14 ޖޫން 2021 - 10:07

އިޒްރޭލުގެ އާ ބޮޑުވަޒީރުގެ ހައިސިއްޔަތުން ރޭ މަގާމާ ހަވާލުވެވަޑައިގެންނެވި، ނަފްތާލީ ބެނެޓް، އޭނާގެ ފުރަތަމަ އިންޒާރު ވެސް އަމާޒު ކުރެއްވީ، އިސްލާމީ ގައުމުތަކުގެ ތެރެއިން، އެ ގައުމަކާ މެދު އިޒްރޭލުން އަބަދުވެސް ހަތުރުވެރި ސިޔާސަތެއް ގެންގުޅެމުން އަންނަ އީރާނަށާއި، ފަލަސްތީނުގެ ހަމާސް ޖަމާއަތަށެވެ.
ބޮޑުވަޒީރު ނަފްތާލީގެ އާ ސަރުކާރަށް ރުހުން ދިނުމަށް، އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް ކަނީސަތުގައި ރޭ ބޭއްވި ޖަލްސާގައި، އޭނާ ދެއްކެވި ވާހަކަފުޅު މައިގަނޑު ގޮތެއްގައި އަމާޒުކުރެއްވީ، އީރާނުގެ އެތެރޭގެ ސިޔާސަތުތަކުގެ މައްޗަށެވެ. ނަމަވެސް، އީރާންގެ ނިއުކްލިއާ ހަތިޔާރު މަނާކުރާ މުއާހަދާގައި، އެމެރިކާ އަލުން ބައިވެރިވުމަށް، އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ނިންމި ނިންމުމަށް ފާޑުވިދާޅުވެ އެކަމަށް ދެކޮޅުހެއްދެވި އެވެ.
"އީރާނުން އަމިއްލަ އަށް ނިއުކްލިއާ ހަތިޔާރުގެ ގާބިލްކަން ލިބިގަތުމަށް އިޒްރޭލުން ފުރުސަތެއް ނުދޭނަން. ނިއުކްލިއާ އެއްބަސްވުމުގެ ބައިވެރިއަކަށް އިޒްރޭލު ނުވާނެ، އަދި (އެކަމާ ދެކޮޅަށް) ފިޔަވަޅު އެޅުމުގެ ފުރިހަމަ މިނިވަންކަން ބޭނުންކުރުމުގައި އިޒްރޭލު ދެމިއޮންނާނެ،" ނަފްތާލީ ވިދާޅުވި އެވެ.
އޭނާގެ މި ވާހަކަތަކުން ދޭހަވަނީ، އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓުވުމަށްޓަކައި، އީރާންގެ ކަމާ ގުޅުން ހުރި ތަންތަނަށް ހަމަލާ ދޭން ބޭނުންވެއްޖެ ނަމަ، އެމެރިކާގެ ނުވަތަ އެހެން ގައުމެއްގެ ވެސް ރުހުން ހޯދުމަކާ ނުލައި، އަދި އެހެން ގައުމެއްގެ ބައިވެރިވުމެއް ނެތި، އިޒްރޭލުން ހަމަލާ ދޭނެ ކަމެވެ.
ނަފްތާލީ ވިދާޅުވީ އިޒްރާލުގެ އާ ސަރުކާރު ހިންގައިގަންނަން ފަށާއިރު، އިޒްރޭލުގެ އެންމެ ބޮޑު ދުޝްމަން ކަމަށްވާ އީރާންގެ ނިއުކްލިއާ މަޝްރޫއު މިހާރު އޮތީ ވަރަށް ނާޒުކު ހިސާބަކަށް ގޮސްފައި ކަމަށެވެ. އީރާނަށް ބަދަލުގައި އެތައް ބިލިއަން ޑޮލަރެއްގެ މަންފާ ލިބޭ ގޮތަށް ގާއިމުކުރި ނިއުކްލިއާ އެއްބަސްވުމުގެ ސަބަބުން، މެދުއިރުމައްޗަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އީރާނުން ވަނީ އެމީހުންގެ ގުދުސް ފައުޖާއި، އިންގިލާބީ ލަޝްކަރުގެ އެހީގައި، ސީރިޔާ އިން ފެށިގެން ގާޒާ އާއި ލެބަނާން އަދި ޔަމަންގައި ވެސް، އެމީހުންގެ ޓެރަރިސްޓް ވަކިތައް ހިއްޕާލާފައި. އީރާނާ އެކު ގާއިމުކުރި ނިއުކްލިއާ އެއްބަސްވުމުގައި އަލުން (އެމެރިކާ) ބައިވެރިވުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް. އޭގެ ސަބަބުން، ދުނިޔޭގައި އޮތް އެންމެ ނަސްލީ ތަފާތުކުރުން ގެންގުޅޭ އަދި އެންމެ އަނިޔާވެރި އަމަލުތައް ހިންގާ ސަރުކާރަށް، ޝަރުއީ ހައިސިއްޔަތު ލިބިދެވެނީ،" ނަފްތާލީ ވިދާޅުވި އެވެ.
މިދިޔަ މަހުގެ ތެރޭގައި އިޒްރޭލާއި، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތާ ދެމެދު ހިނގި ހަނގުރާމަ އަށް އިޝާރާތް ކުރައްވައި، ނަފްތާލީ ވިދާޅުވި ގޮތުގައި، އެ ހަނގުރާމައިން ހަނދާނަށް ގެނެސްދިނީ، ފަލަސްތީނު މީހުންނާ އެކު އުފެދިފައި އޮތް ކޯޅުން އަދިވެސް އެ ގޮތުގައި އެބަ އޮތް ކަމެވެ.
"އަހަރެމެން ހަނދާން ކުރަންޖެހޭނެ، އަދި މުޅި ދުނިޔެ އަށް ވެސް ހަނދާންކޮށްދޭން ބޭނުންވަނީ، އިޒްރޭލުގެ ބިމުގައި އަހަރެމެން ތިބުމަށް، އަހަރެމެންގެ ދުޝްމަނުން ދެކޮޅުހަދާ ކަމާއި، އެހެންކަމުން މިއީ ސަރަހައްދީ އިމުގެ މައްސަލައިގައި އުފެދިފައިވާ އަރައިރުމެއް ނޫން ކަން،" ނަފްތާލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރުގެ ހާލަތުގައި އިޒްރޭލަށް ބޭނުންވަނީ އަސްކަރިއްޔާ ވަރުގަދަ ކުރުމާ އެކު އާންމު ރައްޔިތުންގެ ކެތްތެރިކަމާއި ތަހައްމަލްކުރުމުގެ ގާބިލުކަމެވެ. އަދި ފަލަސްތީނު ރައްޔިތުންގެ އަމަލުތަކަށް ފަލަސްތީނު ރައްޔިތުން މަސްއޫލުވާންޖެހޭނެ ކަމަށާއި، އަނިޔާވެރި އަމަލުތަކަށް ރައްދު ލިބޭނީ ހަރުކަށި ގޮތެއްގައި ކަން ވެސް ދަންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިޒްރޭލުގެ ދެކުނުގައި ގާއިމުކުރި، ހަމަލާ ބަދަލުކުރުން ހުއްޓައިލުން އެގޮތުގައި ދެމިއޮންނާނެ ކަމަށް އަހަރެމެން އުންމީދު ކުރަން. ނަމަވެސް، ހަމާސް އަނެއްކާ ވެސް، އިޒްރޭލުގެ އާންމު ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތަކުގެ މަގު ޚިޔާރުކޮށްފި ނަމަ، އެމީހުންނާ ދެން ކުރިމަތިވާނީ އެކަތައިގެ ފާރެއް."
ނަފްތާލީގެ ވާހަކައިގައި އަރަބި ގައުމުތަކާ އެކު ސުލްހައިގެ އެއްބަސްވުންތައް ގާއިމުކޮށް، ސަރަހައްދުގެ އިގްތިސާދީ އަދި ސަގާފީ އެއްބާރުލުން އިތުރުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އިޒްރޭލުގެ ރައްޔިތުންގެ ގޮތުގައި ދިރިއުޅޭ އަރަބިންނާ އެކު، އިޒްރޭލުގެ ދައުލަތުން މުޅިން އާ ސަފްހާއެއް ހުޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އާ ކޯލިޝަން ސަރުކާރުގައި ޔުނައިޓެޑް އަރަބް ލިސްޓް ބައިވެރިވެފައި ވުމެވެ. އެ ޕާޓީގެ ހަތަރު މެމްބަރުން ކަނީސަތުގައި ތިއްބަވަ އެވެ. ނަފްތާލީ ވިދާޅުވީ ކޯލިޝަން ސަރުކާރުގައި އަރަބިން ބައިވެރިކުރުމަކީ، ކުރެވުނު ރަނގަޅު ކަމެއް ކަމަށާއި، އަރަބި މުޖްތަމައުގެ މީހުން ދިރިއުޅެމުންދާ ހާލަތާއި އެމީހުން ބޭނުންޖެހިފައިވާ ކަންކަން ވެސް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.