އެއާ ޓްރެފިކް ކޮންޓްރޯލް ބޭރު މީހުންނަށް ދޭން ނިންމި ނިންމުން ބަދަލުކޮށްފި
އެއާ ޓްރެފިކް ކޮންޓްރޯލް ބޭރު މީހުންނަށް ދޭން ނިންމި ނިންމުން ބަދަލުކޮށްފި

ބޭރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނިތަކަށް އެއާޕޯޓާ އެކު، އެއާ ޓްރެފިކް ކޮންޓްރޯލް ހިންގަން ހުއްދަ ދޭން އިއްޔެ ނިންމި ނިންމުން ސަރުކާރުން ބަދަލުކޮށްފި އެވެ.

އެއާޕޯޓްތައް ބޭރު މީހުންނަށް ދޭން ނިންމުމާ އެކު ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި އޮއްވައި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިއްޔެ ގެޒެޓްކުރި ފޮރިން އިންވެސްޓްމަންޓް އުސޫލަށް ގެނައި ބަދަލުގައި ލިޔެފައިވާ ގޮތުން އޮޅުން އަރާފައިވާ ކަމަށާއި އެކަން އޮތް ގޮތް ސަރުކާރުން ސާފުކޮށްދޭނެ ކަމަށެވެ.

އެފްޑީއައިގެ ސިޔާސަތަށް އިއްޔެ ގެނައި ބަދަލާ އެކު، 50 އަހަރު ދުވަހުގެ މުއްދަތަކަށް ބޭރު ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓް ހިންގުމުގެ ހުއްދަ އިއްޔެ އިން ފެށިގެން ލިބެ އެވެ. ބޭރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނިތަކުން ޖެހެނީ ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ޑޮލަރު އިންވެސްޓް ކުރާށެވެ.

އިއްޔެ ގެޒެޓްކުރި އިސްލާހުގައި ބުނެފައި ވަނީ، އެ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގުމާއި އެއާޕޯޓު އަދި އެއާ ޓްރެފިކް ކޮޮންޓްރޯލް ކުރުމާއި ގްރައުންޑް ސާވިސް ހިދުމަތް ވެސް ފޯރުކޮށްދެވޭނެ ކަމަށެވެ.

މި އިސްލާހާ ގުޅިގެން އާންމުން ވަނީ ވަރަށް ބޮޑެތި ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ. ބައެއް ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި އެއާޕޯޓްތައް ހިންގަން ބޭރު ބަޔަކާ ހަވާލުކުރުމަކީ ގައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.