނޫނީ އާ ބާރުތަކާއެކު މަގާމާ ހަވާލުވެވަޑައިގަތް ފުރަތަމަ ކައުންސިލްތަކުގެ ހައިސިއްޔަތުން، ތަރައްގީގެ އެ ފަދަ މަގުޗާޓުތައް ކުރަހާއިރު ޒިންމާދާރު، އިހްލާސްތެރި އަދި ރައްޔިތުންނާ ގާތް ކައުންސިލްގެ ސިފަތައް ޕްލޭންތަކުން ފެނިގެންދާނެކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ފަދަ ތަރައްގީގެ ޕްލޭނަކުން ހާސިލް ކުރެވޭނީ ކޮންކަމެއްތޯ ބައެއް ބޭފުޅުން ސުވާލު އުފައްދަވާ. ތަފާތު ގިނަ ޖަވާބެއް އަޅުގަނޑުގެ ވިސްނުމަށް އާދޭ. އެއީ ރަށުގަ ދިރިއުޅޭ ކެޔޮޅު އިބްރާހިމްބެގެ އާއިލާއަށް ފަހިގޮތްތަކެއް ހޯދަދޭނެ ޕްލޭނެއް. އިބްރާހިމްބެގެ ދެ ކުދިންނަށް ރައްކާތެރިކަމާ ރަނގަޅު ތައުލީމާ ވަޒީފާގެ ފުރުސަތުތަކާ، ދުޅަހެޔޮ ސިއްހަތަކާ، ސާފު ވެއްޓެެއް ޔަގީންކޮށްދޭނެ ޕްލޭނެއް،" އަފްޝަން ވިދާޅުވި އެވެ.