ނަފުރަތު ބިލު އޮތް ގޮތުން ދީނާ ހިލާފު ކަންކަން ގިނަވެދާނެ: އިދިކޮޅު
ނަފުރަތު ބިލު އޮތް ގޮތުން ދީނާ ހިލާފު ކަންކަން ގިނަވެދާނެ: އިދިކޮޅު

މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅަން ސަރުކާރުގެ ފަރާތުން ގާނޫނުލްއުގޫބާތަށް ގެންނަން ހުށަހެޅި އިސްލާހުގެ ސަބަބުން ދީނާ ހިލާފު ކަންކަން ގިނަވެދާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.

ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނަފުރަތުގެ އަމަލު ހުއްޓުވުމުގެ ބިލުގައިވާ ގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ނުވަތަ މުސްލިމަކު، ކާފަރެއް ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެވެ.

ޕީޕީއެމް/ޕީއެންސީގެ ނޫސްވެރިންގެ ބައްދަލުވުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، އެ ބިލު ފާސްކޮށްފި ނަމަ ރާއްޖޭގައި އިސްލާމް ދީނާ ހިލާފު ކަންކަން ކުރާ މިންވަރު އިތުރުވެގެން ދިޔުމާއި ކަންބޮޑުވާ މިންވަރަށް އެކަންކަން އިތުރުދިޔުމުގެ ބިރު އެބަ އޮތް ކަމަށެވެ. މިހާރު ވެސް ދީނާ ހިލާފު ވާހަކަތައް ގިނަވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، އިސްލާމް ދީނާ ހިލާފު ކަންކަން ކުރާ ފަރާތްތައް ހުއްޓުވަން އެއްވެސް ކަމެއް ނުކުރެވޭ އިރު އެކަންކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ ޖަލަށް ދާން ޖެހިދާނެ ފަދަ ހާލަތަކަށް ވެދާނެ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެ ބިލު ފާސްކޮށްފި ނަމަ ދަރިން ތަރުބިއްޔަތު ކުރުމަށާއި ޒުވާނުންނަށް އިސްލާމް ދީނަށް އަހުލުވެރި ކުރުމަށް ވެސް ދަތިވާނެ ކަމަށެވެ.

"އިސްލާމް ދީން އޭގެ ފުރިހަމަ ގޮތުގައި، ރާއްޖޭގެ ކަންކޮޅުތަކުގައި، އޭގެ ނޫރު ފެތުރުމަށް ރާއްޖޭގައި މިއަދު ތިބި އިލްމީ ވާއިޒުންނާއި، އެ ފަންނުގައި މަސައްކަތް ކުރައްވާ އެންމެންނާއި އިސްލާމް ދީން ދެކެ ލޯބިވާ އެންމެނަށް ދަތިވެގެންދާނެ،" އާދަމް ޝަރީފު ވިދާޅުވި އެވެ.

އާދަމް ޝަރީފު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ޓެރަރިސްޓު ހަމަލާއެއް ދީފައިވާ ދަނޑިވަޅެއްގެ ނާޖާއިޒު ފައިދާ ނަގައިގެން، ދިވެހި ދައުލަތް ސެކިއުލާ ކުރަން ނުވަތަ ދީނާއި ދައުލަތް ވަކި ކުރަން ކަމަށެވެ. އަދި ސަރުކާރުގެ ބޭނުމަކީ ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ދިނުން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި ކަމުގައި ސަރުކާރުގެ ރޭވުމަކީ އިސްލާމް ދީނާއި ދައުލަތަކީ ވަކި ދޭއްޗެއް ގޮތުގައި ދުރާލައި ރާވައިގެން މަކަރުވެރިކަމާއެކުގައި އެ މަގު ފަހިކުރުން. އަދި ހަމައެއާއެކީގައި އެހެން ދީންތައް ރާއްޖޭގައި ފެތުރުމަށް، އެހެން ދީންތައް މިތަނަށް ގެނައުމަށް ދުރާލާ ރާވައިގެން މަގުފަހިކުރުން،" އާދަމް ޝަރީފު ވިދާޅުވި އެވެ.

އިދިކޮޅުން ގޮވާލާފައި ވަނީ އެ ބިލު ސަރުކާރުން އަނބުރާ ގެންދިޔުމަށެވެ.

"އެއްވެސް ޝަރުތެއް ނެތި މި ބިލު އެއްކޮށް އަނބުރާ ގެންދަން ސަރުކާރަށް ގޮވާލަން،" އާދަމް ޝަރީފު ވިދާޅުވި އެވެ.

އެ ބިލު އަނބުރާ ގެންދަން ގޮވާލިޔަސް، އާދަމް ޝަރީފު ވަނީ އެއް މުސްލިމަކު އަނެއް މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނަމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

މީގެ ކުރިން ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއިން ވެސް ވަނީ ސަރުކާރުން ހުށަހެޅި އެ ބިލާ ދެކޮޅަށް ބަޔާން ނެރެފަ އެވެ. އެ ދެ ޕާޓީއިން ވެސް ބުނެފައި ވަނީ ބިލު އޮތީ ނަފްރަތާއި ފިތުނަ ފަސާދަ އުފެދޭ ގޮތަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދީނަށް ފުރައްސާރަ ކުރަން ފުރުސަތު ލިބޭނެ ކަމަށް ބުނެފައިވެ އެވެ.