އިޒްރޭލުގެ ބޮޑުވަޒީރަކަށް ނަފްތާލީ ބެނެޓް، ނަތަންޔާހޫ ބޭރު
އިޒްރޭލުގެ ބޮޑުވަޒީރަކަށް ނަފްތާލީ ބެނެޓް، ނަތަންޔާހޫ ބޭރު

އިޒްރޭލުގައި އާ ސަރުކާރެއް ގާއިމުކުރުމަށް، ގުޅިފައިވާ އަށް ޕާޓީން އެކުލަވައިލި ކޯލިޝަނަށް، އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް ކަނީސަތުން ރޭ ރުހުން ދިނުމާ ގުޅިގެން، ޔަހޫދީ ދައުލަތުގެ އާ ބޮޑުވަޒީރުގެ ގޮތުގައި، ޔަމީނާ ޕާޓީގެ ނަފްތާލީ ބެނެޓް މަގާމުގެ ހުވާ ކުރައްވައި ވެރިކަމާ ހަވާލުވެވަޑައިގެންފި އެވެ.

އަށް ޕާޓީގެ ގުޅިފައިވާ ސަރުކާރަށް، ކަނީސަތުން ރުހުން ދިނުމާ ގުޅިގެން، މާޗް މަހުން ފެށިގެން ވަގުތީ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ބިންޔާމީންގެ، 12 އަހަރުވީ ވެރިކަން ނިމުމަކަށް އައީ އެވެ. ނަތަންޔާހޫ އަކީ މިހާރު ވެސް ކަނީސަތުގެ މެމްބަރަކަށްވާތީ، ބޮޑުވަޒީރުގެ މަގާމު ގެއްލުމާ އެކު، ކަނީސަތުގައި އެންމެ ގިނަ ގޮނޑި ލިބިފައިވާ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ދެން ހުންނަވާނީ، އިދިކޮޅު ލީޑަރުގެ ގޮތުގަ އެވެ.

އާ ސަރުކާރަށް ރުހުން އޮތްތޯ ބެލުމަށް، ކަނީސަތުގައި ރޭ ނެގި ވޯޓުގައި، ކޯލިޝަން ސަރުކާރަށް، ކަނީސަތުގެ 60 މެމްބަރުން ވޯޓު ދެއްވި އެވެ. ކަނީސަތުގެ 120 މެމްބަރުންގެ ތެރެއިން، އާ ސަރުކާރަށް ވޯޓު ނުދެއްވާ 59 މެމްބަރުން ތިއްބެވި އެވެ. ސަރުކާރަށް ރުހުން ލިބުމާ ގުޅިގެން، އާ ކެބިނެޓް ވެސް ރޭ މަގާމުގެ ހުވާ ކުރެއްވި އެވެ.

ކަނީސަތުގައި ޖުމްލަ 120 މެމްބަރުން ތިއްބަވާ އިރު، އޭގެ ތެރެއިން ސަރުކާރު ކޯލިޝަންގައި ހިމެނޭ އަށް ޕާޓީ އަށް ނިސްބަތްވާ މެމްބަރުންގެ ޖުމްލަ އަދަދަކީ 62 އެވެ. އެއީ ޔޭޝް އަތީދް ޕާޓީގެ 17 މެމްބަރުންނާއި، ބްލޫ އެންޑް ވައިޓް ޕާޓީގެ އަށް މެމްބަރުންނާއި، ޔަމީނާ ޕާޓީގެ ހަތް މެމްބަރުންނާއި، ލޭބާ ޕާޓީގެ ހަތް މެމްބަރުންނާއި، ޔިސްރާއީލް ބެއިތެއިނޫގެ ހަތް މެމްބަރުންނާއި، ނިއު ހޯޕް ޕާޓީގެ ހަ މެމްބަރުންނާއި، މެރޭޓްޒް ޕާޓީގެ ހަ މެމްބަރުން އަދި ޔުނައިޓެޑް އަރަބް ލިސްޓްގެ ހަތަރު މެމްބަރުންނެވެ.

އިޒްރޭލުގައި އާ ސަރުކާރެއް އެކުލަވައިލުމަށް، މި އަށް ޕާޓީގެ މެދުގައި އެއްބަސްވުމެއް ގާއިމުކުރީ މި މަހުގެ 2 ވަނަ ދުވަހު އެވެ. ކޯލިޝަން އެއްބަސްވުމުގައިވާ ގޮތުން، ހަތަރު އަހަރުގެ ދައުރުގައި މި ކޯލިޝަނުން ވެރިކަން ކުރާނީ، ދެ ޕާޓީއެއްގެ މެދުގައި ދައުރު ބަހާލައިގެންނެވެ.

އެ ގޮތުން ފުރަތަމަ ދެ އަހަރުގެ ތެރޭގައި، ސެޕްޓެމްބަރު 2023ގެ ނިޔަލަށް ބޮޑުވަޒީރެއްގެ ގޮތުގައި ހުންނަވާނީ، ޔަމީނާ ޕާޓީގެ ނަފްތާލީ ބެނެޓް އެވެ. ވެރިކަމުގެ ދައުރުގެ ފަހު ދެ އަހަރު، ނޮވެމްބަރު 2025ގެ ނިޔަލަށް، ބޮޑުވަޒީރުގެ މަގާމު ފުރުއްވާނީ ޔެޝް އަތީދު ޕާޓީގެ ޔައީރް ލަޕީޑް އެވެ

އިޒްރޭލުގައި އާ ސަރުކާރެއް މި އެކުލަވައިލީ، މިއަހަރުގެ މާޗް 23 ވަނަ ދުވަހު ބޭއްވި އާންމު އިންތިހާބު (މިދިޔަ ދެ އަހަރުގެ ތެރޭގައި ބޭއްވި ހަތަރު ވަނަ އިންތިހާބު)ގައި، އެންމެ ގިނަ ގޮނޑި (30) ކާމިޔާބު ކުރި ޕާޓީގެ ހައިސިއްޔަތުން، އާ ސަރުކާރެއް އެކުލަވައިލުމަށް، އޭރުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އަށް ލިބުނު ފުރުސަތުގައި، އާ ސަރުކާރެއް އެކުލަވައިނުލެއްވުމުންނެވެ. އާ ސަރުކާރެއް އެކުލަވައިލެއްވުމަށް ނަތަންޔާހޫ ކުރެއްވި މަސައްކަތުން ވެސް، ކަނީސަތުގެ އަގުލަބިއްޔަތު ލިބޭ ވަރަށް، އޭނާގެ ލީކޫޑް ޕާޓީއާ ގުޅޭނެ އިތުރު ޕާޓީތަކެއް ނުވި އެވެ.

އިންތިހާބުގެ ނަތީޖާގައި އެއްވެސް ޕާޓީއަކަށް ކަނީސަތުގެ އަގުލަބިއްޔަތު ނުލިބުމުން، އިޒްރޭލުގެ ރައީސް ރެއުވިން ރެވްލިން ވަނީ، އެޕްރީލް 5 ވަނަ ދުވަހު، ކަނީސަތުން ޖާގަ ހޯދި ހުރިހާ ޕާޓީތަކުގެ ވެރިންނާ ބައްދަލުކުރައްވައި، ބޮޑުވަޒީރުކަމަށް އެ ޕާޓީތަކުން ހުށަހަޅާ ނަންތައް ހޯއްދަވައިފަ އެވެ. އެ ގޮތުން ހުށަހެޅުނު ތިން ނަމަކީ، ނަތަންޔާހޫގެ އިތުރުން، ޔައީރް ލިޕީޑް އާއި ނަފްތާލީ ބެނެޓް އެވެ.

އެއަށް ފަހު މެއި 4ގެ ނިޔަލަށް އާ ސަރުކާރެއް އެކުލަވައިލުމަށް ނަތަންޔާހޫ އަށް ދިން މުހުލަތު ހަމަވި އިރުވެސް އާ ސަރުކާރެއް އެކުލަވައިނުލެވުމުން، އާ ސަރުކާރެއް އެކުލަވައިލުމުގެ ދައުވަތު، މެއި 5 ވަނަ ދުވަހު، ޔައީރް ލިޕީޑް އާއި ނަފްތާލީ ބެނެޓް އަށް، އެ ގައުމުގެ ރައީސް ދެއްވި އެވެ.

މި ދެ ބޭފުޅުން ބޮޑުވަޒީރު ކަމުގެ މަގާމު ދެ އަހަރުން ބަދަލުކުރެއްވުމަށް އެއްބަސްވެ، އިތުރު ޕާޓީތަކާ އެކު، ކަނީސަތުގެ 62 ގޮނޑި ކަށަވަރުކޮށް، ރައީސް ރެއުވިން ރެވްލިން އަށް ހުށަހެޅުއްވީ، މި މަހުގެ 2 ވަނަ ދުވަހު އެވެ.

އަށް ޕާޓީގެ ގުޅިފައިވާ ސަރުކާރަށް ކަނީސަތުގައި ލިބިފައިވަނީ އެންމެ 62 ގޮނޑި ކަމަށް ވާއިރު، މީގެ ތެރެއިން އެންމެ ޕާޓީއެއް ވެސް، ކޯލިޝަނުން ވަކިވެއްޖެ ނަމަ، ކޯލިޝަން ސަރުކާރު ނިމުމަކަށް އަންނާނެ އެވެ. އެހެން ވެއްޖެ ހާލަތެއްގައި، އާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތު، ކުރީގެ ބޮޑުވަޒީރު ނަތަންޔާހޫ އަށް ލިބުމުގެ ފުރުސަތު އޮންނާނެ އެވެ. ނުވަތަ އާ އިންތިހާބެއް ބާއްވަން ވެސް ޖެހިދާނެ އެވެ.