ހިޔާގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި
ހިޔާގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި

ކުޑަކުދިންގެ ހިޔާގައި އުޅޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ހިޔާގައި އުޅޭ ކުޑަކުއްޖަކާއެކު އުމުރުން 25 އަހަރުގެ މީހަކު އޭނާ ދިރިއުޅޭ ކޮޓަރީގައި ހުއްޓާ ފުލުހުން ވަނީ އެތަނަށް ގޮސް އެ މީހާ ހައްޔަރު ކޮށްފަ އެވެ. އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު އެ މީހާގެ ބަންދު އިތުރުކުރުމަށް ކޯޓަށް ގެންދިޔުމުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ދީފަ އެވެ.

ކްރިމިނަލް ކޯޓުން އޭނާ ބަންދު ކުރަން އަމުރު ކުރީ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވާފާނެތީ އަދި، އޭނާ ދޫކޮށްލާފައި ހުރެއްޖެ ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން އެ މީހާ ކުޑަކުއްޖާ ގްރޫމްކުރި ކަމަށް ބެލެވޭ ހެކި ވެސް ފުލުހުންނަށް ވަނީ ހޯދިފަ އެވެ. ފުލުހުން ބުނެފައިވަނީ އެ މީހާ އެ ކުއްޖާއަށް އެކި ކަންތައްތައް ކޮށްދޭ ކަމަށެވެ.

ތުހުމަތުކުރެވޭ މީހާ ކޯޓުގައި ބުނެފައި ވަނީ އެ ކުއްޖާއާ މެދު އެއްވެސް ގޯސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. ހިޔާގެ މުވައްޒަފުންނަށް ވެސް އެކަން އެނގޭނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

އެ މީހާ އަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ މައްސަލަތަކުގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ މީހެކެވެ. ނަމަވެސް، މިހާރު އުޅެނީ ރަނގަޅަށް ކަމަށް ބުނެ ބަންދަށް ލުއި ގޮތެއް ހަމަޖައްސައިދޭން ވެސް އޭނާ އެދުނެވެ.