14 ޖޫން 2021 - 09:39

ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ކަމަށް ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ހޮވިއްޖެ އެވެ.
ފަނޑިޔާރުންގެ ޖަމިއްޔާގެ މަސައްކަތް މަޑުޖެހިފައި އޮންނަތާ ދުވަސްތަކެއް ފަހުން އަނެއްކާވެސް ޖަމިއްޔާ ހަރަކާތްތެރިވާން ފަށާފައިވާއިރު، އިއްޔެ ވަނީ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ މެމްބަރުން ހޮވުމުގެ އިންތިހާބު ބާއްވައިފަ އެވެ.
އިންތިހާބަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގައި ޖަމިއްޔާގެ ރައީސް ކަމަށް އެހެން އެއްވެސް ފަނޑިޔާރަކު ކުރިމަތިލާފައި ނުވާތީ ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ވަނީ އޮޓަމެޓިކުން އެ މަގާމަށް ހޮވިފަ އެވެ.
މީގެ ކުރިން ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސްކަން ކުރެއްވީ ވެސް ހައިކޯޓުގެ ފަނޑިޔާރެކެވެ. އެއީ އެ ކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އެވެ.
އެ ޖަމިއްޔާގެ ނައިބު ރައީސް ކަމަށް ވާދަ ކުރެއްވީ ގދ. ގައްދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު އަބްދުﷲ ޝަނީޒް އިބްރާހިމާއި ދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު އަހުމަދު އާމިރެވެ. 66 ވޯޓާއެކު އެ މަގާމަށް އިންތިހާބުވެވަޑައިގަތީ މެޖިސްޓްރޭޓު އާމިރެވެ. މެޖިސްޓްރޭޓު ޝަނީޒްއަށް ލިބިވަޑައިގަތީ 48 ވޯޓެވެ.
އެހެން އެއްވެެސް ބޭފުޅަކު ވާދަ ނުކުރައްވާތީ ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް، އިންތިޒާމް ސެކެޓްރީ، ހަޒާންދާރު، ހަޒާންދާރުގެ އެހީތެރިޔާ، އަދި ތަރުޖަމާނު ކަމަށްވެސް ބޭފުުޅުން އިންތިހާބުވީ އޮޓަމެޓިކުންނެވެ.
އެގޮތުން، ސެކެޓްރީ ޖެނެރަލްއަކަށް ސިވިލް ކޯޓުގެ ގާޒީ ޒުބެއިރު މުހައްމަދު، އިންތިޒާމް ސެކެޓްރީއަކަށް އއ. އުކުޅަހު ކޯޓުގެ އިސްމެޖިސްޓްރޭޓު އަހުމަދު މުއާވިޔަތު ގާސިމް، ހަޒާންދާރު ކަމަށް ސިވިލް ކޯޓުގެ ގާޒީ އަޒްފާ އަބްދުއްރައޫފް، ހަޒާންދާރުގެ އެހީތެރިޔާއަށް ރ. ކިނޮޅަހު މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު އިބްރާހިމް ޒާހިރު އަދި ތަރުޖަމާނު ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު ވެސް އިންތިހާބުވެފަ އެވެ.
ހިންގާ ކޮމިޓީގައި އިތުރު މެމްބަރުންނަށް ހަތަރު މަގާމު އޮންނަ އިރު އެ މަގާމުތަކަށް ފަސް ބޭފުޅުން ކުރިމަތިލެއްވި އެވެ. އޭގެ ތެރެއިން އިންތިހާބުވެފައި ވަނީ ނ. ވެލިދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު އަހުމަދު ސައީދު އަލީ، ތ. ހިރިލަންދޫ މެޖިސްޓްރޭޓު ކޯޓުގެ އިސްމެޖިސްޓްރޭޓު އަބްދުﷲ ހުސެއިން، ލ. މާވަށު މެޖިސްޓްރޭޓު ކޯޓުގެ އިސްމެޖިސްޓްރޭޓު އިސްމާއިލް މާހިރު، އަދި ށ. މިލަންދޫ މެޖިސްޓްރޭޓު ކޯޓުގެ އިސްމެޖިސްޓްރޭޓު ހަސަން ޝިޔާމެވެ.
މިދިޔަ ހޮނިހިރު ދުވަހު ފަނޑިޔާރުންގެ ޖަމިއްޔާއިން ވަނީ ފަނޑިޔާރުންގެ އަހަރީ ބައްދަލުވުން ވެސް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ވަނީ މެޖިސްޓްރޭޓުންނަށް ދިމާވާ ދަތިތަކާ ބެހޭގޮތުން ކަރުދާސްތަކެއް ހުށަހަޅައިފަ އެވެ.