ކޮންމެ ތިން މަހަކުން ލޭ ހަދިޔާ ކުރަން ބީއެމްއެލް އިން ކޭމްޕެއް
ކޮންމެ ތިން މަހަކުން ލޭ ހަދިޔާ ކުރަން ބީއެމްއެލް އިން ކޭމްޕެއް

ކޮންމެ ތިން މަހަކުން ލޭ ހަދިޔާ ކުރަން ކޭމްޕެއް ބީއެމްއެލް އިން މިއަދު ފަށައިފި އެވެ.

ދުނިޔޭގެ ލޭ ހަދިޔާ ކުރުމުގެ ދުވަހާ ގުޅުވައިގެން ފެށި މި ކޭމްޕުގައި ލޭ ހަދިޔާ ކުރާނީ ބީއެމްއެލް މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާ މީހުންނެވެ.

މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށް ގެންދަނީ މާލެ އާއި ކުޅުދުއްފުށި އަދި ނ. މަނަދޫގަ އެވެ. މާލޭގައި ކޭމްޕް ކުރިއަށް ގެންދިޔައީ މޯލްޑިވްސް ބްލަޑް ސާވިސަސްއާ ގުޅިގެންނެވެ. އަދި ކުޅުދުއްފުއްޓާއި މަނަދޫގައި މި ހަރަކާތް ކުރިއަށް ގެންދިޔައީ އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތަކާ ގުޅިގެން ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި ހަރަކާތުގެ ދަށުން ބީއެމްއެލްގެ 70އަށް ވުރެ ގިނަ މުވައްޒަފުން ލޭ ހަދިޔާ ކުރަން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބޭންކުން ބުނީ ކޮންމެ ތިން މަހަކުން ލޭ ހަދިޔާ ކުރަން ކޭމްޕް ބާއްވަން ނިންމީ ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި ދެމެހެއްޓެނިވި ގޮތެއްގައި ލޭ ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ. އަދި އެ ބޭންކުގެ އަމާޒަކީ މުވައްޒަފުން އިޖްތިމާއީ ކަންކަމަށް ހޭލުންތެރިކޮށް، މުޖުތަމައަށް ފައިދާ ކުރަނިވި ހަރާކާތްތަކުގައި ބައިވެރިވުން އިތުރުކުރުން ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ވަނީ މޯލްޑިވްސް ބްލަޑް ސާވިސަސްއާ ގުޅިގެން ލޭ ހަދިޔާ ކުރުމުގެ މުހިންމު ކަމާއި އާންމު ގޮތެއްގައި ލޭ ހަދިޔާ ކުރުމާ ގުޅޭގޮތުން މުވައްޒަފުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ވެސް ހިންގައިފަ އެވެ.