އަމިއްލަ އަށް ނިވޭ އައިފޯނުތަކުގެ ބެޓެރީ ބަދަލުކޮށްދެނީ
އަމިއްލަ އަށް ނިވޭ އައިފޯނުތަކުގެ ބެޓެރީ ބަދަލުކޮށްދެނީ

އައިފޯން 6އެސްގެ ބައެއް ފޯނުތަކުގެ ބެޓެރީގައި އުޅޭ މައްސަލައެއްގެ ސަބަބުން ކުއްލިއަކަށް ފޯނު ނިވޭތީ، އެ މައްސަލަ އުޅޭ ފޯނުތަކުގެ ބެޓެރީ ބަދަލުކޮށްދޭން އެޕަލް އިން ނިންމައިފި އެވެ.

އެޕަލް އިން ނެރުނު ބަޔާނެއްގައި ބުނީ މައްސަލަ އުޅެނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރާއި އޮކްޓޫބަރު މަހު އުފައްދާފައިވާ ބައެއް ފޯނުތަކުގައި ކަމަށެވެ. އަދި މި މައްސަލަ އުޅެނީ ވަރަށް މަދު އަދަދެއްގެ ފޯނުތަކުގައި ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

މި މައްސަލަ އުޅޭ ފޯނުތަކުގެ ބެޓެރީގައި ފުލްކޮށް ޗާޖު ހުއްޓާ ވެސް މަސައްކަތްކުރުން ހުއްޓި ނިވެ އެވެ. އެޕަލް އިން ބުނީ މި މައްސަލަ އުޅޭ ފޯނެއް ނަމަ އެ ފޯނެއްގެ ބެޓެރީ އެޕަލް އިން ހިލޭ ބަދަލުކޮށްދޭނެ ކަމަށެވެ.

ފޯނުގައި މި މައްސަލަ އުޅޭ ކަމަށް ބެލެވޭ ނަމަ އެޕަލް ސްޓޯރުތަކަށް ނުވަތަ އެޕަލްގެ ހުއްދައާ އެކު އައިފޯން ރިޕެއާކުރާ ތަނަކަށް ދިއުމުން މައްސަލަ ހައްލުކޮށްދޭނެ ކަމަށް އެޕަލް އިން ބުންޏެވެ.

ބެޓެރީ ބަދަލުކުރަން ހަވާލުކުރުމުގެ ކުރިން ފޯނުގެ ބެކަޕެއް ހެދުމަށް އެޕަލް އިން އެދިފައިވެ އެވެ. އަދި ސްކްރީން ތެޅިފައިވާ ފޯނެއް ނަމަ ބެޓެރީ ބަދަލުކުރުމުގެ ކުރިން އެކަން ރަނގަޅުކުރަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.

އެޕަލް އިން ބުނީ އައިފޯނު ވިއްކާ، މޯބައިލް ފޯނުގެ ހިދުމަތް ދޭ ކުންފުނިތަކުން ބެޓެރީ ބަދަލުކުރުމުގެ ޕްރޮގްރާމްގައި ނުހިމެނޭނެ ކަމަށެވެ.